2013-12-11

ރައީސް ނެލްސަން މަންޑޭލާ އާއި ރައީސް މުޙައްމަދު ނަޝީދު



ސައުތު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ، މަޝްހޫރުވެފައިވަނީ މިނިވަންކަމާއި ހަމަހަމަކަމާއި އިންސާފު ގާއިމުކުރުމަށްޓަކައި މަސައްކަތް ކުރެއްވި ހިތްވަރުގަދަ ބަޠަލެއްގެ ގޮތުގައެވެ. މަންޑޭލާގެ މަސައްކަތް ހުއްޓުވާލުމަށްޓަކައި، އެގައުމުގެ ސަރުކާރުން ގިނަ ގުނަ ހުރަސްތަކެއް އެޅިއެވެ. ނަމަވެސް ވަޑައިގަތީ ކުރިއަށެވެ. ދިގު މުއްދަތެއް ވަންދެން ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓިއެވެ. އެހެންނަމަވެސް ހިތްވަރަކަށް ކުޑަވެސް ގުޑުމެއް ނާދެއެވެ. މަންޑޭލާ، ފުރަތަމަ ފާހަގަކުރެވުނީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައެވެ. އެއަށްފަހު ސިޔާސީ ކުށްވެރިއެއްގެ ގޮތުގައެވެ. އޭގެ ފަހުން ޤައުމުގެ ރައީސްގެ ގޮތުގައެވެ.

ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ފާހަގަކުރެވެނީ މި ދެންނެވި އުސޫލުންނެވެ. ޤާނޫނުއަސާސީން ލިބިދީފައި އޮތް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މަސައްކަތް ފެއްޓެވި ހިސާބުން، ދިވެހި ސަރުކާރުގެ ގިނަގުނަ ހުރަސްތައް ނަޝީދަށް ކުރިމަތިވެވަޑައިގަތެވެ. އެތައް ފަހަރެއްގެ މަތިން ޖަލުގައި ހައްޔަރުކުރިއެވެ. ހިތްވަރު އެލުވައެއް ނުލައްވައެވެ. އުންމީދު އާކުރައްވަމުން ވަޑައިގެންނެވީ ކުރިއަށެވެ. ނަޝީދުވެސް ފުރަތަމަ ފާހަގަކުރެވުނީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައެވެ. އެއަށްފަހު ސިޔާސީ ކުށްވެރިއެއްގެ ގޮތުގައެވެ. އޭގެ ފަހުން ޤައުމުގެ ރައީސްގެ ގޮތުގައެވެ.

2013-12-06

ނެލްސަން މަންޑޭލާ އަވަހާރަވުން



މިއަދުގެ އިރު އަރައިގެން މިއައީ ހިތާމަވެރި ޚަބަރަކާއިގެންނެވެ. ރާއްޖޭ ގަޑިން ރޭ މެންދަމުގެ ވަގުތެއްގައި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އަވަހާރަވީއެވެ. އުމުރުފުޅުން 95 އަހަރުގައި މަންޑޭލާ އަވަހާރަވީ ގޭގައި ބާއްވައިގެން އިންޓެންސިވް މެޑިކަލް ކެއާގެ ހިދުމަތް ދެމުން އަންނަނިކޮށެވެ. މަންޑޭލާ އަވަހާރަވިކަން އިޢުލާން ކުރެއްވީ ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ، ގައުމީޓީވީ މެދުވެރިކުރައްވާ ދެއްވި ބަޔާނެއްގައެވެ. ބަޔާނުގައި ރައީސް ޖޭކޮބް ޒޫމާ ވިދާޅުވީ ގެއްލިގެން ދިޔައީ ދެކުނު އެފްރިކާ އުފެއްދި އެންމެ އަގުހުރި ދަރި ކަމަށެވެ. "ނެލްސަން މަންޑޭލާގެ މޮޅު ކަމަކީ އޭނާ އިންސާނަކަށްވީ ސަބަބު. އޭނާގެ ކިބައިން ފެނުނީ އަހަރެމެން ކޮންމެ މީހެއްގެ ކިބައިގައި ވެސް ހުންނަން އެދޭ ކަންތައްތައް... ނެލްސަން މަންޑޭލާ ވަނީ އަހަރެމެން އެންމެން އެކަތިގަނޑަކަށް ހަދައިދީފައި. އޭނާއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރާނީ އަހަރެމެން އެންމެން ގުޅިގެން" ޒޫމާ ވިދާޅުވި އެވެ