2013-08-18

މީޑިއާއަށް ހުރަސްއަޅާ ވެރިއަކު އިސްކުރުމުގައި އެންމެ އިސްރޯލެއް ކުޅުނީ ޕީޕީއެމް



16 އޮގަސްޓް 2013 ދުވަހުގެރޭ ޓީވީއެމުން ގެނެސްދިން "ސިޔާސަތު" ޕްރޮގްރާމްގައި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް އާ ސުވާލުކުރެއްވުމުގައާއި ޓީވީއެމް ސްޓޫޑިއޯގައި ހޭދަކުރެއްވި ވަގުތުގައި އަމަލުކުރީ ވަރަށް ދަށުދަރަޖައިގެ ގޮތަކަށް ކަމަށް ޖުމްހޫރީޕާޓީގެ ފަރާތުން މީޑިއާގައި ހާމަކުރިއެވެ. މިކަމަށް ޚާއްސަކޮށް އެޕާޓީން ބޭއްވި ނޫސްކޮންފަރެންސްގައި ޓީވީއެމަށް ވަރަށްބޮޑަށް ފާޑުކިޔައި އިންޒާރު ދިނެވެ. އަދި ޓީވީއެމްގެ ސިޔާސަތު ޕްރޮގްރާމަށާއި އެ ޕްރޮގްރާމް ހުށަހަޅައިދިން އައިޝަތު ލީޒާއަށްވެސް ފާޑުކިޔައި ރިޕޯޓެއް ތައްޔާރުކުރިއެވެ. ވީމީޑިއާއިން އާންމުވެސް ކުރިއެވެ.

މިއީ ރާއްޖޭގެ މީޑިއާ މިހާރު ބައްޓަންވެފައި އޮތްގޮތުން ކޮންމެވެސް ވަރަކަށް ކަންހިނގަމުންދާ ގޮތެކެވެ. އެއް ޓީވީ ޗެނަލަކުން ކުރާ ކަމަކަށް ނުވަތަ ދައްކާ ޕްރޮގްރާމަކަށް އަނެއްޓީވީ ޗެނަލަކުން ނުވަތަ ޗެނަލެއް ބޭނުންކޮށްގެން ރައްދު ދިނުމެވެ. ފާޑުކިއުމެވެ.

އަޅުގަނޑު ފާހަގަކޮށްލަން މިއުޅެނީ، ޖުމްހޫރީ ޕާޓީން ނުވަތަ ވީމީޑިއާ އިން ޓީވީއެމްއަށް ފާޑުކިއީމަ އެވާހަކައެއް ނޫނެވެ. އަޅުގަނޑަށް އަޅައިގަތީ ޖުމްހޫރީޕާޓީން ކަންކުރިގޮތާ ގުޅޭގޮތުން "މީޑިއާއަށް ހުރަސްއެޅުމުގެ ވިސްނުންގެންގުޅޭ ވެރިއަކު އައުމަކީ ނުރައްކަލެއް" ކަމަށް ބުނުމުންނެވެ. މިއީ ހަތް ގުދު އޮތް މީހާ، އެއް ގުދު އޮތް މީހާއާ ދިމާއަށް ގުދޯގުދޯ ގޮވުން ކަހަލަ ކަމެކެވެ.

2013-08-14

އިލެކްޝަންސް ކޮމިޝަން، ޕީޕީއެމަށް ކަމުނުދިޔުން



އިއްޔެ (13 އޮގަސްޓް 2013) ޕީޕީއެމުން ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަހްލޫފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުންނަށް އިތުބާރު ނުކުރެއްވޭ ކަމަށެވެ. ޚާއްސަގޮތެއްގައި ފާހަގަކުރެއްވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބްރައީސް އަޙްމަދު ފަޔާޒް ޙަސަން އާއި މެންބަރު އަލީ މުޙައްމަދު މަނިކު އެވެ.

2013-08-13

އެމްޑީޕީ – އަމާން ބަނދަރަކަށް


ދުވަސްވަރަކީ، 17 އަހަރުން އިސްލާހުކުރި ނޫގާނޫނު އަސާސީގެ ދަށުން ދިވެހި ދައުލަތް ހިންގަމުން އައި ދުވަސްވަރު. ތިންބާރު މައްސުނިވެ، ހުރިހާ ބާރެއްގެ ފުލް ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާ ނަންގަވައިގެން ހުންނެވި ދުވަސްވަރު. ގާނޫނުއަސާސީން ރައީސަށް ލިބިދީފައިވާ ގިނަގުނަ ބާރުތަކުގެ އިތުރުން، ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިހުރި ހައްގުތައްވެސް އޮބަހައްޓާފައި އޮތް ދުވަސްވަރު. މައުމޫން ޢަބްދުލްޤައްޔޫމްގެ ޚުދުމުޚްތާރު، އަނިޔާވެރި ވެރިކަމުގެ ޞަފްހާތައް އުކެމުން އައި ދުވަސްވަރު... 

2013-08-12

ފެނުނު މަންޒަރު – 12 އޮގަސްޓް 2013



މިއަދު މާލޭ، އަމީނީމަގުން ފެނުނު މަންޒަރަކީ، ހ.ޖަވާހިރު އައްސޭރީ ގައި ބަހައްޓާފައިހުރި ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ބިޔަ ފޮޓޯއަކަށް ކުއްޖަކު ގާއުކާ މަންޒަރެވެ. ޓީންއޭޖްގެ އަހަރުތައް ނިމުމަކަ ހަމައަށް އައިސްފައިވާނެ ކަމަށް ބެލެވޭ އެކުއްޖާއަކީ މުޅިއަކުން ބުއްދި ހަމަޖެހޭ ކުއްޖެއް ކަމަކަށްވެސް ނުބެލެވެއެވެ. އޭނާ ހުރީ ބެކްޕެކެއް އަޅުވައިގެންނެވެ. އާންމުކޮށް އަތުގައި ގެންގުޅޭވަރުގެ ދިވެހިރާއްޖޭގެ ގައުމީ ދިދައެއް އޭނާގެ އަތުގައި އޮތެވެ. އެ ދިދަ މައިކެއްގެ ގޮތުގައި ބޭނުންކޮށްގެން އަޑުހަރުކޮށް އޭނާ ކިޔަމުންދިޔައީ "މަ ޗިސް ޗިސް ކޮށްލިޔަސް، މަ ފިސް ފިސް ކޮށްލިޔަސް ނެތޭ ވެވޭކަށް ބާގީއަކަށް" މިހެންނެވެ. "ބާގީއަކަށް" ގޮވާ ކޮންމެ ފަހަރަކުމެ އޭނާގެ އިނގިލިން އިޝާރާތްކުރަނީ މައްޗަށް ހިއްލާފައިހުރި ޑރ.ވަހީދުގެ ކެމްޕޭން ފޮޓޯއަށެވެ. އަދި އެހެން ކިޔާ ނިންމާ ކޮންމެފަހަރަކުމެ ގާބުރިއަކުން އެފޮޓޯގައި ޖަހައެވެ.  އެވަގުތު އެސަރަހައްދުން ދިޔަ ގިނަ ބަޔަކު އެމަންޒަރުބަލަން ތިއްބެވެ. ފަސްވަރަކަށް މިނިޓް ވަންދެން އޭނާ އެހެން އުޅެލާފައި ހިނގައްޖެއެވެ.