2024-07-25

ނޫނަށް އާރުޓީއެލް

 




ރައްޔިތުން ރަށު ބަންދުން މިންޖުކުރުމަށް ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅުވައިލުމަކީ އެމްޑީޕީގެ ވައުދެއް. އެމްޑީޕީގެ ފުރަތަމަ ވެރިކަމާއެކު އެކަމަށްޓަކައި މަސައްކަތްތައް ފެށި. ފެރީ ނިޒާމުގެ މުހިންމުކަން ރައްޔިތުންނަށް ގަބޫލުކުރެވި އެ ޚިދުމަތް ގިނަ ރައްޔިތުން ބޭނުންކުރަންފެށި. ދަތުރުފަތުރު ނިޒާމު މަގުބޫލު ޚިދުމަތަކަށް ވުމާއެކު އެޚިދުމަތް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް އެމްޑީޕީގެ ދެވަނަ ވެރިކަމާއެކު ފެށި.

ކުޑަ ޚަރަދަކުން އަރާމު ގޮނޑީގައި ބާރު ސްޕީޑްގައި އެއްރަށުން އަނެއްރަށަށް ދެވޭނެ ފެރީ ނިޒާމު، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ޚިދުމަތްފެށި. އަތޮޅަކަށްފަހު އަތޮޅެއްގައި އެޚިދުމަތް ތައާރަފްކުރެވެން ފެށުމާއެކު ޚިދުމަތް ނުލިބޭ އަތޮޅުތަކުން އެޚިދުމަތް އަވަސްކުރުމަށް އެދި މަސައްކަތް ކުރަންފެށި.

ނ.އަތޮޅުގައި އާރުޓީއެލް ޚިދުމަތް ނުފެށި ލަސްވާތީ އެކަންބޮޑުވުން، އެކި ފަހަރު މަތިން އަތޮޅުގެ މަޖިލިސް މެންބަރުންނާއި ކައުންސިލްތަކުން ކުރި. ޚިދުމަތް ފެށުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއްވެސްކުރި. ތައްޔާރުތަކެއްވެސްވި. މިކަމާ ގުޅޭގޮތުން އޭރުގެ ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އުންމީދީ ވާހަކަތަކެއް ވިދާޅުވެފައި. އެހެނަސް ވެރިކަން ބަދަލުވިއިރު ޚިދުމަތް ފެށޭ ގޮތެއްނުވި.

މިއަދަކީ (25 ޖުލައި 2024) ފަސޭހަ، އަވަސް ފެރީ ނިޒާމަށް ނ.އަތޮޅުގެ ރައްޔިތުން ކުރަމުންދިޔަ އިންތިޒާރަށް ނިމުން ގެނުވި ދުވަސް. އާރުޓީއެލް ޚިދުމަތް ނ.އަތޮޅުގައި ފެށުމަކީ ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް، އުފަލެއް. ރައްޔިތުންނަށް މި ލިބެންފެށި ފަސޭހަ އަވަސް ޚިދުމަތް ހަގީގަތަކަށް ހެއްދެވުމަށް މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ނިހާޔަތަށް ޝުކުރުވެރިވަން. الحمد لله رب العالمين

2024-05-27

ހިތްހަމަޖެހުމާއެކު...

 

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ވެލިދޫ ދާއިރާގެ، އާދެ! ފޮއްދޫ، ޅޮހި، ވެލިދޫގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ހޯއްދަވައިދެއްވި ފުރުސަތު މާދަމާ (28 މެއި 2024) ހަމަވާނެއެވެ. އެ ފުރުސަތު ހޯއްދަވައި ދެއްވި ކަމަށްޓަކައި މިއަދުވެސް ވެލިދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ރައްދުކުރަމެވެ.

 

ވާދަވެރި އިންތިޚާބަކުން ވެލިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަލްއަޚް މުޙައްމަދު ޢައްބާސް، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރުކަމުގެ ހުވާ މާދަމާ ކުރައްވާނެއެވެ. އަޅުގަނޑުގެ ހުރިހާވެސް ހެޔޮއެދުމަކާއި ހުރިހާވެސް ތަހުނިޔާއެއް އަރިސްކުރަމެވެ. ހުރިހާވެސް ކާމިޔާބީއަކަށާއި ހުރިހާވެސް ފާގަތިކަމަކަށް އެދެމެވެ.

 

މަގާމުގެ މުއްދަތު ހަމަވެގެން އަޅުގަނޑު މިވަކިވަނީ މަގާމާ ހަވާލުވި ދުވަހަށްވުރެ ހިތްހަމަޖެހިފައި ހުރެއެވެ. ޤާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނާ ގޮތުގެ މަތިން މަގާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް އެންމެ އެކަށޭނަގޮތުގައި އަދާކުރިކަމުގެ ހިތްހަމަޖެހުމެވެ. ހާޒިރީއަށް ފަރުވާ ބަހައްޓައި މަޖިލީހުގެ ޖަލްސާތަކުގައާއި ކޮމިޓީ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވިކަމުގެ ހިތްހަމަޖެހުމެވެ. ޤައުމާއި ރައްޔިތުންގެ ހައްގުގައި ޚާއްސަގޮތެއްގައި ވެލިދޫ ދާއިރާ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރިކަމުގެ ހިތްހަމަޖެހުމެވެ. ރައްޔިތުންގެ މަންދޫބެއްގެ ގޮތުން ރައްޔިތުންނާ ގާތުން މަސައްކަތްކުރިކަމުގެ ހިތްހަމަޖެހުމެވެ. ނާޖާއިޒު ނުފޫޒެއްގައި ނުޖެހި، މާލީ ނުވަތަ އެނޫންވެސް މަންފާއަކަށް ދީލައި ނުލައި ސާބިތުކަމާއެކު އެއް އަމާޒަކަށް ދަތުރުކުރި ކަމުގެ ހިތްހަމަޖެހުމެވެ.

 

2022-06-10

ކުށްވެރިކޮށްފައި ވަނިކޮށް، ކުއްލި މައްސަލައެއް

 

ހަގީގަތް އޮޅުވައިލާ ފިތުނަވެރިކަން އުފައްދާ، ރައްޔިތުންގެ މެދުގައި އެމްޑީޕީއާމެދު ނަފުރަތު އުފެއްދުމުގެ ބޭނުމުގައި ރާވައިގެން އެތައް މަސައްކަތްތައް ކުރެއެވެ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގައި މިފަދައިން ކަންތައްތައް ހިނގުމަކީ އާންމު ކަމެކެވެ. އެހެނަސް އިސްލާމް ދީނާއި ކީރިތި ރަސޫލާއާ ގުޅުވައި މިފަދަ ފިތުނަވެރި ވާހަކަތައް ފެތުރުމަކީ ނުހަނު ހިތާމަހުރިކަމެކެވެ

ދަންނަވަން މިއުޅެނީ 6 ޖޫން 2022 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގެ ވާހަކައެވެ. އެ މައްސަލައަށް ވޯޓުދިން ގޮތާ ގުޅޭގޮތުން ސަރުކާރާ ދެކޮޅު ފަރާތްތަކުން ފަތުރަމުންދާ ހަގީގަތާ ޚިލާފު ވާހަކައެވެ. ކުއްލި މައްސަލަ ހުށަހެޅީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. މައްސަލައިގާ ބުނެފައި އޮތީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާއަށް އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ނުކުރާ ކަމަށާއި އެ މައްސަލަ ކުށްވެރި ކުރުމަށް ސަރުކާރަށް ގޮވައިލާ ކަމަށެވެ.

2018-11-11

ދައުރު ފެށޭ ޖުމްހޫރީ ދުވަސް - މާނައެއްނެތި

 

ރަސްކަމުގެ ދިގު ތާރީޚަކަށްފަހު ރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ވެރިކަން އުފެދުނީ 1 ޖެނުއަރީ 1953 ގައެވެ. ވެރިޔަކަށް ހުންނެވީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މި ޖުމްހޫރިއްޔާ ދެމިއޮތީ އެންމެ ހަތްމަހާ އެކާވީސްދުވަހަށެވެ. ޖުމްހޫރީ ވެރިކަން ދިވެހީންނަށް ކަމުނުދިޔައީއެވެ. އަނެއްކާވެސް ރަސްކަމަކަށް ބަދަލުކުރީއެވެ. 7 މާރިޗު 1954 ގައި ރަސްކަމަށް އިސްކުރީ އައްސުލްޠާން މުޙައްމަދު ފަރީދު ދީދީއެވެ.

މުޙައްމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތް ނަމަވެސް ވެރިކަމުގެ ނިޒާމު އަނެއްކާވެސް ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ ޚިޔާލުތައް 1965 ގައި ރާއްޖެ މިނިވަން ވީއްސުރެ ރާއްޖޭގެ ސިޔާސީ ވެރިން ކުރައްވަމުން ގެންދެވިއެވެ. އެންމެފަހުން ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ އާންމު ސިއްރު ވޯޓެއް 15 މާރިޗު 1968ގައި ނެގިއެވެ. މިވޯޓުގައި، ވޯޓުދިން މީހުންގެ 81 އިންސައްތަ މީހުން ވޯޓު ދިނީ ޖުމްހޫރީ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށެވެ.


ރައްޔިތުންގެ ނިންމުމާއެއްގޮތަށް ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނެވެ. އެއީ 11 ނޮވެމްބަރ 1968 ގައެވެ. ރައީސަކަށް އިންތިޚާބު ކުރެވުނީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ރާއްޖޭ ޖުމްހޫރީ ދުވަސް ފާހަގަ ކުރެވެމުންމިދަނީ އެ ދުވަހާ ގުޅުވައިގެންނެވެ. އެ ދުވަހަކީ ދުނިޔޭގައިވެސް ތާރީޚީ ދުވަހެކެވެ. އެއީ ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމަ 11 ނޮވެމްބަރު 1918 ގައި ނިމުނުތާ 50  އަހަރުވީ  ރަންޔޫބީލު  މުނާސަބަތުގެ  ތާރީޚީ  ދުވަހެވެ.

ޖުމްހޫރީ ދުވަސް އެ ދުވަހަކަށް ޚާއްސަވެގެންދާ ދެވަނަ ޖުމްހޫރިއްޔާގެ ރަސްމިއްޔާތު ފެށުނީ 10 ނޮވެމްބަރު 1968 ވީ އާދީއްތަ ދުވަހުގެރެއެވެ. ޖަލްސާ ފެށުނީ އެރޭ 9:30 ގައެވެ. ޖަލްސާގައި ފުރަތަމަ އޮތީ މި ޖުމްހޫރިއްޔާގެ ރައްޔިތުންގެ މަޖިލިސް މެންބަރުން ހުވާކުރެއްވުމެވެ. މިގޮތުން  43  މެންބަރުން  ހުވާކުރެއްވިއެވެ. މެންބަރުން ހުވާކުރައްވައި ނިމުނީ ރޭގަނޑު 11 ޖެހިއިރުއެވެ. އެޔާއެކު ޖަލްސާ މެދުކަނޑާލިއެވެ. އަލުން ޖަލްސާ ފެށުނީ މެންދަމު  12  ޖެހިއިރުއެވެ. މި  ޖުމްހޫރިއްޔާ ގާއިމުކުރެވުނީ، 11 ނޮވެންބަރު 1968ގެ 00:00 ގައެވެ. އެވަގުތު  ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ރައްޔިތުންގެ  މަޖިލީހަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރެއްވި އެވެ.

2015-07-09

"ކުރެވުނީ ކޮން އިހުސާސެއް" ޖޯކަކަށް

 

މި ފަހަކަށް އައިސް ހަވީރު އޮންލައިންގެ ލިޔުންތަކުގައި ތިރީގައި "މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހްސާސެއް؟" މިހެން އޮވެއެވެ. މި ސުވާލަށް ދޭނެ އިޚްތިޔާރީ 4 ޖަވާބެއްވެސް އޮވެއެވެ. "ދެރަވި" "އުފާވި" "ރުޅިއައި" "މައުލޫމާތު މުއްސަނދިވި" އެވެ. މި ހަތަރު ޖަވާބު ޚިޔާރުކުރުމުގައި ނޫހުގެ ކިޔުންތެރިންގެ ނިންމުންތައް ބައެއްފަހަރު ހުންނަގޮތުން ސުވާލު އުފެދެއެވެ. ހަވީރުން މިކަން ކުރި ސަބަބާއި މަގްސަދާ ގުޅޭގޮތުން ސުވާލު އުފެދެއެވެ.

މިސާލެއް ނަގާނަމެވެ. 1 ޖުލައި 2015 ވަނަ ދުވަހުގެ ޚަބަރެކެވެ. ސުރުޚީއަކީ "މިއީ ބަގާވާތެއް، މިކަން ހުއްޓުވަން ބޭރުން އެހީވެދީ: ނައިބްރައީސް" އެވެ. ސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމަކީ ބޭސްފަރުވާއަކަށް ނައިބްރައީސް ޑރ.ޖަމީލް ސްރީލަންކާއަށް ވަޑައިގަތުމަށްފަހު، ކުއްލިގޮތަކަށް އިނގިރޭސިވިލާތައް ވަޑައިގެން ހުންނަވާ ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއު އެކެވެ. ހަވީރުގެ އިހްސާސްތައް ދައްކާގޮތުން މިލިޔުން ކިޔާފައި ގިނަބަޔަކު އައީ ރުޅިއެވެ. ރުޅި އައީ ކީއްވެ ހެއްޔެވެ؟ ޑރ.ޖަމީލް އާ މެދު ސަރުކާރުން ކަންތައް ކުރާ ގޮތުން ތޯއެވެ. ޖަމީލް އެފަދަ ވާހަކައެއް ވިދާޅުވުމުންތޯ އެވެ. އުފާވި ބަޔަކާއި ދެރަވި ބަޔަކުވެސް އެބަ ތިއްބެވެ. ދެރަވީ ޖަމީލް އެހެން ވިދާޅުވުމުންތޯއެވެ. ނޫނީ ޖަމީލާ މެދު ކަންތައް ވަމުންދާ ގޮތުންތޯއެވެ. ނޫނީ ސަރުކާރުގެ ނިންމުންތަކުންތޯއެވެ. އުފާވި މީހުން އުފާވީ ކޮން ސަބަބަކާ ހުރެބާއެވެ.

2015-01-10

އޭކަން މިހާރު އޯކޭ

މީގެ ދެތިން އަހަރު ކުރިން، މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަންގެ ޝޯއެއް ރާއްޖޭގައި ބާއްވާނެކަން އިއުލާންކުރިއެވެ. އެކަމަށްޓަކާ މަސައްކަތްތަކެއްވެސް ކުރިއެވެ. ޝޯ ބާއްވާނެ ތާރީޚަކީ 23 ޖުލައި 2010 ކަމުގައިވެސް ކަނޑައެޅިއެވެ. އެހެނަސް އެޔާއެކު ކުރިމަތި ކުރީ ހުރަސްތަކެވެ. ސިޔާސީ ގޮތުން ސަރުކަރާ އިދިކޮޅު ފަރާތްތައް އަޑީގައި ތިބެގެން ހިންގި ކަންތައް ތަކުގެ ސަބަބުން އޭކަން ރާއްޖެ އައިސް ޝޯ ދިނުމަކީ އިސްލާމްދީނާ ޚިލާފް ކަމެއްގެ ގޮތުގައި ސިފަކުރިއެވެ. އެކަމުގައި ނަގާކިޔަންތިބީ ދީނީ ދަންނަބޭކަލުންނެވެ. އެ ޝޯ ހުއްޓުވުމަށް ތަފާތު ގޮތްގޮތަށް މަސައްކަތް ކުރަންފެށިއެވެ. އެންމެފަހުން އެ ޝޯ ކެންސަލްކުރިއެވެ.

2014-11-02

ޓީޖީއެސްޓީ ބޮޑުކުރުން ރައްޔިތުންނަށް އިތުރު ބުރައެއް



ދުވަހެއް ދުވަހަކަށް އިވެނީ ރައްޔިތުންނަށް ޚަރަދު ބޮޑުވާނެ ގޮތަށް ކަންކަން ރޭވެމުންދާ ވާހަކަ އެވެ. މިކަމާ ސޯޝަލް މީޑިއާގައި ގިނަބަޔަކު ޚިޔާލު ފާޅުކޮށް ލިޔުނަސް އެއްވެސް ކަމަކަށް އެއްވެސް ކަހަލަ އެދެވޭ ނަތީޖާއެއް ނާދެއެވެ. އެއްވެސް ސަބަބަކާ ނުލާ ޕާސްޕޯޓްގެ އަގުބޮޑު ކުރީއެވެ.

މިފެށުނު ނޮވެމްބަރު މަހާއެކު ޓޫރިޒަމް ދާއިރާއިން ދޭ ޚިދުމަތްތަކުން ނަގާ ޓެކްސް %8 އިން %12 އަށް ބޮޑުވީއެވެ. މިކަން މިގޮތަށް ކުރަން ނިންމައި ސަރުކާރުން ބުނަމުންދިޔައީ އެއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ނެގޭ އެއްޗެއް ކަމަށާއި އެކަމުން ދިވެހި ރައްޔިތުންނަށް ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް، ޓީޖީއެސްޓީ ބޮޑުކުރުމާއެކު އެތެރޭގެ އުދުހުންތަކުގެ އަގު އުފުލިއްޖެއެވެ. މިހާރުވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިގެ މަގުން ދަތުރުކުރުމެކޭ އަވައްޓެރި ސްރީލަންކާއަށް ދަތުރުކުރުމެކޭ އެއްވަރެވެ. އެހާލަތުގައި އަގު އޮންނާތީ އެކަމުގެ ޝަކުވާ ކޮށްކޮށް ތިއްބާ އެއަގު އަނެއްކާ ބޮޑުވީއެވެ.

2014-10-05

ޕާސްޕޯޓް އަގުބޮޑުކުރުމުން ޝަކުވާކުރުމުގައި




އަންނަ ނޮވެމްބަރު މަހުން ފެށިގެން ޕާސްޕޯޓް ހަދައިދޭ އަގުތައް ބޮޑުކުރިކަން އިމިގްރޭޝަން ޑިޕާޓްމަންޓުން އިއުލާން ކޮށްފިއެވެ. މިއީ ރައްޔިތުން ކުރަންޖެހޭ ޚަރަދުގެ ތެރެއަށް އިތުރުވި ފައިސާ އެކެވެ. ޕާސްޕޯޓް މިހާރު ހައްދައިދޭ އަގާ ބަލާއިރު، ނޮވެމްބަރުން ފެށިގެން ހައްދައިދޭނެ އަގު ބޮޑު ވުމާއެކު ރައްޔިތުން ދަނީ އެޝަކުވާ ކުރަމުންނެވެ. މިއަދު ރައްޔިތުން އެ ޝަކުވާ ކުރަނީ ކޮށްލާ ކޮމެންޓަކުންނެވެ. ކޮށްލާ ޓްވީޓަކުންނެވެ. ފޭސްބުކް ގައި ލިޔެލާ ސްޓޭޓަސް އަކުންނެވެ.

2014-08-25

ހަމަހަމަކަން ނެތުމުގެ ހިތްދަތިކަން




ވީނުވީ ގޮތެއް ނޭގި ގެއްލިފައިވާ ރިޟްވާންގެ މަންމަގެ މި ވީޑިއޯ ފެނުމުން އަޅުގަނޑަށް ވަރަށް ފުން އަސަރެއް ކޮށްފިއެވެ. މިޔާއެކު އަޅުގަނޑުގެ ހަނދާނަށް އައީ މީގެ ނުވަ ވަރަކަށް އަހަރު ކުރީގެ ހާދިސާއެކެވެ. 

އެއީ 2005 އޮކްޓޯބަރު 2 ވަނަ ދުވަހެވެ. ނޫސްވެރިއެއްގެ ގޮތުގައި އަޅުގަނޑު ހުރީ ހިނގަމުންދިޔަ ޝަރީޢަތް ކަވަރު ކުރާށެވެ. ދަރުބާރުގޭ ފާށަނާ މާލަމުގައި ކުރިއަށް ދިޔައީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު މާލޭގައި ހިންގި ހަމަނުޖެހުންތަކުގެ ޝަރީއަތެވެ. އެ މައްސަލައިގާ ދައުލަތުން ދައުވާކުރި 3 މީހަކަށް އެދުވަހު ހުކުމް ކުރިއެވެ. ފަނޑިޔާރު ހުކުމް އިއްވެވުމާއެކު، ޝަރީޢަތް އަޑުއަހަން ވަދެ އިން ދެބައި އުމުރުގެ އަންހެނަކު ރޮމުން ހަޅޭއްލަވަމުން އެ ހޯލުތެރޭގައި ދުވަންފެށިއެވެ. އެމީހާ ގޮވަމުންދިޔައީ މިހެންނެވެ. "އަހަރުމެން ނިކަމެތިވީމަ އަހަރުމެންގެ ދަރިންނަށް ހުކުމް އިއްވާ ޖަލަށްލަނީ... މަތީ މީހުންގެ ދަރިން އެތިބީ ކޯޓަށް ނުވެސް ގެނެސް ރާއްޖޭން ބޭރުގަ..." އެމީހާ އިޝާރާތް އެކުރީ އެމައްސަލައިގާ ހިމެނޭ މ.ސިލްވަރކްލައުޑް އަޙްމަދު ޒިޔާ ޢައްބާސްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނިކޮށް އޭނާ ފުރައިގެންގޮސް އިނގިރޭސިވިލާތުގައި ހުރުމާއި މައްސަލައިގާ ހިމެނޭ އެހެން މީހުންގެ މައްޗަށް ޝަރީޢަތް ހިންގާ ހުކުމް ކުރި ކުރުމަށެވެ.

2014-08-21

މޮޔަމީހާ ގެއްލުވާލުން – އެތައް ބަޔަކަށް ދިން އިންޒާރެއް




ސޯޝަލް މީޑިއާގައި "މޮޔަމީހާ"ގެ ނަން ބޭނުންކުރަމުންދާ، މިނިވަން ނޫހުގެ ނޫސްވެރިޔާ މ.ޝައިނިންގ ސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲ (28އ) ގެއްލުމަކީ އެތައް ބަޔަކަށް ލިބުނު ސިހުމެކެވެ. އޭނާއަށް ވީނުވީ ގޮތެއް ނޭނގި ދުވަސްތައް ފާއިތުވަމުން ދިއުމަކީ އަދި މާ ކަންބޮޑުވުން އިތުރުވާ ކަމެކެވެ. 7 އޮގަސްޓް 2014 އިން ފެށިގެން މިއަދާ ހަމައަށް ހިނގާދިޔަ ދުވަސްތަކުގައި އިވުނު އަޑުތަކަށް ބަލާއިރު ރިޟްވާނު ގެއްލުނީއެއް ނޫނެވެ. ދުރާލާ ރާވައިގެން ބަޔަކު އޭނާ ގެއްލުވާލީ އެވެ. ފުލުހުންގެ ތަހުގީގަކުންވެސް މާބޮޑު މައުލޫމާތެއް ނުލިބެއެވެ. 

ރިޟްވާނަކީ ސޯޝަލް މީޑިއާގައާއި މިނިވަން ނޫހުގައި ވަރަށް މިނިވަން ކަމާއެކު ކަންކަމަށާއި މީހުންނަށް ފާޑުކިޔާ ނޫސްވެރިއަކަށް ވުމުން، އެކަން ކުރި ބަޔެއްގެ އަނިޔާވެރިކަން ރިޟްވާނަށް އަމާޒުވުމުގެ ސަބަބަކަށް ވެފައިވަނީ އޭނާގެ މިނިވަން ޚިޔާލުކަމަށް ގަބޫލުކުރެވެއެވެ. އަދި ނޫސްވެރިކަމުގައި އޭނާ ކުރަމުންދާ މަސައްކަތް ކަމަށް ގަބޫލުކުރެވެއެވެ. ރިޟްވާނަށް މި ކުރިމަތިވި ހާދިސާއަކީ ނޫސްވެރިންނަށާއި ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރާ މީހުނަށް ދިން އިންޒާރެކެވެ.