2006-10-18

ސިފައިންގެ ބެލުމުގެ ދަށަށް މިޤައުމު ގެނައުމަށް މިއީ ރަނގަޅު ދަނޑިވަޅެއް: ޢަދާލަތުޕާޓީ

2006 އޮކްޓޯބަރު 16 ވީ ދުވަހު ޢަދާލަތު ޕާޓީގެ ނޫސްކޮންފަރެންސެއް އެޕާޓީގެ އޮފީހުގައި އޮތެވެ. މި ނޫސްކޮންފަރެންސްގައި ޕާޓީގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

ނޫސްކޮންފަރެންސް ފައްޓަވައިދެއްވުމުގެ ގޮތުން އަދާލަތުޕާޓީގެ ތަރުޖަމާނު އައްޝައިޚް މުޙައްމަދު ޝަހީމް އަލީ ސައީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެޕާޓީން އަބަދުވެސް ދިވެހިރާއްޖޭގައި އޮންނަ ވެރިކަމެއް ބަދަލުކުރަން މަސައްކަތްކުރާނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް އިންތިޚާބުތަކުގައި ވާދަކޮށްގެން ކަމުގައެވެ. އަދި ރާއްޖޭގައި އުފެދިފައި އޮންނަ އެއްވެސް ވެރިކަމެއް އިންޤިލާބުކޮށްލަން އަދާލަތުޕާޓީން މަސައްކަތް ނުކުރާނެ ކަމަށާއި ސަބަބަކީ މިގޮތަށް މަސައްކަތް ކޮށްފިނަމަ ދިވެހިދައުލަތުގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލި މުޖްތަމައުގެ ފޭރާމާއި ފަތިތަކުގައި ބައިބައިވުމުގެ ސިފަތައް މޫލައި ޒަމާންތަކަކަށް އެކަންތައް ދެމިގެންގޮސް މިގައުމު ވިއްސިވިހާލިވެގެން ހިނގައިދާނެ ކަމަށްޓަކައި ކަމުގައިވެސް ވިދާޅުވިއެވެ.

2006-10-04

"ރައީސް މައުމޫނަކީ އޭނާގެޒާތުގައި އެއްވެސް ބާރެއްއޮތް މީހެއްނޫން"


ޣައިރުގާނޫނީ ވެރިކަމެއް ހިންގަން ރައީސުލްޖުމްހޫރިއްޔާއަށް ބާރުދީގެން އެތިބަ ޑީއާރުޕީގެ ޚާއިނު މެންބަރުން މި ރާއްޖޭގެ ކަންތައް މިހެން ދަމަހައްޓާ ބަޔަކީ: އިބްރާ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އޮފީހެއްހުޅުވައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުރަތަމަ ބޭއްވި ބައްދަލުވުން ބޭއްވީ 3 އޮކްޓޯބަރ 2006 ވީ ދުވަހުގެރޭ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އޮފީހުގައެވެ. މިބައްދަލުވުމުގައި ޕާލަމެންޓްރީ ގްރޫޕްގެ ޗެއަރމަން މުޙައްމަދު ޝިހާބުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ޚާއްސަމަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގަތެވެ.

އެފަދަ އޮފީހެއް ހުޅުވުމުގެ ބޭނުމާބެހޭގޮތުންނާއި އެތަނަށް ޚަރަދުކުރުމަށް ހަމަޖެހިފައިވާ ގޮތާބެހޭގޮތުން ވާހަކަ ދައްކަވަމުން މާލޭ މެންބަރު މުޙައްމަދު ޝިހާބު ވިދާޅުވީ ''ދައުލަތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ޚާއްސަމަޖިލީހުގެ މެންބަރުންނަށް އޮފީސް އެލަވަންސަކާއި ސްޓާފް އެލަވަންސެއް ދެއްވާ. އެހެންނަމަވެސް އެއަދަދުތަކަކީ އަޅުގަނޑުމެން ކޮންމެ މެންބަރަކަށް ވަކިން އޮފީސް ހަދައިގެން އުޅެވޭކަހަލަ އަދަދުތަކެއް ނޫން. އެހެންވީމާ އަޅުގަނޑުމެން ވިސްނީ ޕާލަމެންޓްގައި މަސައްކަތްކުރާ ރައްޔިތުންގެ މަޖިލީހާއި ޚާއްސަމަޖިލީހުގެ މެންބަރުން އެކުވެގެން އޮފީހެއް ހަދަން. މީގެ ބޭނުމަކީ އަޅުގަނޑުމެންގެ މަސައްކަތް ރަނގަޅަށް ކުރަންވެގެން. މަސައްކަތޭ މިދެންނެވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި އެކިއެކި ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތްތަކާ ކަންތައްތައް ކުރުން އަދި އަޅުގަނޑުމެން ތަމްސީލުކުރަނީ މި ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެ. އެހެންވީމާ އަޅުގަނޑުމެންގެ ރައްޔިތުން އަޅުގަނޑުމެންނާ ބައްދަލުކުރުމާއި އެބޭފުޅުން މިތަނަށް ވަޑައިގެން އެކިއެކި ބިލްތަކާ ބެހޭގޮތުން ޚިޔާލުތަކާއި މިކަހަލަ ކަންތައްތައް ކުރުމުގައި އިދާރީގޮތުން މިއޮފީހުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ.'' ކަމުގައެވެ. 

2006-10-03

ގޭގެ ބަންދަށްފަހު ކަނޑިންމަ ބަންދު

މިފަހަކަށް އައިސް ތަފާތު ރަށްރަށުގެ ރައްޔިތުން ރަށަށް ވަންނަން އޮންނަ ނެރު ބައްދާ ވާހަކަ އަޑުއިވެއެވެ. ނަމަވެސް ސަރުކާރުން ރަށެއްގެ ނެރު (ކަނޑިންމަ) ބެއްދި އަޑު އެހި އަދި އެފަދަ މަންޒަރެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

އައްޑޫ އަށް ދިޔަ އެމްޑީޕީގެ ވަފްދު 30 ސެޕްޓެމްބަރ 2006 ވީ ދުވަހުގެރޭ މާލޭ އެއް ނަންބަރު ޖެޓީއާވީ ސަރަހައްދަށް ވަނަނުދީ ކަނޑިންމައިގެ ހުރަހަށް ކޯސްގާޑް ލޯންޗެއް ބާއްވައި ހުރަސް އަޅައިފިއެވެ. މިހެން ހެދުމުން އެމްޑީޕީގެ މަންދޫބުން ތިބި ލޯންޗްވެސް ކަނޑުމަތީގައި ގަޑިއެއްހާއިރު މަޑުކޮށްގެން ތިއްބެވެ.

އައްޑޫއިން ދަތުރުކޮށްފައި އައި އެމްޑީޕީގެ މި ވަފްދަށް މަރުޙަބާ ދެންނެވުމަށް އެތަށް ސަތޭކަ ދިވެހިރައްޔިތުންނެއް އެއްނަންބަރު ޖެޓީއާވީ ސަރަހައްދަށް ޖަމާވެފައި ވަނިކޮށް ސަރުކާރުން ހިންގި މިޢަމަލުގެ ސަބަބުން ވަރަށް ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކުރިއެވެ. އެތާނގައިހުރި ހަރުކުލައިގެ މީހަކު، ނެރުމަތީގައި އޮތް ކޯސްޓްގާޑާދިމާއަށް އަތްދިއްކޮށްފައި ބުނީ "ސަރުކާރުން ވައުދުވެފައި ހުންނަ ކަންތައްތައް ނުކޮށްދޭތީ ރަށެއްގެ ރައްޔިތުން ވެގެން ނެރުބައްދައިފިއްޔާ އެވޭ ހިސާރުކުރުމަށް، ނޫނީ ޣައިރުގާނޫނީ ޢަމަލެއް ހިންގިކަމަށް، މިޖެހެނީ ވަކި ކޮންތާކު'' މިފަދައިންނެވެ. އެތަނުގައި އެތަނުގައި ތިބި ގިނަ މީހުން ބުނިގޮތުގައި މިކަމުން މި ދޭހަކޮށްދެނީ ސަރުކާރަށް ގޮތް ހުސްވެފައިވާ ކަމުގެ ނިޝާނެކެވެ. ''މިހާރުދެން ހެދޭ ނުހެދޭ، ކުރެވޭ ނުކުރެވޭ ވެސް ނޭނގެނީ، މިވެސް ދެން ކަމެއްނު'' ލާނަތް ހިނިގަނޑަކާއެކު މީހަކު ކޮށްލީ މަލާމާތެވެ.