2008-01-04

އެމްޑީޕީ އާއި ކޮންޒަވޭޓިވް ޕާޓީގެ ގުޅުމާމެދު ދިވެހި ސަރުކާރު މޭކެރުން


ކޮމިޝަނަރ އޮފް ޕޮލިސްގެ ފަރާތުން ކޮމިޝަނަރ އޮފް އިލެކްޝަންއަށް މީގެ އަހަރެއްހާ ދުވަސް ކުރިން ފޮނުވާފައިވާ ސިޓީއެއް ވަނީ ދާދިފަހަކުން ލީކު ވެފައެވެ. މި ސިޓީގައި ޕޮލިސް ކޮމިޝަނަރ އާދަމް ޒާހިރު، ސަމާލުކަމަށް ގެންނަވާފައިވަނީ އެމްޑީޕީ އާއި އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް ޕާޓީއާ ގުޅިގެން ރަސްމީ ގޮތުން މަސައްކަތްތަކެއް ފެށި ވާހަކައެވެ. މިވާހަކަ ތަކުގެ އަސްލަކަށް ބައްލަވާފައިވަނީ އެމްޑީޕީގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނެކެވެ. އެމްޑީޕީން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނެރުނު ނޫސްބަޔާނަކާ ގުޅިގެން، މިދިޔަ އަހަރުގެ ފެބްރުއަރީ 18 ގައި އާދަމް ޒާހިރު ސޮއިކުރައްވައި ފޮނުއްވި މި ސިޓީގައި ވިދާޅުވެފައި ވަނީ "އެމްޑީޕީން ހިންގުމަށް ރާވަމުންދާ އަމަލަކީ ބޭރު ބައެއްގެ އަތްމައްޗަށް މި ލޮބުވެތި އަމާން ދިވެހިރާއްޖޭގެ މުސްތަގިއްލުކަން ހިނގައިދާނެފަދަ އަމަލެއް ކަމަށް މި ސާވިސް އިން ދެކެމެވެ." މިފަދައިންނެވެ.