2009-05-15

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2009



2008 އޯގަސްޓް 7 ވަނަ ދުވަހު ތަސްދީޤްކުރި، ޤާނޫނު އަސާސީގައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބްކޮށްފިއެވެ. ރައްޔިތުންގެ މަޖިލިސް އެކުލަވާލުމަށްޓަކައި 2009 މެއި 9 ވަނަ ދުވަހު ބޭއްވި ޢާންމު އިންތިޚާބުގެ ވަގުތީ ނަތީޖާ، އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރީ 2009 މެއި 12 ވީ އަންގާރަ ދުވަހުގެ ރެއެވެ.

މި އިންތިޚާބުގައި 77 ދާއިރާއަށް ޖުމްލަ 455 ކެންޑިޑޭޓަކު ވާދަކުރިއެވެ. އެއީ 11 ސިޔާސީ ޕާޓީއަކުން ވާދަކުރި 209 ކެނޑިޑޭޓުންނާއި، އަމިއްލަގޮތުން ވާދަކުރި 246 ކެނޑިޑޭޓުންނެވެ. އިންތިޚާބްގެ ނަތީޖާ ދައްކާގޮތުން، މަޖިލީހުގެ މެންބަރުކަން ކަށަވަރުކުރި ކެންޑިޑޭޓުންގެ ތެރެއިން 64 ކެންޑިޑޭޓުންނަކީ 5 ސިޔާސީޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ. އަނެއް 13 ކެންޑިޑޭޓުންނަކީ އަމިއްލަގޮތުން ވާދަކުރެއްވި ބޭފުޅުންނެވެ. ސިޔާސީ ޕާޓީތަކަށް ބަލާއިރު، އެންމެ ގިނަ ގޮނޑި ކާމިޔާބްކުރީ އެންމެބޮޑު އިދިކޮޅު ޕާޓީ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ންނެވެ. އެޕާޓީއަށް ނިސްބަތްވި 28 ކެންޑިޑޭޓަކު އިންތިޚާބް ކާމިޔާބް ކުރިއެވެ. ސަރުކާރު ހިންގާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުން ތެރެއިން 26 ކެންޑިޑޭޓަކު އިންތިޚާބް ކާމިޔާބްކުރިއެވެ. މައި ދެޕާޓީގެ އިތުރުން ދެން އެންމެ ގިނަ ގޮނޑި ކާމިޔާބްކުރީ 7 ގޮނޑި ކާމިޔާބްކުރި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ކެންޑިޑޭޓުންނެވެ. ޕީޕަލްސް އެލައެންސްވަނީ ޑީއާރްޕީއާ ކޯލިޝަން ހަދާފައިކަމުން އެކޯލިޝަނަށް ނިސްބަތްވާ ޖުމްލަ ގޮނޑީގެ އަދަދަކީ 35 ކެވެ. އިންތިޚާބް ކާމިޔާބު ކުރި ޕާޓީތަކުގެ ތެރެއިން ދިވެހި ގައުމީ ޕާޓީ އަށް ލިބުނީ 2 ގޮނޑިއެވެ. އަދި ޖުމްހޫރީ ޕާޓީއަށް 1 ގޮނޑިއެވެ.