2007-05-06

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރިއިރު ދިވެހި ނޫސްވެރިން އަޅުވެތިކަމުގައި


ބައިނަލް އަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މި މަހުގެ 3 ވަނަ ދުވަހު ސަރަހައްދީ ފެންވަރުގައި ފާހަގަކުރީ ދިވެހިރާއްޖޭގައެވެ.  މިއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ރާއްޖޭގައި ފާހަގަކުރި ފުރަތަމަ ފަހަރެވެ. ސަރަހައްދީ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރިއިރު ދިވެހި ނޫސްވެރިން އަދިވެސް ތިބީ އަޅުވެތިކަމުގައެވެ.

ނޫސްވެރިކަން އޮތް ހާލަތު ނޫސްވެރިންވެސް މާނަކުރަނީ އެކި ނޫސްވެރިން އެކި ގޮތަށެވެ. ނޫސްވެރިކަމުގެ މިނިވަން ދުވަހާ ގުޅިގެން ބޭއްވި ބައްދަލުވުންތަކަށްފަހު ނޫސްވެރިންކުރެ ބައެއް މީހުންނާ ކުރެވުނު ސުވާލުތަކަށް އެބޭފުޅުން ދެއްވި ޖަވާބުންވެސް މިކަން ސާބިތު ވެއެވެ. ނޫސްވެރިކަމުގެ މިނިވަންކަން އޮތް ހާލާތާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އަޑުގެ ނިއުސް އެންޑް ކަރަންޓް އެފެއާޒްގެ ޑިރެކްޓަރ އިބްރާހިމް މަނިކު ވިދާޅުވީ ''މިއަށްވުރެ ވަކިން މިނިވަންކޮށް ނޫސްވެރިކަން ކުރެވޭނެ ގައުމެއް އޮތެކޭ ނުދަންނަވާނަން'' ކަމުގައެވެ. ނަމަވެސް ހަވީރު ނޫހުގެ އެޑިޓަރ އަލީ ރަފީގް ވިދާޅުވީ ''ގާނޫނީ ގޮތުން ނޫސްވެރިކަމަށް ލިބެންވާ ބާރު އަދި ނުލިބޭ'' ކަމަށެވެ.