2006-01-27

ފުރަތަމަ މުޒާހަރާ


އެމްޑީޕީގެ ފަރާތުން ދުރާލާ ރާވައިގެން ބޭއްވި ފުރަތަމަ މުޒާހަރާ ބާއްވައިފިއެވެ. މުޒާހަރާ ބޭއްވީ 24 ޖެނުއަރީ 2006 ވީ އަންގާރަ ދުވަހު ހަވީރު އެވެ. މި މުޒާހަރާ ބޭއްވީ؛ މުޒާހަރާ ކުރުމަކީ މުޅިން މަނާ ކަމެއްކަމަށް ސަރުކާރުން ގޮވަނިކޮށެވެ. މުޒާހަރާގައި ބައިވެރިވާ އެންމެނަށް އަދަބު ދޭނެކަމަށް އިންޒާރު ދީފައިވަނިކޮށެވެ. ސަރުކާރުގެ މުވައްޒަފަކު މުޒާހަރާގައި ބައިވެރިވެއްޖެނަމަ، ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުދައްކާފައި ވަނިކޮށެވެ.

މުޒާހަރާއަކީ ހަމަނުޖެހުން އުފައްދައި ރައްޔިތުން ނުރައްކަލާ ކުރިމަތިކުރުވާނެ ކަމެއް ކަމަށް ބުނެ މުޒާހަރާގައި ބައިވެރި ނުވުމަށް ސަރުކާރުން ކެމްޕޭން ހިންގިއެވެ. އެހެނަސް، އާޓިފިޝަލް ބީޗްގައި މުޒާހަރާ ކުރިއަށްދިޔައީ އަމާންކަމާއި އޮމާންކަމާއެކުއެވެ. އެއްވެސް ހަމަނުޖެހުމެއް ނުހިނގައެވެ. އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އެބޭފުޅުންގެ ޝުއޫރު ފާޅުކުރެއްވިއެވެ. އެފަދަ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ރައީސް އިބްރާ އާއި އިބްރާހީމް ޙުސައިން ޒަކީ އާއި ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކު އާއި މާރިޔާ އަޙްމަދު ދީދީ އާއި އަޙްމަދު ޝަފީގް އާއި ރީކޯ މޫސަ އާއި އަދުނާނު ހަލީމް ހިމެނުނެވެ. 

2006-01-06

ޓީވީއެމްގެ ޚަބަރު ކިޔާ އެނައުންސަރަކަށް އަޅުގަނޑު



ޓީވީއެމްގައި އެނައުންސަރުންގެ ގޮތުގައި މަސައްކަތްކުރާނެ މީހުން ހޯދުމަށް އެ ޗެނަލުން އިއުލާން ކުރުމާއެކު 300 އަށްވުރެ ގިނަ މީހުން ކުރިމަތި ލިއެވެ. އެކި ދުވަސް މަތިން ހެދި، ސްކްރީން ޓެސްޓްތަކާއި ފެންވަރު ބެލުމުގެ ޓެސްޓްތަކަށްފަހު އެ އަދަދު 20 އަށް މަދު ކުރިއެވެ. އެ ވިހި މީހުންގެ ތެރެއިން އެކަކީ އަޅުގަނޑެވެ. އަޅުގަނޑުމެންނަށް ޚާއްސަކޮށްގެން ކޯހެއް ހިންގިއެވެ. ޚާއްސަ ތަމްރީނުތަކެއް ދިނެވެ. ކޯހުގައި ހިމެނުނު ހުރިހާ މީހުންހެން ފާސްވިއެވެ. އެމީހުންނަށް ޓީވީއެމްގެ ބައެއް ޕްރޮގްރާމްތަކުންނާއި ޚަބަރު ކިޔުމުން ފުރުސަތު ދިނެވެ. އެއްބަސްވުމެއްގައި ސޮއި ކުރުވިއެވެ.