2022-06-10

ކުށްވެރިކޮށްފައި ވަނިކޮށް، ކުއްލި މައްސަލައެއް

 

ހަގީގަތް އޮޅުވައިލާ ފިތުނަވެރިކަން އުފައްދާ، ރައްޔިތުންގެ މެދުގައި އެމްޑީޕީއާމެދު ނަފުރަތު އުފެއްދުމުގެ ބޭނުމުގައި ރާވައިގެން އެތައް މަސައްކަތްތައް ކުރެއެވެ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގައި މިފަދައިން ކަންތައްތައް ހިނގުމަކީ އާންމު ކަމެކެވެ. އެހެނަސް އިސްލާމް ދީނާއި ކީރިތި ރަސޫލާއާ ގުޅުވައި މިފަދަ ފިތުނަވެރި ވާހަކަތައް ފެތުރުމަކީ ނުހަނު ހިތާމަހުރިކަމެކެވެ

ދަންނަވަން މިއުޅެނީ 6 ޖޫން 2022 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގެ ވާހަކައެވެ. އެ މައްސަލައަށް ވޯޓުދިން ގޮތާ ގުޅޭގޮތުން ސަރުކާރާ ދެކޮޅު ފަރާތްތަކުން ފަތުރަމުންދާ ހަގީގަތާ ޚިލާފު ވާހަކައެވެ. ކުއްލި މައްސަލަ ހުށަހެޅީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. މައްސަލައިގާ ބުނެފައި އޮތީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާއަށް އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ނުކުރާ ކަމަށާއި އެ މައްސަލަ ކުށްވެރި ކުރުމަށް ސަރުކާރަށް ގޮވައިލާ ކަމަށެވެ.

މި ކުއްލި މައްސަލަ ހުށަހެޅުމާއެކު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމީ އެ މައްސަލައިގާ ބުނާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ސަބަބަކީ އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން އޮތީ ކުށްވެރިކޮށްފައެވެ. އެހެންކަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އެ މައްސަލައިގާ ވޯޓް ދިނުމަށް "ތްރީލައިން ރެޑް" ވިޕްލައިން އެޅިއެވެ. އެހެންކަމާއެކު އެވަގުތު ޖަލްސާގައި ތިބި ގިނަ މެންބަރުންގެ ވޯޓާއެކު އެމައްސަލަ މަޖިލީހުން ބޭރުކުރިއެވެ.

މިކަން ސަރުކާރާ ދެކޮޅު މީޑިއާތަކުން ކެއްކުވީ ހަގީގަތް އޮޅުވާލައި ފިތުނަވެރިކުރުމަށެވެ. ރަސޫލާއަށް ފުރައްސާރަކުރުމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި މައްސަލައެއް ބޭރުކޮށްލީ ކަމަށްބުނެއެވެ. މިއީ ކަނޑައެޅިގެން ދޮގެކެވެ. އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން އޮތީ ކުށްވެރިކޮށްފައިވަނިކޮށް މިފަދަ މައްސަލައެއް ހުށަހެޅީ ރައްޔިތުންނަށް ހަގީގަތް އޮޅުވައިލާ، ސަރުކާރާއި އެމްޑީޕީގެ މެންބަރުން ބަދުނާމު ކުރަންކަން އަޅުގަނޑު ދެކެމެވެ. އަދި އަޅުގަނޑު އެމައްސަލައިގާ ވޯޓް ދިނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިނާ އެއްގޮތަށެވެ.

އަޅުގަނޑު ދަންނަ މީހުނަށް އެނގޭނެއެވެ. އަޅުގަނޑަކީ އިސްލާމްދީނާއި ކީރިތި ރަސޫލާދެކެ ކިހާ ލޯބިވާ މީހެއްކަމެވެ. ދުވަހެއްގައިވެސް އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ނުކުރާނެ މީހެއްކަމެވެ.  

No comments:

Post a Comment

Your comment is awaiting moderation!