2007-12-28

ދެޕާޓީ އެއްމޭޒު ދޮށުގައި: މަންޒަރު ރީތި ނަމަވެސް ނަތީޖާ ސުމެއް



ސިޔާސީ ޕާޓީ ހިންގަން ފުރުސަތު ލިބުމާއެކު ފުރަތަމަ ރަޖިސްޓްރީ ކުރި ދެ ޕާޓީ، އެމްޑީޕީއާއި ޑީއާރުޕީގެ މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދުނެވެ. ސަރުކާރުގެ ހިންގެވުމުގައި އިސްކޮށްތިއްބެވި ބޭފުޅުން ނިސްބަތްވާ ޕާޓީ އަކީ ސަރުކާރު ހިންގާ ޕާޓީއަށް ވިއެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ސަރުކާރާ ދެކޮޅަށް ހަރަކާތްތައް ހިންގާ އެމްޑީޕީ އަކީ އިދިކޮޅު ޕާޓީގެ ގޮތުގައި ނިސްބަތްކުރެވުނެވެ. ދެޕާޓީގެ ދެމެދުގައި ދެވެމުންދިޔަ ބަހުގެ ހަމަލާތަކާއި ކުރެވެމުންދިޔަ ކަންތައްތަކުގެ ހިޔަނި ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތަށް އޮތީ އެޅިފައެވެ. 

ޤާނޫނުއަސާސީގެ މަސައްކަތް ލަސްކުރަނީ ޑީއާރުޕީން ކަމަށް އިދިކޮޅުފަރާތްތަކުން ބުނަމުންދިޔައެވެ. ސަބަބަކީ، ރައްޔިތުންގެ މަޖިލީހާއި ޚާއްސަ މަޖިލީހުގެ އަގުލަބިއްޔަތު ޑީއާރުޕީއަށް އޮތުމެވެ. އެހެނަސް ސާރުކާރާއި ޑީއާރުޕީން ބުނަމުންދިޔައީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތަށް ހުރަސްއަޅައި އެމަސައްކަތް ލަސްކުރަމުންދަނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ. ޚާއްސަކޮށް އެމްޑީޕީން ކަމަށެވެ.