2014-07-26

މިނިވަން ދުވަހު، އަޅުވެތިކުރުމުގެ އިންޒާރު



މިއަދަކީ ދިވެހީންގެ 49 ވަނަ މިނިވަން ދުވަހެވެ. މިނިވަންކަމުގެ ރަންޔޫބީލަށް ގުނަން ފެށުނީއެވެ. މިފަދަ އުފާވެރި ވަގުތެއްގައިވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެއްވި ތަގްރީރުގެ ޚަބަރުން އަޅުގަނޑަށް ލިބުނީ އިންޒާރެވެ. 

ރައީސް ނަޝީދުގެ ވެރިކަމުގައި ސިޔާސީ ހަލަބޮލިކަން އުފެއްދުމުގައި މިހާރުގެ ރައީސް ޔާމީނުގެ ދައުރު ބޮޑެވެ. އެހެންނަމަވެސް މިނިވަންދުވަހުގެ ފުރަތަމަ ތަގުރީގުގައި ރައީސް ޔާމީން ވިދާޅުވަނީ، "ގައުމު ހަމަޖެހުމުގެ ނޭވާއެއްލަމުންދާ މި ދަނޑިވަޅުގައި، ގައުމު ހަލަބޮލި ކަމުގެ ތެރެއަށް ސޮއްސާލާކަށް ސަރުކާރުން ފުރުސަތެއް ނުދޭނެ. ސިޔާސީ އިދިކޮޅު ފަރާތްތަކުން ގަސްދުގައި ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަނީ، މުޖުތަމައުގައި ނުތަނަވަސްކަމުގެ އުދާސް އުފައްދައިގެން. ސިޔާސީ ބޭނުމުގައި އުފަން ކުރުވާ އުދާސްކަން މިނިވަންކަމަށް އަސަރު ފޯރާ ހިސާބަށް ގެންގޮސްފައި އެބަހުރި،" ކަމަށެވެ. 

2014-07-23

އިންފޮމޭޝަން ކޮމިޝަނަރަކަށް މާވަށު އަޒީ... ރަނގަޅު ނިންމުމެއް ނޫން



މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ލ.މާވަށުމާޒީ ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު (މާވަށު އަޒީ)، ޢައްޔަނުކުރައްވައިފިއެވެ. މިއީ އެ ގާނޫނުގައިވާ އުސޫލުގެ މަތިން ރައްޔިތުންގެ މަޖިލީހުގެރުހުމާއެކު، ރައީސް ޔާމީން ނިންމެވި ނިންމެވުމެކެވެ.

މަޖިލިސް މެންބަރުން ދެއްވި ރުހުމާއި ރައީސް ޔާމީންގެ މި ނިންމެވުމާމެދު ސުވާލު އުފެދެއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގާނޫނުގައި ބުނާ "އިންފޮމޭޝަން ކޮމިޝަނަރުގައި ހުރުން ލާޒިމު ސިފަތައް" އަޒީގެ ކިބައިގައި ފުރިހަމަ ވާކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އެހެނީ، އެ ގާނޫނުގެ 45 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި އޮތީ "ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން" އެވެ.

2014-07-22

ޕީޖީ މަގާމަށް މުހުތާޒު އައްޔަންކުރުމުގައި ކުރެވޭ މާނަ



އިއްޔެ (21 ޖުލައި 2014) އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އަލްއުސްތާޒު މުހުތާޒް މުހުސިން މިވަނީ އައްޔަންކޮށްފައެވެ. ވޯޓްގެ ނަތީޖާ ދައްކާގޮތުން އޭނާއަށް ތާއީދުކުރައްވައި 62 މެންބަރަކު ވޯޓް ދެއްވިއެވެ. ވަކިގޮތަކަށް ވޯޓް ނުދެއްވާ 12 މެންބަރަކު ތިއްބެވިއެވެ. އޭނާއާ ދެކޮޅަށް ވޯޓް ދެއްވީ 7 މެންބަރެކެވެ. މިނަތީޖާ އަކީ ރައީސް މައުމޫންގެ މައްޗަށް ރައީސް ޔާމީން ހޯއްދެވި ކާމިޔާބެއް ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. އެހެނީ، ރައީސްމައުމޫން، ތާއީދުކުރެއްވީ މައުމޫން ހަމީދަށެވެ. ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕް ނެރުނީ މުހްތާޒް ހޮވުމަށެވެ.

މި ނަތީޖާއިން އަޅުގަނޑަށް ދޭހަވާ މާނައަކީ މައުމޫން ހަމީދު ފަދަ އާއިލީ ގޮތުން ރައީސް މައުމޫނާއި ރައީސް ޔާމީނާ ގާތް ބޭފުޅަކު ޕީޖީ ކަމުގައި ބަހައްޓައިގެން، ސަރުކާރާއި ޕީޕީއެމް ބޭނުންވާހާ ގޮތަކަށް ކަންކަން ކުރާނަމަ، އެބޭފުޅުންނަށް ލިބޭނެ ބަދުނާމާއި އަންނާނެ ޕްރެޝަރު ބޮޑުވާނެތީ އެކަން ކުޑަކުރެއްވުމަށް ކުރެއްވި ކަމެކެވެ. މަގާމަށް ގާބިލް އާއިލާގެ ބޭފުޅަކު ވާދަކުރެއްވުމުންވެސް، "މިނިވަން" ބޭފުޅަކަށް އިސްކަންދެއްވިކަން ކޮންމެވެސް ބަޔަކަށް ވިސްނައިދޭން ކުރެއްވި ކަމެކެވެ. މިކަން ރައީސް ޔާމީނަށާއި ޕީޕީއެމަށް ނިކަން ފުރިހަމައަށް ކާމިޔާބުވެސް ވެއްޖެއެވެ. އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންގެވެސް ތާއީދާ އެކުއެވެ.

2014-07-21

ޑރ.ވަހީދު މިކުރެއްވި ކަމަކުން



މި ދުވަސްވަރަކީ އިޒްރޭލު ސިފައިންގެ ފަރާތުން، ފަލަސްތީނުގެ ރައްޔިތުންނަށް އެތައް އަނިޔާތަކަކާއި ގެއްލުންތަކެއް ލިބެމުންދާ ދުވަސްވަރެކެވެ. ހިނގަމުންދާ ކަންތައްތަކުގެ ޚަބަރުތަކާއި މަންޒަރުތައް އެންމެ ތާޒާ ކަމާއެކު ލިބޭ ވަސީލަތަކީ ސޯޝަލް މީޑިއާ އެވެ. އޭގެތެރެއިންވެސް ޓްވިޓަރ އެވެ.  



މިހިނގާ ޖުލައި 20 ދުވަހުގެ ރެއެވެ. ކުއްލިއަކަށް އަޅުގަނޑަށް ފެނުނީ ކޮންމެވެސް މީހަކު ރިޓްވީޓް ކޮށްލި ފޮޓޯ އެކެވެ. ފަލަސްތީނުގެ މަޔަކު ގައްޒާގެ ހޮސްޕިޓަލެއްގައި ލެޔާ ތަތްތެޅިގެން ހުރިމަންޒަރެވެ. ވަރަށްވެސް މާނަ ފުން، އަދި އެހާމެ އަސަރު ގަދަ މަންޒަރެކެވެ. އެފޮޓޯ ޓްވީޓް ކުރެއްވި ބޭފުޅަކީ ޑރ.މުޙައްމަދު ވަހީދު ޙަސަންމަނިކެވެ. ޑރ.ވަހީދު މި ކުރެއްވި ރިޓްވީޓާއެކު އަޅުގަނޑުގެ ހަނދާނަށް އައީ ދެއަހަރެއްހާ ދުވަސް ކުރީގެ ހަނދާނެކެވެ.