2015-01-10

އޭކަން މިހާރު އޯކޭ

މީގެ ދެތިން އަހަރު ކުރިން، މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަންގެ ޝޯއެއް ރާއްޖޭގައި ބާއްވާނެކަން އިއުލާންކުރިއެވެ. އެކަމަށްޓަކާ މަސައްކަތްތަކެއްވެސް ކުރިއެވެ. ޝޯ ބާއްވާނެ ތާރީޚަކީ 23 ޖުލައި 2010 ކަމުގައިވެސް ކަނޑައެޅިއެވެ. އެހެނަސް އެޔާއެކު ކުރިމަތި ކުރީ ހުރަސްތަކެވެ. ސިޔާސީ ގޮތުން ސަރުކަރާ އިދިކޮޅު ފަރާތްތައް އަޑީގައި ތިބެގެން ހިންގި ކަންތައް ތަކުގެ ސަބަބުން އޭކަން ރާއްޖެ އައިސް ޝޯ ދިނުމަކީ އިސްލާމްދީނާ ޚިލާފް ކަމެއްގެ ގޮތުގައި ސިފަކުރިއެވެ. އެކަމުގައި ނަގާކިޔަންތިބީ ދީނީ ދަންނަބޭކަލުންނެވެ. އެ ޝޯ ހުއްޓުވުމަށް ތަފާތު ގޮތްގޮތަށް މަސައްކަތް ކުރަންފެށިއެވެ. އެންމެފަހުން އެ ޝޯ ކެންސަލްކުރިއެވެ.

އެއީ އެފަހަރު ކަންހިނގި މަގެވެ. އެހެނަސް މިފަހަރު ވަރަށް ތަފާތެވެ. އޭކަން ރާއްޖެ އައިސް، 8 ޖެނުއަރީ 2015 ވީ ބުރާސްފަތި ދުވަހުގެރޭ މާލޭ ގަލޮޅު ދަނޑުގައި އެތައް ހާސް ބައެއްގެ ހާޒިރުގައި ޝޯ ދީފިއެވެ. އަދި އެ ޝޯ ގައުމީ ޓީވީން ލައިވްވެސް ކޮށްފިއެވެ. މިކަން އިންތިޒާމުކުރުމުގައި އިސްކޮށް ތިއްބެވީ ސަރުކާރުގެ އިސްވެރީންނެވެ. ޚާއްސަގޮތެއްގައި ޓުއަރިޒަމް މިނިސްޓަރ އަޙްމަދު އަދީބެވެ.

މިފަހަރު މި ޝޯގެ ކަންތައް އިންތިޒާމުވެގެން އައިއިރު ދީނާ ޚިލާފްކަމެއްގެ ގޮތުގައި ކުރިން އެކަން އެގޮތަށް ދުށް ގިނަ ބަޔަކަށް ނުފެނުނެވެ. އެފަހަރު ބަޔާންތައް ނެރުއްވައި އިންޓަވިޔުތައް ދެއްވި ގިނަބޭފުޅުން މިފަހަރު ފެނުނީ ހިމޭނުން ތިއްބެވިތަނެވެ. މީހަކީ ހަމަ އެކަކެވެ. ކުރީ ހަމަ އެއްކަމެކެވެ. ހަމައެކަނި ތަފާތަކީ ސަރުކާރު ބަދަލު ވެފައި ވުމެވެ. އެފަހަރު ގޯހެވެ. މިފަހަރު އޯކޭ އެވެ.


No comments:

Post a Comment

Your comment is awaiting moderation!