2007-10-30

ރިފޯމާ ބީރައްޓެހި ރިފޯމް މިނިސްޓަރާއި ރިފޯމް ކޮމިޝަނަރު


ރައީސް މައުމޫންގެ ވެރިކަން ދިގުލައި، ރައްޔިތުންގެ ގިނަބަޔަކު އެވެރިކަމުގެ މަތިން ފޫހިވެ، މައުމޫން އިސްތިއުފާއަށް ގޮވަން ފެށުމާއެކު ހެއްދެވިގޮތަކީ ތައުލީމީ ޒުވާން ބޭފުޅުންކޮޅެއް ކެބިނެޓަށް ގެންނެވުމެވެ. އިސްލާހީ އެޖެންޑާއާއި މަގުޗާޓުގެ ނަން ގިނައިން ވިދާޅުވާން ފެއްޓެވުމެވެ. ހަމައެޔާއެކު ޒުވާން ކެބިނެޓް ވަޒީރުން މައުމޫން ދިފާއުކުރެއްވުމަށްޓަކައި ކުރިއަށް ނެރުއްވުމެވެ. 

މައުމޫންގެ ސިފަ ރީތިކުރައްވައި އޭނާގެ ގާބިލްކަމާއި މޮޅުކަމާއި އިޚްލާސްތެރިކަމުގެ ވާހަކަދެއްކެވުމުގައި އިސްރޯލެއް އަދާކުރެއްވި ބައެއް ވަޒީރުން ''މިއީ ވާވަރުކަމެއް ނޫނޭ ހީވުމުން'' މައުމޫން ދޫކުރައްވައި ހިނގައްޖެއެވެ. އެޔާއެކު ގެނެވުނު ބަދަލުތަކުގައި ރިފޯމް މިނިސްޓަރާއި ރިފޯމް ކޮމިޝަނަރު ކަނޑައެޅުއްވިއެވެ. ރިފޯމް މިނިސްޓަރުގެ ގޮތުގައި ހަމަޖެއްސެވީ މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމުގައި ހުންނެވި އަލްއުސްތާޛު މުހައްމަދު ނަޝީދު އެވެ. ރިފޯމް ކޮމިޝަނަރަކަށް ހަމަޖެއްސެވީ އެޓާނީޖެނެރަލް އޮފީހުގައި މަސައްކަތް ކުރައްވަމުންގެންދެވި މުހައްމަދު އަނިލް އެވެ.

2007-10-04

ނަފްސު އިސްލާހުކުރުމުގެ އެޖެންޑާ


މިފަހަކަށް އައިސް އެންމެ ގިނައިން އިވޭ އަޑަކީ އިސްލާހުގެ އަޑެވެ. އެންމެ ގިނައިން އިވޭ ވާހަކައަކީ ހެޔޮ ބަދަލުގެ ވާހަކައެވެ. ކަންކަން އިސްލާހުކުރުމަށްޓަކައި މުރާޖަޢާ ކުރުމާއި މަޝްވަރާކުރުމުގެ ފޯވަހި މިއޮތީ އައިސްފައެވެ. މިފޯވަހީގައި އިސްލާހީ މަޝްވަރާ ތަކާއި ބައްދަލުވުންތައް ދަނީ ބޭއްވެމުންނެވެ. ކަންކަމާމެދު ޚިޔާލުފާޅުކޮށް ފާޑުކިޔުމުގެ ދޮރުތައް ދަނީ ހުޅުވެމުންނެވެ. އިސްލާހީ ބަދަލުތަކަށް އެދުންވާ މީހުންގެ އުންމީދުތައް ދަނީ ހާސިލްވަމުންނެވެ. މިހެންގޮސް ހުރިހާ ކަމަކަށްވެސް އިސްލާހު އަތުވެދާނެއެވެ. މުޅި ގައުމު އިސްލާހު ކުރެވިވެސް ދާނެއެވެ. ސިޔާސީ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އިސްލާހުތައް ގެނެވިދާނެއެވެ. ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާ އާއި އެއްގޮތަށް ގައުމުގެ ސިޔާސަތު ބައްޓަން ކުރެވި އެސިސްޓަމް ގާއިމް ކުރެވިވެސް ދާނެއެވެ.

އެކަމަކު އެފަދަ އެޖެންޑާއަކުން، ނުވަތަ އިސްލާހީ ބަދަލަކުންވެސް ބަދަލު ނުވާނެ ކަމަކީ ތިމާގެ އަމިއްލަ ނަފުސު ގެ ބަދަލުވުމެވެ. ކޮންމެ ބަދަލެއްވެސް ގެނެވެނީ ރައްޔިތުންނަށް ޓަކައެވެ. އެތަނެއްގައި ދިރިއުޅެމުންދާ ބަޔަކަށްޓަކައެވެ. އެއީ ގާނޫނާއި ގަވާއިދެއްނަމަ އެއަށް އަމަލުކުރަން ތިބޭނީ އެތަނެއްގައި އުޅޭ ބައެކެވެ. އެއީ އެތަނަކަށް އިގްތިޞާދީގޮތުން އަންނަ ފުދުންތެރިކަމެއްނަމަ އެފުދުންތެރިކަމުގެ ފައިދާއެއް ލިބޭނީވެސް ހަމަ އެރައްޔިތުންނަށެވެ.