2012-05-03

ނޭޝަނަލް އިންކުއަރީ ކޮމިޝަން ކަމުނުދަނީ ކީއްވެ؟


- އިސްމާޢީލް ޝަފީޢުއަކީ، ރައީސް މައުމޫންގެ ޕަޕެޓެއް: އިލްޔާސް ހުސައިން އިބްރާހީމް


2012 ފެބްރުއަރީ 7 ވަނަ ދުވަހު، ހިންގި ބަޣާވާތަށްފަހު، ބަޣާވާތުގެ ބައިވެރިން އެކުލަވައިލި ނެޝަނަލް އިންކުއަރީ ކޮމިޝަނަކީ އެއްވެސް އިތުބާރެއް ނެތް ކޮމިޝަނަކަށް މިއަދު މިވަނީ ވެފައެވެ. އެ ކޮމިޝަނަށް އިތުބާރު ނުކުރަނީ ހަމައެކަނި ދިވެހި ރައްޔިތުންނެއް ނޫނެވެ. ކޮމިޝަން ބަދަލުކުރުމަށް، ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕުން (ސީމެގް) ވެސް، ވަނީ ގޮވައިލާފައެވެ. ސީމެގްގެ ރިޕޯޓްގައި ގޮވައިލާފައިވަނީ ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ކޮމިޝަނެއް ގާއިމް ކުރުމަށެވެ.

2012 ޖެނުއަރީ 14 އިން 8 ފެބްރުއަރީއާ ހަމައަށް ރާއްޖޭގައި ހިނގައިދިޔަ ކަންތައްތައް "މިނިވަންކަމާއެކު" ތަހުޤީގުކުރުމަށް އުފެއްދި ކޮމިޝަންގައި ހިމެނެނީ 3 މެންބަރުންނެވެ. އެ މެންބަރުންނަކީ އިސްމާޢީލް ޝަފީޢު އާއި ޑރ.އިބްރާހީމް ޔާސިރު އާއި ޑރ.އަލީ ފަވާޒެވެ. މި 3 މެންބަރުންނާމެދު ރައްޔިތުން އިތުބާރު ނުކުރުމުގެ ސަބަބުތަކެއް އެބަހުއްޓެވެ. ޚާއްސަގޮތެއްގައި ކޮމިޝަންގެ ރައީސް އިސްމާޢީލް ޝަފީޢުއާ ގުޅޭގޮތުންނެވެ.