2010-01-27

ރައީސް މައުމޫން ސިޔާސީ ދާއިރާއާ ދުރަށް – މުހިންމު ނިންމެވުމެއް


2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތުމާއެކު، އެމަނިކުފާނު ވަރަށް ރިވެތި ނަމޫނާއެއް ދެއްކެވިއެވެ. ވަގުތީ ނަތީޖާ ދައްކަމުންދިޔަ ގޮތާ އެއްގޮތަށް އެރޭ (28 އޮކްޓޯބަރު 2008 ދުވަހުގެރޭ) މައުމޫންގެ މައްޗަށް ވާދަވެރި ކެންޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) ކާމިޔާބު ހޯއްދަވައިފިކަން ގަބޫލުކުރެއްވިއެވެ. ނަޝީދަށް ގުޅުއްވައި މަރްޙަބާ ވިދާޅުވިއެވެ. ޖެހިގެން އައި ދުވަހުގެ މެންދުރު ދެބޭފުޅުން ރައީސް އޮފީހުގައި ބައްދަލުކުރެއްވިއެވެ. ދެބޭފުޅުން އެކުގައި ނޫސްވެރިންނާވެސް ބައްދަލުކުރެއްވިއެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ. ނޫސްވެރިންގެ ސުވާލުތަކުގެ ތެރެއިން އަޅުގަނޑު އެންމެ ޝައުގުވެރިވި ސުވާލަކީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި މައިގަނޑު ސަބަބާ ގުޅޭގޮތުން ރައީސް މައުމޫނަށް އަމާޒުކުރެވުނު ސުވާލެވެ. އެސުވާލަށް މައުމޫން ދެއްވި ޖަވާބުވެސް ހަމަ އެހާ ޝައުގުވެރިއެވެ. އެމަނިކުފާނު ވިދާޅުވި ޖަވާބުގެ ޚުލާސާއަކީ "މައްސަލައަކީ ތިރީސް އަހަރުގެ މައްސަލަ" އެވެ.

އެ ދުވަހަށްފަހު، އަޅުގަނޑު އުންމީދުކުރަމުން އައީ ރައީސް މައުމޫން ސިޔާސީ މައިދާނުން ދުރަށް ވަޑައިގަންނަވާނޭ ދުވަހަކަށެވެ. ސަބަބަކީ ގިނަ ޒަމާންތަކަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވީތީ ދެވޭ ގަދަރެވެ. އުމުރުން ދުވަސްވީ ބޭފުޅަކަށްވާތީ ކުރެވޭ އިހްތިރާމެވެ. މައުމޫނާ މެދު އަޅުގަނޑުގެ ހިތުގައި އޮތް ހަމްދަރުދީއެވެ.

އަޅުގަނޑުގެ އުންމީދު ފުރިހަމަވާން އުޅޭ ކަމުގެ ޚަބަރު ލިބުނެވެ. 25 ޖެނުއަރީ 2010 ވީ ދުވަހު، މެންދުރު 1:00 ހާއިރު ރައީސް މައުމޫންގެ ޚާއްސަ ނޫސްކޮންފަރެންސެއް ޓީވީއެމް ސްޓޫޑިއޯގައި ކުރިއަށް ގެންދެވިއެވެ. އެނޫސްކޮންފަރެންސް ޓީވީއެމުންނާއި އެހެންވެސް ބައެއް ޗެނަލްތަކުން ލައިވްކުރިއެވެ. އަޅުގަނޑު ބަލަމުންދިޔައީ ޓީވީއެމް މެދުވެރިކޮށެވެ. ރައީސް މައުމޫންގެ ވާހަކަ ކިތަންމެހާވެސް ޝައުގުވެރިއެވެ.