2018-11-11

ދައުރު ފެށޭ ޖުމްހޫރީ ދުވަސް - މާނައެއްނެތި

 

ރަސްކަމުގެ ދިގު ތާރީޚަކަށްފަހު ރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ވެރިކަން އުފެދުނީ 1 ޖެނުއަރީ 1953 ގައެވެ. ވެރިޔަކަށް ހުންނެވީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މި ޖުމްހޫރިއްޔާ ދެމިއޮތީ އެންމެ ހަތްމަހާ އެކާވީސްދުވަހަށެވެ. ޖުމްހޫރީ ވެރިކަން ދިވެހީންނަށް ކަމުނުދިޔައީއެވެ. އަނެއްކާވެސް ރަސްކަމަކަށް ބަދަލުކުރީއެވެ. 7 މާރިޗު 1954 ގައި ރަސްކަމަށް އިސްކުރީ އައްސުލްޠާން މުޙައްމަދު ފަރީދު ދީދީއެވެ.

މުޙައްމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތް ނަމަވެސް ވެރިކަމުގެ ނިޒާމު އަނެއްކާވެސް ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ ޚިޔާލުތައް 1965 ގައި ރާއްޖެ މިނިވަން ވީއްސުރެ ރާއްޖޭގެ ސިޔާސީ ވެރިން ކުރައްވަމުން ގެންދެވިއެވެ. އެންމެފަހުން ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ އާންމު ސިއްރު ވޯޓެއް 15 މާރިޗު 1968ގައި ނެގިއެވެ. މިވޯޓުގައި، ވޯޓުދިން މީހުންގެ 81 އިންސައްތަ މީހުން ވޯޓު ދިނީ ޖުމްހޫރީ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށެވެ.


ރައްޔިތުންގެ ނިންމުމާއެއްގޮތަށް ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނެވެ. އެއީ 11 ނޮވެމްބަރ 1968 ގައެވެ. ރައީސަކަށް އިންތިޚާބު ކުރެވުނީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ރާއްޖޭ ޖުމްހޫރީ ދުވަސް ފާހަގަ ކުރެވެމުންމިދަނީ އެ ދުވަހާ ގުޅުވައިގެންނެވެ. އެ ދުވަހަކީ ދުނިޔޭގައިވެސް ތާރީޚީ ދުވަހެކެވެ. އެއީ ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމަ 11 ނޮވެމްބަރު 1918 ގައި ނިމުނުތާ 50  އަހަރުވީ  ރަންޔޫބީލު  މުނާސަބަތުގެ  ތާރީޚީ  ދުވަހެވެ.

ޖުމްހޫރީ ދުވަސް އެ ދުވަހަކަށް ޚާއްސަވެގެންދާ ދެވަނަ ޖުމްހޫރިއްޔާގެ ރަސްމިއްޔާތު ފެށުނީ 10 ނޮވެމްބަރު 1968 ވީ އާދީއްތަ ދުވަހުގެރެއެވެ. ޖަލްސާ ފެށުނީ އެރޭ 9:30 ގައެވެ. ޖަލްސާގައި ފުރަތަމަ އޮތީ މި ޖުމްހޫރިއްޔާގެ ރައްޔިތުންގެ މަޖިލިސް މެންބަރުން ހުވާކުރެއްވުމެވެ. މިގޮތުން  43  މެންބަރުން  ހުވާކުރެއްވިއެވެ. މެންބަރުން ހުވާކުރައްވައި ނިމުނީ ރޭގަނޑު 11 ޖެހިއިރުއެވެ. އެޔާއެކު ޖަލްސާ މެދުކަނޑާލިއެވެ. އަލުން ޖަލްސާ ފެށުނީ މެންދަމު  12  ޖެހިއިރުއެވެ. މި  ޖުމްހޫރިއްޔާ ގާއިމުކުރެވުނީ، 11 ނޮވެންބަރު 1968ގެ 00:00 ގައެވެ. އެވަގުތު  ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ރައްޔިތުންގެ  މަޖިލީހަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރެއްވި އެވެ.

ރާއްޖޭގައި މިހާރު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ ފެށުމަކީ މިއީއެވެ. ކޮންމެ 5 އަހަރަކުން ރިޔާސީ އައު ދައުރެއްގެ ހުވާ ރައީސުލްޖުމްހޫރިއްޔާ ކުރައްވައެވެ. އެކި ފަހަރު އެކި ވަގުތު ތަކުގައެވެ. ރައީސް ނާސިރު ރައީސްކަމުގެ ހުވާ ދެފަހަރުވެސް (1968 އާއި 1973) ކުރެއްވީ 10 ނޮވެމްބަރު ދުވަހުގެރޭ 00:00 ގައެވެ. ރައީސް މައުމޫން ރައީސްކަމުގެ ހުވާ ފުރަތަމަ ފަހަރަށް 1978 ވަނަ އަހަރު ކުރެއްވީވެސް 10 ނޮވެމްބަރު ދުވަހުގެރޭ 00:00 ގައެވެ. އެހެންނަމަވެސް އޭގެފަހުން ވިދިވިދިގެން 5 ދައުރު (1983، 1988، 1993، 1998، 2003) ވެރިކަން ކުރެއްވިއިރުއިރުވެސް ހުވާކުރެއްވީ 11 ނޮވެމްބަރު ދުވަހުގެ ހެނދުނު 10:00 ގައެވެ. އައު ގާނޫނުއަސާސީއާއެކު އުފަންވި މަލްޓިޕާޓީ ޑިމޮކްރަސީގެ ހަމަތަކުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބް ކާމިޔާބްކުރެއްވި ރައީސް ނަޝީދު ރައީސްކަމުގެ ހުވާކުރެއްވީ 11 ނޮވެމްބަރު 2008 ވީ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައެވެ. ދައުރު ނިމުމުގެ ކުރިން ނަޝީދުގެ ވެރިކަން އިންގިލާބުކުރުމާއެކު، ނައިބްރައީސް ޑރ.ވަހީދު ވެރިކަމުގެ ހުވާކުރެއްވީ 7 ފެބްރުއަރީ 2012 ވީ އަންގާރަ ދުވަހުގެ މެންދުރުފަހު 3:25 ގައެވެ. އެހެން ރައީސުން ހުވާކުރައްވަނީ އެކަމަށްޓަކައި ޚާއްސަކުރެވޭ ރަސްމީ ދަރުބާރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށްވިޔަސް ޑރ.ވަހީދު ރައީސްކަމުގެ ހުވާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކޮޓަރިއެއްގައެވެ.

އެދުވަހު ކަންތައް ހިނގާދިޔަ ގޮތާއި އެއާ ގުޅިގެން ހިނގާދިޔަ ހާދިސާތަކުގެ ސަބަބުން އެފަދަ ދެވަނަ ދުވަހެއް ތަކުރާރުވުމަކަށް ނޭދެމެވެ. އަދި އެވާހަކަ ތަކުރާރުކުރާކަށްވެސް ނެތީމެވެ. އެހެނަސް އެ ހަލަބޮލިކަމުގެ ތެރެއިން ފުރަތަމައަށް ބައްދަލުވި ރިޔާސީ އިންތިޚާބުގައި ކަންހިނގައިދިޔަ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވާ ދުވަހަށްވެސް ބަދަލުއައީއެވެ. 11 ނޮވެމްބަރު 2013 ގައި 45 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރި އިރުވެސް ރިޔާސީ އިންތިޚާބް ނުނިމެއެވެ. އެހެންކަމާއެކު ރައީސް ޔާމީން ރައީސްކަމުގެ ހުވާކުރެއްވީ 17 ނޮވެމްބަރު 2013 ވީ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:20 ގައެވެ. ޖުމްހޫރީ ދުވަހާއެކު ކޮންމެ 5 އަހަރަކުން އަންނަ، ދައުރު ފެށޭ ޖުމްހޫރީ ދުވަހު އޮންނަ ރައީސުލްޖުމްހޫރިއްޔާ ހުވާކުރުމުގެ ރަސްމިއްޔާތު މުޅިން އެހެން ދުވަހަކަށް ބަދަލުވީއެވެ.

މިއީ މިފަދަ ޖުމްހޫރީ ދުވަހެއްގައި ފާހަގަކުރަންޖެހޭ ކަމެކެވެ. އަދި 50 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރެވޭއިރު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހީމް މުޙައްމަދު ސޯލިޙް މިވަނީ ރައްޔިތުން އިންތިޚާބްކޮށްފައެވެ. އެހެނަސް، ރައީސްކަމުގެ ހުވާކުރެއްވުން ތާވަލުކުރެވިފައިވަނީ 17 ނޮވެމްބަރު 2018 އަށެވެ. ޖުމްހޫރީ ދުވަހުގެ ހަދުވަސް ފަހަށެވެ. ޖުމްހޫރިއްޔަތުގެ ރަންޔޫބީލް ކަމުގައިވާ 50 ވަނަ ޖުމްހޫރީ ދުވަސް ފެށިގެން އަދި ނިމިގެން މިދަނީ ފަޅުގޮތެއްގައެވެ. ދައުރު ފެށޭ ޖުމްހޫރީ ދުވަސް މިހާރު މި ފާހަގަކުރެވެނީ މާނައެއްނެތް ގޮތެއްގައެވެ.

 

ނޯޓް: މި ލިޔުމާއެކު ހިމަނާފައިއެވާ ފޮޓޯއަކީ 45 ވަނަ ޖުމްހޫރީ ދުވަހު (11 ނޮވެމްބަރ 2013) އަޅުގަނޑުގެ ޝުއޫރެވެ.

No comments:

Post a Comment

Your comment is awaiting moderation!