2010-06-30

އުންމީދު ނުކުރާފަދަ ދެކަމެއް


އިއްޔެ (29 ޖޫން 2010 ވީ އަންގާރަ) އަކީ ރާއްޖޭގެ ތާރީޚްގައި މުހިންމު ދުވަހެކެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ކުއްލި ނިންމުމެއް ނިންމެވި ދުވަހެކެވެ. އުންމީދު ނުކުރާފަދަ ދެ ނިންމެވުމެއް ނިންމެވި ދުވަހެކެވެ. ފުރަތަމަ ނިންމެވުމަކީ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވުމެވެ. މިކަމަށްޓަކައި އޮތް ޚާއްސަ ބައްދަލުވުން އޮތީ އިރުއޮއްސެން ކައިރިވެފައި ހުއްޓާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

ނޫސްވެރިންގެ ހާޒިރުގައި އޮތް މި ބައްދަލުވުން ތައާރަފްކުރެއްވުމުގެ ގޮތުން ރައީސް ދެއްކެވި ވާހަކައިގާ ވިދާޅުވީ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ނުލިބޭ ކަމަށާއި ބައެއް މެންބަރުން އަމަލުކުރައްވާ ގޮތުން މުޅި ޤާނޫނުއަސާސީގެ ރޫޙް ގެއްލޭކަމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވި ކަމަށެވެ. މި ސަރުކާރު އުފެދިފައި ވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ނިޒާމެއް އެކުލަވާލަން ކަމަށް ވެފައި އެކަން ކުރުމަށް މަޖިލިހުގެ މެމްބަރުން އެކަން ކިލަނބު ނުކުރެއްވުމަށް ރައީސް އެދިވަޑައިގަތެވެ. 

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަމުގެ މައްޗަށް އެމްޑީޕީ ކާމިޔާބު ހޯދުން



ރާއްޖޭގައި ޒަމާނުއްސުރެ ޢަމަލުކުރެވެމުން އައި ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ލިބިދީފަ. އެހެނަސް އޭރަކު އޮންނަ ސަރުކާރަކާ ދެކޮޅަށް ޚިޔާލެއް ފާޅުކުރާ މީހާއަށް ތަފާތު އަނިޔާއާއި އަދަބު ސަރުކާރުންދޭ. ރާއްޖޭގެ ފަހުގެ ތާރީޚްގައި މިދެންނެވިފަދަ އަނިޔާއާއި އަދަބު އެންމެ ގިނައިން ލިބިވަޑައިގަތް ބޭފުޅަކީ، ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބު ކާމިޔާބުކުރައްވައިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާ މުޙައްމަދު ނަޝީދު. 

ނަޝީދު ފާހަގަކުރެވުނީ އިންސާނީހައްގުތަކަށް އިހްތިރާމް ކުރުމަށް އަޑުއުފުލަންފެށި ސަޚްސިއްޔަތެއްގެ ގޮތުގައި. އޭނާ ފާހަގަ ކުރެވުނީ މިނިވަން ނޫސްވެރިކަމަށް ޖާގަ ހޯދުމަށް ސަރުކާރަށް ޕްރެޝަރ ކުރި ނޫސްވެރިއެއްގެ ގޮތުގައި. އޭނާ ފާހަގަ ކުރެވުނީ ޑިމޮކްރެސީގެ ހަމަތަކަށް ލޯބިކުރާ އަދި ޚުދުމުޚްތާރުވެރިކަމުގެ ސަގާފަތަށް ފާޑުކިޔާ މީހެއްގެ ގޮތުގައި. އޭނާގެ މިސިފަތަކަކީ އޭރު ވެރިކަން ކުރަމުން އައި މައުމޫންގެ ސަރުކާރަށް ބަލައިގަނެވޭވަރު ކަމަކަށް ނުވި. ނަތީޖާއަކީ ނަޝީދަށާއި އިސްލާހަށް މަސައްކަތްކުރި އެންމެން އެއްފަހަރާ ޖަލުގައި ހައްޔަރުކޮށް އަނިޔާ ދިނުން. އިންސާފުން އެއްކިބާވެ ޝަރީއަތްތަކެއް ހިންގައި ބޮޑެތި ޙުކުމްތަކެއް ކުރުން.