2015-07-09

"ކުރެވުނީ ކޮން އިހުސާސެއް" ޖޯކަކަށް

 

މި ފަހަކަށް އައިސް ހަވީރު އޮންލައިންގެ ލިޔުންތަކުގައި ތިރީގައި "މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހްސާސެއް؟" މިހެން އޮވެއެވެ. މި ސުވާލަށް ދޭނެ އިޚްތިޔާރީ 4 ޖަވާބެއްވެސް އޮވެއެވެ. "ދެރަވި" "އުފާވި" "ރުޅިއައި" "މައުލޫމާތު މުއްސަނދިވި" އެވެ. މި ހަތަރު ޖަވާބު ޚިޔާރުކުރުމުގައި ނޫހުގެ ކިޔުންތެރިންގެ ނިންމުންތައް ބައެއްފަހަރު ހުންނަގޮތުން ސުވާލު އުފެދެއެވެ. ހަވީރުން މިކަން ކުރި ސަބަބާއި މަގްސަދާ ގުޅޭގޮތުން ސުވާލު އުފެދެއެވެ.

މިސާލެއް ނަގާނަމެވެ. 1 ޖުލައި 2015 ވަނަ ދުވަހުގެ ޚަބަރެކެވެ. ސުރުޚީއަކީ "މިއީ ބަގާވާތެއް، މިކަން ހުއްޓުވަން ބޭރުން އެހީވެދީ: ނައިބްރައީސް" އެވެ. ސުރުޚީގެ ދަށުން ލިޔެފައިވާ ލިޔުމަކީ ބޭސްފަރުވާއަކަށް ނައިބްރައީސް ޑރ.ޖަމީލް ސްރީލަންކާއަށް ވަޑައިގަތުމަށްފަހު، ކުއްލިގޮތަކަށް އިނގިރޭސިވިލާތައް ވަޑައިގެން ހުންނަވާ ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއު އެކެވެ. ހަވީރުގެ އިހްސާސްތައް ދައްކާގޮތުން މިލިޔުން ކިޔާފައި ގިނަބަޔަކު އައީ ރުޅިއެވެ. ރުޅި އައީ ކީއްވެ ހެއްޔެވެ؟ ޑރ.ޖަމީލް އާ މެދު ސަރުކާރުން ކަންތައް ކުރާ ގޮތުން ތޯއެވެ. ޖަމީލް އެފަދަ ވާހަކައެއް ވިދާޅުވުމުންތޯ އެވެ. އުފާވި ބަޔަކާއި ދެރަވި ބަޔަކުވެސް އެބަ ތިއްބެވެ. ދެރަވީ ޖަމީލް އެހެން ވިދާޅުވުމުންތޯއެވެ. ނޫނީ ޖަމީލާ މެދު ކަންތައް ވަމުންދާ ގޮތުންތޯއެވެ. ނޫނީ ސަރުކާރުގެ ނިންމުންތަކުންތޯއެވެ. އުފާވި މީހުން އުފާވީ ކޮން ސަބަބަކާ ހުރެބާއެވެ.

އެހެން ޚަބަރެކެވެ. ކުރީގެ ޑިފެންސް މިނިސްޓަރ "ނާޒިމްގެ އެޕާޓްމަންޓް ބަލައި ފާސްކުރީ އެންމެ ރަނގަޅަކަށް ނޫން، ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި: އެޗްއާރުސީއެމް" މި ޚަބަރެވެ. މި އާޓިކަލް ކީ މީހުންގެ އިހްސާސަށް ބަލާއިރު ގިނަބަޔަކު އުފާވިއެވެ. އުފާވީ އެޕާޓްމަންޓް ބެލި ފުލުހުން އެންމެ ރަނގަޅަށް އެކަން ނުކުރީމާ ހެއްޔެވެ. ނުވަތަ އެޗްއާރުސީއެމް އިން އެފަދަ ރިޕޯޓެއް ނެރުނީމާ ހެއްޔެވެ. ހަމަ ގައިމުވެސް އަޅުގަނޑު ގަބޫލުކުރާގޮތުން ގިނަމީހުން އުފާއެވީ އެޗްއާރުސީއެމް އިން އެފަދަ ރިޕޯޓެއް ނެރުނީމައެވެ. އެހެނަސް އިހްސާސްތަކުގެ ތަރުޖަމާ އެހެން ގޮތަކަށް ކޮށްފިނަމަ، ނުރަނގަޅުކޮށް ކަންކަން ކުރުމަށް ފުލުހުންނަށް ހިތްވަރު ލިބޭނެއެވެ.  

އެހެން ޚަބަރެކެވެ. "ރޯދަމަހު ދުވާލު ޗޮކްލެޓް ކާންހުރި މީހަކު ހައްޔަރުކޮށްފި" އެވެ. މި ޚަބަރާއެކު، އެންމެ ގިނަބަޔަކު އައީ ރުޅިއެވެ. އަނެއްބަޔަކު ވީ އުފަލެވެ. ރުޅި އައި މީހުން ރުޅި އެއައީ އެމީހާ ހައްޔަރުކުރީމާ ހެއްޔެވެ؟ ނޫނީ އޭނާ ކެއީމާ ހެއްޔެވެ؟ އުފާވި މީހުން އުފާއެވީ އެމީހާ ރޯދަ ދޫކޮށްލީމާ ހެއްޔެވެ؟ ނުވަތަ އޭނާ ހައްޔަރުކުރީމާ ހެއްޔެވެ؟ ތަފާތު މީހުންގެ ނިންމުން ތަފާތު ވާނެއެވެ.

No comments:

Post a Comment

Your comment is awaiting moderation!