2013-07-28

ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުމުގައި އިއްތިފާގެއް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކުރުން އޮތީ މިއަދު އެވެ. މި އަދު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ގުރުއަތުލުމުން، ކެންޑިޑޭޓް ނަންބަރު 1 ލިބިވަޑައިގަތީ ޖުމްހޫރީ ކޯލިޝަންގެ ކެންޑިޑޭޓް ގާސިމް އިބްރާހީމަށެވެ. 2 ލިބިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވައި އަމިއްލަ ގޮތުން ވާދަކުރައްވާ މުޙައްމަދު ވަހީދު ހަސަން މަނިކަށެވެ. 3 ލިބިވަޑައިގަތީ ޕީޕީއެމްގެ އަބްދުﷲ ޔާމީނަށެވެ. 4 ލިބިވަޑައިގަތީ އެމްޑީޕީގެ މުޙައްމަދު ނަޝީދަށެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ އަޅާކިޔާއިރު ކެންޑިޑޭޓް ނަންބަރު ތަރުތީބު ވުމުގައި އެއްގޮތް ކަމެއް އެބަހުއްޓެވެ. އެފަހަރުގެ އިންތިޚާބްގައި ވާދަކުރެއްވި އަދި މިފަހަރުގެ އިންތިޚާބުގައިވެސް ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަކީ ގާސިމް އިބްރާހީމާއި މުޙައްމަދު ނަޝީދެވެ. އެ ދެބޭފުޅުންނަށްވެސް ލިބިވަޑައިގަތީ ހަމަ ކުރީ ފަހަރުވެސް ލިބިވަޑައިގަތް ނަންބަރެވެ. 2008 ވަނަ އަހަރުގެ އިންތިޚާބްގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގަތީ 1 އެވެ. ނަޝީދަށް 4 އެވެ.

2013-07-26

މިނިވަން ދުވަސް – އަޅުވެތި ކަމުގެ އިހްސާސް


މިއަދަކީ ރާއްޖޭގެ 48 ވަނަ މިނިވަން ދުވަހެވެ. މިނިވަން ދުވަހުގެ ޚާއްސަ ރަސްމިއްޔާތު އޮތީ ޖުމްހޫރީ މައިދާނުގައެވެ. މީޑިއާ ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން، އެ ރަސްމިއްޔާތަށް އަޅުގަނޑަށްވެސް ދައުވަތު ލިބިފައި އޮތެވެ. އެހެންނަމަވެސް އެފަދަ ރަސްމީ ހަފުލާއަކަށްވުރެ ބޮޑަށް އަޅުގަނޑަށް ޝައުގުވެރިވެވުނީ ރާއްޖެޓީވީގެ ފަރާތުން އިންތިޒާމުކުރި "ދެފިޔަވަޅު ފަހަތަށް" މައުރަޒަށެވެ. 

ނޭޝަނަލް އާޓް ގެލެރީގައި 9:30 ގައި ފަށަން ހަމަޖެހިފައި އޮތް އެ ހަފްލާއަށް ދިޔައީ އަޅުގަނޑުގެ ގާތް ރަހްމަތްތެރިއެއް ކަމަށްވާ މައުރޫފް ޚަލީލް (މާޕު) އާ އެކުއެވެ. މެދުޒިޔާރަތްމަގާއި ނޫރާނީގޯޅި ގުޅުނު ހިސާބުން އޮތީ ފުލުހުން ކޯޑްން ކޮށްފައެވެ. ސައިކަލު ޕާކްކޮށްފައި ގޮސް އާޓް ގެލެރީއަށް ދާން ކަމަށް ބުނުމުން ފުލުހުން ބުނީ އާޓް ގެލެރީގައި ބާއްވާގޮތަށް އޮތް އިވެންޓް ކެންސަލްކޮށްފި ކަމަށާއި އެސަރަހަށްދަށް ނުވަދެވޭނެ ކަމަށެވެ. އެކަމަކު އެހެން ދިމަދިމާލުން އޭރުވެސް އާޓް ގެލެރީ ކައިރިއަށް މީހުން ދެއެވެ. އަދި އެސަރަހައްދުގައި ހުރި ރައްޓެއްސަކަށް ގުޅުމުން އެތަނުގައި ބައިވަރު މީހުން އެބަ ތިބިކަމަށް ބުންޏެވެ. އެވާހަކަ އެގޮތަށް ބުނުމުންވެސް މިދެންނެވި ފުލުހުން ބުނީ ހަމަ ކުރިންވެސް ބުނި ގޮތަށެވެ.