2007-08-09

ދެ ވަޒީރުންގެ ކުއްލި އިސްތިއުފާ




އެޓާނީ ޖެނެރަލް ޑރ.ހަސަން ސައީދާއި ޖަސްޓިސް މިނިސްޓަރު މުޙައްމަދު ޖަމީލް އަޙުމަދު، ކުއްލިގޮތަކަށް ސަރުކާރުން އިސްތިއުފާ ދެއްވީ 5 އޮގަސްޓް 2007 ވީ އާދީއްތަދުވަހުއެވެ. އިސްތިއުފާގެ ސިޓީ ހުށަހެޅުއްވުމަށްފަހު، އެދުވަހުގެ މެންދުރުފަހު ދެބޭފުޅުން އެކުގައި ނޫސްވެރިންނާ ބައްދަލުކުރެއްވިއެވެ.
ދަރުބާރުގޭގައި، ގިނަ އަދަދެއްގެ އާންމުންނާއެކު އޮތް މި ނޫސްކޮންފަރެންސްގައި އެދެބޭފުޅުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ. "އަޅުގަނޑުމެން މިއަދު މި އިސްތިއުފާ މިދިނީ ކޮންމެހެން މިއަދު، އިއްޔެގެ ނުވަތަ ހަފުތާއެއް ނުވަތަ ދެ ހަފުތާއެއް ކުރީގައި ހިނގާދިޔަ ކަމަކާ ގުޅިގެނެއް ނޫން. އަޅުގަނޑުމެން އިސްތިއުފާ ދިނީ ތަފާތު އެކި ސަބަބުތަކާ ހުރެ، ހައްލުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، އެއަށް އެކަށީގެންވާ ހައްލު ނުގެނެވުމުން،" ޑރ.ހަސަން ވިދާޅުވިއެވެ.

2007-08-05

ހަވީރު ބަހުސް – ތާރީޚީ ބަހުސެއް



ވެރިކަމުގެ ނިޒާމާމެދު ގޮތެއް ނިންމުން އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ރާއްޖޭގައި ވެރިކަން ކުރުމަށް އެންމެ އެކަށީގެންވަނީ ރިޔާސީ ނިޒާމުތޯ ނޫނީ ބަރުލަމާނީ ނިޒާމްތޯ ކަނޑައެޅުން އޮތީ ރައްޔިތުން ދޭ ވޯޓަކުންނެވެ. އެހެންކަމާއެކު، މައި ދެޕާޓީންވެސް ގެންދިޔައީ އެބަޔަކަށް ކަމުދާ ނިޒާމަކަށް ތާއީދު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޑީއާރުޕީން ތާއީދުކުރީ ރިޔާސީ ނިޒާމަށެވެ. އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަށެވެ.
ކެމްޕޭން ފޯރި ވަރަށް ގަދަވެފައި ވަނިކޮށް ހަވީރު ނޫހުން ބަހުސެއް އިންތިޒާމްކުރިއެވެ. ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށެވެ. ދެނިޒާމުގެ ތެރެއިން ރައްޔިތުންނަށް އެންމެ ފައިދާހުރީ ކޮން ނިޒާމެއްކަން ސާފުކޮށްދިނުމަށް ބޭއްވި މި ބަހުސް އޮތީ 4 އޮގަސްޓް 2007 ވީ ހޮނިހިރު ދުވަހުގެރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމްގައެވެ.