2013-05-09

މައުމޫންގެ ފިކުރަކީ މާޒީވެފައިވާ ފިކުރެއް



މިލިޔުން ލިޔެލާ ހިތްމިވީ ދެންމެއަކު (9 މެއި 2013 ދުވަހުވީ ބުރާސްފަތި ދުވަހުގެ ގާތްގަނޑަކަށް ހަވީރު 16:50 ހާއިރު) ހަވީރު ނޫސް ބަލައިލިއިރު، އެނޫހުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ސަބަބުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ލިޔުމެކެވެ.

ނިހާން މިހާރު ހުންނެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ދޫކުރައްވައި އެހެން ޕާޓީއަކާ އޭނާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ފެތުރޭ ވާހަކަތަކާ ގުޅިގެން ވިދާޅުވެފައިވަނީ، ބަޔަކު ގަބޫލުކުރިޔަސް އަދި ނުކުރިޔަސް ރާއްޖެ އިން މިހާރު ފެންނަން އޮތީ މައުމޫންގެ 30 އަހަރުގެ ތަރައްގީ ކަމަށެވެ. އަދި ޒުވާނުންނަށް ފުރުސަތު ހޯއްދަވައި ދެއްވައި ޑިމޮކްރެސީގެ މަގު ހުޅުވައި ދެއްވީ މައުމޫން ކަމަށެވެ.

ތިރީސް އަހަރުގެ ތަރައްގީގެ ވާހަކަ ދައްކާއިރު އެތަރައްގީ އައިސްފައިވަނީ "ފިނިހަކަ ސްޕީޑް" ގައެވެ. އެ ސްޕީޑުން ނެއްޓި ކިރިޔާވެސް ހަލުއި ސްޕީޑަކަށް ދާނީ ރިޔާސީ އިންތިޚާބް ކައިރިވާ ދުވަސް ވަރުއެވެ. އިމާރާތްތަކުގެ ބިންގާ އެޅުމާއި ކޮންނަންޖެހޭ ފަޅުތަކުގައި ކަޑަޖެހުމާއި އެވެނި ކަމެއް، މިވެނި ކަމެއް ކޮށްދޭނަމޭ ބުނެ ވައުދުވުމާ މިކަންކަމަކީ އިންތިޚާބްތަކާ ގުޅުވައިގެން ހިންގާ ކަންކަމެވެ. މާބޮޑު ތައްޔާރީތަކެއް ނުވެމެ، ހަމައެކަނި ކަންދެއްކުމަށް ކުރާ ކަންކަމެވެ. ހެޔޮނިޔަތުގައި އިޚްލާޞްތެރިކަމާއެކު ރައްޔިތުންގެ ލާބައާއި މަންފާއަށް މައުމޫން މަސައްކަތް ކުރެއްވިނަމަ، އެއަށްވުރެ މާ ފާގަތި ދިރިއުޅުމެއް ދިވެހީން އުޅުނީހެވެ. އެއަށްވުރެ މާ ފުދުންތެރި ދިވެހިރާއްޖެއެއް ދުނިޔެއަށް ފެނުނީހެވެ.