2014-10-05

ޕާސްޕޯޓް އަގުބޮޑުކުރުމުން ޝަކުވާކުރުމުގައި




އަންނަ ނޮވެމްބަރު މަހުން ފެށިގެން ޕާސްޕޯޓް ހަދައިދޭ އަގުތައް ބޮޑުކުރިކަން އިމިގްރޭޝަން ޑިޕާޓްމަންޓުން އިއުލާން ކޮށްފިއެވެ. މިއީ ރައްޔިތުން ކުރަންޖެހޭ ޚަރަދުގެ ތެރެއަށް އިތުރުވި ފައިސާ އެކެވެ. ޕާސްޕޯޓް މިހާރު ހައްދައިދޭ އަގާ ބަލާއިރު، ނޮވެމްބަރުން ފެށިގެން ހައްދައިދޭނެ އަގު ބޮޑު ވުމާއެކު ރައްޔިތުން ދަނީ އެޝަކުވާ ކުރަމުންނެވެ. މިއަދު ރައްޔިތުން އެ ޝަކުވާ ކުރަނީ ކޮށްލާ ކޮމެންޓަކުންނެވެ. ކޮށްލާ ޓްވީޓަކުންނެވެ. ފޭސްބުކް ގައި ލިޔެލާ ސްޓޭޓަސް އަކުންނެވެ.


މީގެ ހަތަރުވަރަކަށް އަހަރު ކުރިން މާލޭގެ މަގުތަކުންނާއި ރާއްޖޭގެ ރަށްތަކުން ފެނުނު ފަދަ މުޒާހަރާތަކާއި އެއްވުންތަކެއް މިއަދަކު ނުފެނެއެވެ. އެދުވަސްވަރު ސަރުކާރުން ގެންނަން މަސައްކަތްކުރި ކޮންމެ ބަދަލަކާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ނުކުމެ އަޑުއުފުލިއެވެ. ތަކެތީގެ އަގުބޮޑުވާތީ "ރައްޔިތުން ހަނާވަނީ" އޭ ގޮވިއެވެ. ޓެކްސް ނަގާ ގޮތަށް ގާނޫނު ހެދީތީ "ރައްޔިތުން ފެލަނީ" އޭ ގޮވިއެވެ. މުޒާހަރާގެ އިތުރުން ހަމަނުޖެހުން ހިންގައި ތަންތަނަށާއި ތަކެއްޗަށް ގެއްލުންވެސް ދިނެވެ. އެކަންކަމުގައި ފައުޅާއި ސިއްރުގައި ބައިވެރިވި ގިނަ މީހުންނަކީ މިއަދު ސަރުކާރުގެ އިސްވެރީންނެވެ. އެހެނަސް މިފެންނަނީ ކީހާޅެން ފަރިއްސަށް ވަމުންދާ ތަނެވެ. ތަކެތީގެ އަގު އިތުރަށްވީ ބޮޑެވެ. ކުރިން ޓެކްސް ނުނަގާ ބާވަތްތަކުންވެސް ޓެކްސް ނަގަން ފެށީއެވެ. މުވާސަލާތީ ޚިދުމަތްތަކުންވެސް ޓެކްސް ނަގަނީ އެވެ. ނޮވެމްބަރު މަހުން ފެށިގެން ޓީޖީއެސްޓީވެސް ބޮޑުކުރަނީ އެވެ. އަނެއްކާ މި އިވުނީ ޕާސްޕޯޓް ހައްދައިދޭ އަގުބޮޑު ކުރާ ވާހަކަ އެވެ.

ޕާސްޕޯޓް ހައްދައިދޭ އަގު ބޮޑުކުރާއިރު، އެކަމުގެ ސަބަބެއް ކަމަށް ސަރުކާރުން ބުނަނީ ޕާސްޕޯޓަކީ ދައުލަތުގެ މުހިންމު ލިޔުމެއް ކަމަށްވާއިރު އެއަށް ރައްކާތެރިވުމަށް ބާރު އެޅުމާއި ޕާސްޕޯޓުގެ އިންޓެގްރިޓީ ހިފެހެއްޓުމެވެ. ރަނގަޅެވެ. ގެއްލޭ ޕާސްޕޯޓް އާކޮށްދޭއިރު ބޮޑު އަދަދަކުން ޖޫރިމަނާ ކުރާ ގޮތަށް ހެދިނަމަ އެކަމާ ގިނަބަޔަކު ދެކޮޅެއް ނުހަދާނެއެވެ. އެހެނަސް އެއްވެސް ސަބަބެއްނެތި ޕާސްޕޯޓް ހައްދައިދޭ އަގުބޮޑުކުރުމަކީ ގިނަބަޔަކަށް އެކަމުގެ އަސަރު ކުރާނެ ކަމެކެވެ.

No comments:

Post a Comment

Your comment is awaiting moderation!