2007-02-08

މުހިންމު މުއާހަދާއެއްގައި ރާއްޖޭން ސޮއިކުރުން



ވާނުވާ ނޭނގޭ ގޮތަށް މީހުން ހިފާ ހައްޔަރުކޮށް، އެ މީހުންގެ އާއިލާތަކަށް އެއްވެސް މައުލޫމާތެއް ނުލިބޭ ގޮތަށް ބަންދުކޮށް ބޭތިއްބުން މަނާކުރާ މުއާހަދާގައި ރާއްޖޭން ސޮއިކޮށްފިއެވެ. 6 ފެބްރުއަރީ 2007 ދުވަހު، ފްރާންސްގެ ފޮރިން މިނިސްޓްރީ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި މުއާހަދާގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދެވެ.

ފްރާންސްގެ ރައީސް ޖެކްޝިރާކްގެ ހާޒިރުގައި ސޮއިކުރެއްވި މުއާހަދާ "އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް" ގައި ރާއްޖެއިން ބައިވެރިވެފައި ވަނީ، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ކުރަމުން އަންނަ މަސައްކަތް ހަރުދަނާކޮށް އިތުރަށް ފުރިހަމަކުރުމަށާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ބައެއްގެ ގޮތުން ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރިއެވެ.  

އެ މިނިސްޓްރީން ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 13ގައި އދ.ގެ މެންބަރު ގައުމުތަކުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ މުއާހަދާ އަށް އަމަލުކުރަން ފެށޭނީ 20  ގައުމަކުން މުއާހަދާ ތަސްދީގުކުރުމުން ކަމަށެވެ.