2014-08-25

ހަމަހަމަކަން ނެތުމުގެ ހިތްދަތިކަން




ވީނުވީ ގޮތެއް ނޭގި ގެއްލިފައިވާ ރިޟްވާންގެ މަންމަގެ މި ވީޑިއޯ ފެނުމުން އަޅުގަނޑަށް ވަރަށް ފުން އަސަރެއް ކޮށްފިއެވެ. މިޔާއެކު އަޅުގަނޑުގެ ހަނދާނަށް އައީ މީގެ ނުވަ ވަރަކަށް އަހަރު ކުރީގެ ހާދިސާއެކެވެ. 

އެއީ 2005 އޮކްޓޯބަރު 2 ވަނަ ދުވަހެވެ. ނޫސްވެރިއެއްގެ ގޮތުގައި އަޅުގަނޑު ހުރީ ހިނގަމުންދިޔަ ޝަރީޢަތް ކަވަރު ކުރާށެވެ. ދަރުބާރުގޭ ފާށަނާ މާލަމުގައި ކުރިއަށް ދިޔައީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު މާލޭގައި ހިންގި ހަމަނުޖެހުންތަކުގެ ޝަރީއަތެވެ. އެ މައްސަލައިގާ ދައުލަތުން ދައުވާކުރި 3 މީހަކަށް އެދުވަހު ހުކުމް ކުރިއެވެ. ފަނޑިޔާރު ހުކުމް އިއްވެވުމާއެކު، ޝަރީޢަތް އަޑުއަހަން ވަދެ އިން ދެބައި އުމުރުގެ އަންހެނަކު ރޮމުން ހަޅޭއްލަވަމުން އެ ހޯލުތެރޭގައި ދުވަންފެށިއެވެ. އެމީހާ ގޮވަމުންދިޔައީ މިހެންނެވެ. "އަހަރުމެން ނިކަމެތިވީމަ އަހަރުމެންގެ ދަރިންނަށް ހުކުމް އިއްވާ ޖަލަށްލަނީ... މަތީ މީހުންގެ ދަރިން އެތިބީ ކޯޓަށް ނުވެސް ގެނެސް ރާއްޖޭން ބޭރުގަ..." އެމީހާ އިޝާރާތް އެކުރީ އެމައްސަލައިގާ ހިމެނޭ މ.ސިލްވަރކްލައުޑް އަޙްމަދު ޒިޔާ ޢައްބާސްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނިކޮށް އޭނާ ފުރައިގެންގޮސް އިނގިރޭސިވިލާތުގައި ހުރުމާއި މައްސަލައިގާ ހިމެނޭ އެހެން މީހުންގެ މައްޗަށް ޝަރީޢަތް ހިންގާ ހުކުމް ކުރި ކުރުމަށެވެ.


މިދެންނެވި ހާދިސާގައި އާއި މިހާރު ހިނގައިގެން  މިއުޅޭ ހާދިސާ އަޅާކިޔާއިރު މި ހިނގާދިޔަ މުއްދަތުގައި އަޅުގަނޑުމެންގެ ތެރެއިން އެތައް ކަމެއް ބަދަލުވެއްޖެއެވެ. މުޅި ވެރިކަމުގެ ނިޒާމު ބަދަލުވެއްޖެއެވެ. ފުރިހަމަ ޑިމޮކްރެޓިކް ނިޒާމަކަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުވެއްޖެއެވެ. ކުރިން ނެތް އެތައް މިނިވަން މުއައްސަސާތަކެއް އުފެދިއްޖެއެވެ. ވެރިކަން ބަދަލުވެއްޖެއެވެ. އެއް ފަހަރަކު ނޫނެވެ. ތިން ފަހަރަށް ބަދަލު ވެއްޖެ އެވެ. މިހުރިހާ ބަދަލުވުމަކާ އެކުވެސް ބަދަލު ނުވަނީ ކަންކުރަމުން އަންނަ އުސޫލެވެ.

މި އަދު ރިޟްވާންގެ މަންމަވެސް އެބުނަނީ، އެދުވަހު ހުކުމްކުރި ކުއްޖާގެ މަންމަވެސް ބުނި ފަދަ ވާހަކަ އެކެވެ. "ނިކަމެތިންނަށް އޮތީ ނިކަމެތި ގޮތް" ކަމަށެވެ. ރައްޔިތަކަށް ބޮޑު ކަމެއް ދިމާވާއިރު ފެންނަނީ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ނެތުމެވެ. ކުރީއްސުރެވެސް އޮންނަ ގޮތަށް ބޮޑު މީހާއަށް މޮޅުގޮތް އޮތުމެވެ. އެހެންނަމަވެސް ރާއްޖޭގެ އެންމެ ފުރަތަމަ ގާނޫނުއަސާސީން ފެށިގެން މިއަދާ ހަމައަށް އޮތް ގާނޫނު އަސާސީގައިވެސް ބުނަނީ ދިވެހި ރައްޔިތުންނަކީ ހަމަހަމަ ވެގެންވާ ބައެއް ކަމަށެވެ. ގާނޫނު ހިންގުމުގައާއި ގާނޫނީ ހިމާޔަތް ލިބުުމުގައި ހަމަހަމަ ވެގެންވާ ބައެއް ކަމަށެވެ. އެބުނާ ހަމަހަމަކަން މުޅި ރައްޔިތުންނަށް ލިބޭނީ ކޮންދުވަހަކުން ހެއްޔެވެ. ބޮޑު ކަމަކާ ދިމާވުމާއެކު ހަމަހަމަކަން ނެތުމުގެ ހިތްދަތިކަން، އިހްސާސް ކުރަން ނުޖެހޭނެ ދުވަހަކީ ކޮބައި ހެއްޔެވެ. 

No comments:

Post a Comment

Your comment is awaiting moderation!