2024-05-27

ހިތްހަމަޖެހުމާއެކު...

 

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ވެލިދޫ ދާއިރާގެ، އާދެ! ފޮއްދޫ، ޅޮހި، ވެލިދޫގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ހޯއްދަވައިދެއްވި ފުރުސަތު މާދަމާ (28 މެއި 2024) ހަމަވާނެއެވެ. އެ ފުރުސަތު ހޯއްދަވައި ދެއްވި ކަމަށްޓަކައި މިއަދުވެސް ވެލިދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ރައްދުކުރަމެވެ.

 

ވާދަވެރި އިންތިޚާބަކުން ވެލިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަލްއަޚް މުޙައްމަދު ޢައްބާސް، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރުކަމުގެ ހުވާ މާދަމާ ކުރައްވާނެއެވެ. އަޅުގަނޑުގެ ހުރިހާވެސް ހެޔޮއެދުމަކާއި ހުރިހާވެސް ތަހުނިޔާއެއް އަރިސްކުރަމެވެ. ހުރިހާވެސް ކާމިޔާބީއަކަށާއި ހުރިހާވެސް ފާގަތިކަމަކަށް އެދެމެވެ.

 

މަގާމުގެ މުއްދަތު ހަމަވެގެން އަޅުގަނޑު މިވަކިވަނީ މަގާމާ ހަވާލުވި ދުވަހަށްވުރެ ހިތްހަމަޖެހިފައި ހުރެއެވެ. ޤާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނާ ގޮތުގެ މަތިން މަގާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް އެންމެ އެކަށޭނަގޮތުގައި އަދާކުރިކަމުގެ ހިތްހަމަޖެހުމެވެ. ހާޒިރީއަށް ފަރުވާ ބަހައްޓައި މަޖިލީހުގެ ޖަލްސާތަކުގައާއި ކޮމިޓީ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވިކަމުގެ ހިތްހަމަޖެހުމެވެ. ޤައުމާއި ރައްޔިތުންގެ ހައްގުގައި ޚާއްސަގޮތެއްގައި ވެލިދޫ ދާއިރާ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރިކަމުގެ ހިތްހަމަޖެހުމެވެ. ރައްޔިތުންގެ މަންދޫބެއްގެ ގޮތުން ރައްޔިތުންނާ ގާތުން މަސައްކަތްކުރިކަމުގެ ހިތްހަމަޖެހުމެވެ. ނާޖާއިޒު ނުފޫޒެއްގައި ނުޖެހި، މާލީ ނުވަތަ އެނޫންވެސް މަންފާއަކަށް ދީލައި ނުލައި ސާބިތުކަމާއެކު އެއް އަމާޒަކަށް ދަތުރުކުރި ކަމުގެ ހިތްހަމަޖެހުމެވެ.

 

މިފަދަ ކިތަންމެ ހިތްހަމަޖެހުންތަކެއް ހުރިނަމަވެސް، ދާއިރާގެ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްދިޔަ މިންވަރާމެދު އެންމެ ހިތްހަމައެއް ނުޖެހެއެވެ. އެކަމުގައި މަޖިލިސް މެންބަރަށް މާބޮޑު ދައުރެއް ޤާނޫނުއަސާސީއާއި ގާނޫނުތަކުންވެސް ލިބިދީފައެއް ނުވެއެވެ. އެހެނަސް ރައްޔިތުން އެކަން ބަލައިގަންނަނީ އެ ނަޒަރަކުން ނޫނެވެ.

 

ފެހި ޤާނޫނުއަސާސީ ކަނޑައަޅާފައިވާގޮތުން ދާއިރާގެ ތަރައްގީގެ މަޝްރޫއުތަކާ މެންބަރާ ގުޅޭ ހިސާބަކީ ބަޖެޓް ދިރާސާކުރުމުގެ މަރުހަލާއެވެ. އެހެންނަމަވެސް، އޭރަކު އޮންނަ ސަރުކާރަކުން ފުރުސަތު ދިން މިންވަރަކުން ބަޖެޓް އެކުލަވާލުމުގައި މެންބަރުން ބައިވެރިވުމުގެ ފުރުސަތު ލިބެއެވެ. މެންބަރު ނިސްބަތްވާ ދާއިރާގެ ރަށްތަކަށް މުހިންމުވާ ކަންކަން ބަޖެޓްގައި ހިމަނަން ފުރުސަތު ލިބެއެވެ. މިގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލިސް ހިނގާދިޔަ ގިނަ ދުވަސްތަކަކީ އެމްޑީޕީގެ ވެރިކަން ކަމަށްވެފައި އަދި އަޅުގަނޑަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކަށްވުމުން މިދެންނެވި ފުރުސަތު އެމްޑީޕީގެ ވެރިކަމުގައި އަޅުގަނޑަށް ލިބުނެވެ. އެ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފީމެވެ. ދާއިރާގެ ތިން ރަށަށް އެންމެ މުހިންމުވި ކަންކަން ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއިން ހޯދައި އެކަންކަން ފުއްދުމަށްޓަކައި ސަރުކާރާ ގުޅިގެން ގިނަ ގުނަ މަސައްކަތްތަކެއް ކުރީމެވެ. ބަޖެޓްގައި ހިމަނައިގެންނާއި ޕީއެސްއައިޕީ ޕްރޮގްރާމްގެ ތެރެއިންނާއި ހިލޭއެހީ މަޝްރޫއުތަކުގެ ތެރެއިންނެވެ. އެންމެ ބޭނުންވި ނަތީޖާ ނުނެރެވުނަސް، އެކިކަންކަން އެކި މިންވަރަށް ހާސިލުކުރެވުނުކަމުގެ ހިތްހަމަޖެހުން އެބައޮތެވެ.

 

އަޅުގަނޑު މަގާމާ ހަވާލުވީ މީގެ 5 އަހަރުކުރިން 28 މެއި 2019 ގައެވެ. ހުވާ ކުރުމަށްފަހު ދާއިރާގެ 3 ރަށުގެ ކައުންސިލް މެންބަރުންނާއެކު 3 ރަށުގެ ރައްޔިތުންނާއެކު ވަކިވަކިން އާންމު ބައްދަލުވުން ބޭއްވީމެވެ. އޭރު ވެލިދޫން ލިބުނު އެންމެބޮޑު ކަންބޮޑުވުމަކީ ރަށުތެރޭގައި ކުނިކޮށި އޮތުމާއި ކުނިކޮށީގައި ރޯކޮށްލުމާއެކު މުޅި ރަށް ދުމުން ތަގައްޔަރުވާ މައްސަލައެވެ. ވެލިދޫ ފަޅުގައި ޒަމާންތަކެއް ވަންދެން އަޑިއަށް ގޮސްފައި އޮތް އުޅަނދެއް އޮންނާތީ އާއި ވެލިދޫ ބިމުން ގޯތި ނުދޭ މައްސަލައެވެ. އެންމެ ގިނަބަޔަކުގެ އެދުމަކަށްވީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙްގެ ވައުދުތައް ފުއްދެވުމެވެ. ޅޮހީން އެންމެބޮޑަށް ފާހަގަވީ ސްކޫލް ކްލާސްރޫމްގެ ތާށިކަމާއެކު، އެއްދަންފަޅިއަށް ކިޔަވައި ނުދެވޭ މައްސަލައެވެ. އިމާރާތްކޮށް ނިންމާފައިހުރި މިސްކިތް ބޭނުންކުރެވޭވަރު ނުވެ ގިނަދުވަސް ވަމުންދާތީ އެމައްސަލައެވެ. ފެނާއި ނަރުދަމާގެ ޚިދުމަތް ނެތުމުގެ މައްސަލައެވެ. ރަށުތެރޭގައި އިންޖީނުގެ ހުރުމުން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށާއި އާންމު ރައްޔިތުންނަށް އުނދަގޫވާ މައްސަލައެވެ. ރަށުގައި ބިން އޮވެފައި ރައްޔިތުންނަށް ގޯތި ނުލިބޭ މައްސަލައެވެ. ފޮއްދޫން އެންމެބޮޑަށް ފާހަގަވީ ލަފާފުރުން ދަތިކަމުގެ މައްސަލައެވެ. ފެނާއި ނަރުދަމާގެ ޚިދުމަތް ނެތުމުގެ މައްސަލައެވެ. ސްކޫލް އިމާރާތުގެ ޖާގައިގެ ކުޑަކަމުގެ މައްސަލައެވެ.

 

ތިން ރަށުންވެސް ފާހަގަވި، މަތީގައި މިދެންނެވި ގިނަ މައްސަލަތައް މިހާރު ވާނީ ހައްލުކުރެވިފައެވެ. ބައެއް ކަންކަން ފެށިގެން ކުރިއަށް ދަނީއެވެ. އަނެއްބައި ކަންކަން ހުރީ ކޮންޓްރެކްޓަރާ ހަވާލުކޮށްފައެވެ. އަނެއްބައި ކަންކަން ހުރީ ބަޖެޓްގައި ހިމަނާފައެވެ. އެއްކަމެއްވެސް ދޫކޮށްލާފައެއް ނުވާނެއެވެ.

 

ވެލިދޫގެ ތަރައްގީއަށް ފާއިތުވި 5 އަހަރު ކޮށްފައިވާ ކަންތައްތަކާއި ކުރަން ފަށާފައިވާ ކަންތައްތަކާއި ބަޖެޓްކޮށްފައިވާ ކަންކަމަށް ބަލާއިރު، ބޭންކިން ޚިދުމަތް ވަނީ ފެށިފައެވެ. ކަމާ ގުޅުންހުރި ފަރާތްތަކުގެ ދިރާސާއަށްފަހު ވޭސްޓް މެނޭޖްމަންޓް ސެންޓަރ ވަނީ ގާއިމުކޮށްފައެވެ. އައުޓްޑޯ ޖިމާއި ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުން ވަނީ ނިމިފައެވެ. ދަނޑުގެ ރޮސްޓްރަމް މަސައްކަތް ކުރިއަށްދާއިރު، ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ޖެހުމަށްވަނީ ބަޖެޓްކޮށްފައެވެ. އޮޑިއެހެލުމަށް ވަކި ސަރަހައްދެއް ޚާއްސަކޮށް ބިން ހިއްކައި ރިވެޓްމަންޓްޖަހައިފިއެވެ. އެ މަސައްކަތާއެކު ކުރިން ހިއްކާފައި އޮތް ފަސްގަނޑު ލެވެލްކޮށް، ޓޫރިސްޓް ވިލެޖެއް ފައްކާކޮށްފިއެވެ. ޒަމާނީ އެމްބިއުލެންސަކާއެކު، ޞިއްޙީމަރުކަޒުގެ ލެވެލް ރޭންކް 4 އަށް މަތިކުރިއެވެ. މުޅިން އާ 2 ޖެންސެޓާއެކު، ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ 1.6 އިން 2.4 މެގަވޯޓަށް މަތިކުރިއެވެ. އަދި އާ އިންޖީނުގެއާއި އޮފީސް އިމާރާތް މިހާރަށްވުރެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކުރުމަށްވާނީ ޕްލޭންކޮށްފައެވެ. މަގުހެދުމުގެ މަސައްކަތާއި ޖޫނިއަރ ކޮލެޖްގެ މަސައްކަތާއި 4 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތާއި ޕޮލިސް ސްޓޭޝަންގެ މަސައްކަތާއި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ޕިކްނިކް އައިލެންޑްގެ މަސައްކަތްވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފައެވެ. މަލްޓިޕާޕަސް ހޯލަކާއެކު 8 ކްލާސް ރޫމް އިމާރާތްކުރުމަށާއި ޑްރަގް ރީހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރުމަށް ބަޖެޓްގައި ވާނީ ހިމަނާފައެވެ.

 

ޅޮހީގެ ތަރައްގީއަށް ފާއިތުވި 5 އަހަރު ކޮށްފައިވާ ކަންތައްތަކާއި ކުރަން ފަށާފައިވާ ކަންތައްތަކާއި ބަޖެޓްކޮށްފައިވާ ކަންކަމަށް ބަލާއިރު، 6 ކްލާސްރޫމްގެ ދެބުރި އިމާރާތް ނިންމައި އެއްދަންފަޅިއަށް ކިޔަވައިދޭންވަނީ ފަށާފައެވެ. އާ އިންޖީނުގެއާއި އޮފީސް އިމާރާތްކޮށް މީހުން އުޅޭ ސަރަހައްދާ ދުރުގައި ވަނީ ޚިދުމަތް ދޭން ފަށާފައެވެ. އަދި ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ 432 އިން 850 ކިލޯވޯޓަށް ވަނީ މަތިކޮށްފައެވެ. ސާރފް ޝެކް ގާއިމުކޮށް، ކުޑަކުދިންގެ ޕާކް ގާއިމުކޮށް، ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައި ފުލުހުންގެ ޚިދުމަތް ވަނީ ގާއިމްކޮށްފައެވެ. ޒަމާނީ އާ އެމްބިއުލަންސާއެކު ސިއްހީ މަރުކަޒުގެ މަރާމާތު ކުރިއަށްދިޔައެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިގެން ވަކިވަރަކަށް ކުރިއަށް ދިޔުމަށްފަހު އޮތީ ހުއްޓިފައެވެ. އެ މަސައްކަތް އަލުން ފަށަން އެކި ފަހަރު މަތިން މަސައްކަތް ކުރީމެވެ. ބަނދަރު އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އެބަދެއެވެ. ސްކޫލްގައި ރިސޯސް ރޫމާއި މަލްޓިޕާޕަސް ހޯލު އިމާރާތްކުރުމަށް ބަޖެޓްގައި ވާނީ ހިމަނާފައެވެ.

 

ފޮއްދޫގެ ތަރައްގީއަށް ފާއިތުވި 5 އަހަރު ކޮށްފައިވާ ކަންތައްތަކާއި ކުރަން ފަށާފައިވާ ކަންތައްތަކާއި ބަޖެޓްކޮށްފައިވާ ކަންކަމަށް ބަލާއިރު، ފުޓްސަލް ދަނޑު ނިންމައި ގިރާ ސަރަހައްދުވަނީ ހިމާޔަތްކޮށްފައެވެ. މީހުން ދިރިއުޅޭ އަދި ގެސްޓްހައުސް ހިމެނޭ ސަރަހައްދުގައި ހުރި އިންޖީނުގޭގެ ބަދަލުގައި އެހެން ސަރަހައްދެއްގައި އިންޖީނުގެ ގާއިމުކޮށް ޚިދުމަތް ދޭންވަނީ ފަށާފައެވެ. އަމިއްލަ މީހެއްގެ ގޭގައި ހިންގަމުންދިޔަ އޮފީހުގެ ބަދަލުގައި ފެނަކަ އާ އޮފީސް ވަނީ އިމާރާތްކޮށްފައެވެ. އަދި ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ 300 އިން 500 ކިލޯވޯޓަށް ވަނީ މަތިކޮށްފައެވެ. ފެނާއި ނަރުދަމާގެ ޚިދުމަތް ވަނީ ފައްކާކޮށްފައެވެ. ކުޑަކުދިންގެ ޕާކު ހެދުމަށް ތަކެތި ވަނީ ހަވާލުކޮށްފައެވެ. ވޮލީކޯޓް ވަނީ ތަރައްގީކޮށްފައެވެ. ޒަމާނީ އާ އެމްބިއުލަންސް ފޯރުކޮށްދީފައިވާއިރު އާ ސިއްހީމަރުކަޒެއް އެޅުމަށްޓަކައި ކޮންޓްރެކްޓަރާ ވަނީ ހަވާލުކޮށްފައެވެ. ސްކޫލް 4 ކްލާސްރޫމްގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ލަފާފުރުމުގެ މައްސަލަ ހައްލުކުރުމަށް ބަޖެޓްކޮށް ބަނދަރުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

 

މިދެންނެވި ކަންކަމުގެ އިތުރުން އާރުޓީއެލް ފެރީ ޚިދުމަތް ވީހާވެސް އަވަހަކަށް ފެށުމަށް ހުރިހާ ރައްޔިތުންވެސް ތިބީ އެދިއެދި އެވެ. 2023 ވަނަ އަހަރު ނިމުމުގެ ކުރިން ނ.އަތޮޅުގައި އެޚިދުމަތް ފެށުމަށް ކުރީގެ ސަރުކާރުން މަސައްކަތްތަކެއް ކުރިއެވެ. އަދި ވެރިކަން ބަދަލު ވުމަށްފަހުވެސް އެމްޓީސީސީގެ ސީއީއޯއާ ބައްދަލުކޮށް އާރުޓީއެލްގެ ޚިދުމަތް އަވަސްކުރުމަށް ބާރުއެޅީމެވެ.

 

އަޅުގަނޑުގެ އުންމީދަކީ ނުފެށި ހުރި މަސައްކަތްތަކާއި ހުއްޓިފައިހުރި މަސައްކަތްތައް އަވަހަށް ފެށުމެވެ. ހުރިހާ މަސައްކަތްތަކެއްވެސް ބާރަށް ކުރިއަށް ދިޔުމެވެ. ތަރައްގީގެ އާއުސްމިންތަކަކަށް ވާސިލުވެވުމެވެ.

 

މަގާމުގެ މުއްދަތު ހަމަކޮށްފައި މިވަކިވަނީ އަޅުގަނޑު މަގާމަށް އައި ދުވަހަށްވުރެ މާ އުންމީދީ ހިތަކާއެކުއެވެ. ވެލިދޫ ދާއިރާ އަށާއި މުޅި ރާއްޖެއަށް އެންމެ ފާގަތި ދުވަސްތައް އަދި ކުރިއަށް އޮތީ ކަމުގައި ގަބޫލުކުރަމުންނެވެ. އަދަށްވުރެ ބާއްޖަވެރި މާދަމާއެއް ދިވެހީންނަށް މިންވަރު ކުރެއްވުން އެދި މާތްﷲ ގެ ހަޟުރަތުގައި ދުޢާ ދަންނަވަމުންނެވެ.

No comments:

Post a Comment

Your comment is awaiting moderation!