2008-08-12

ފެހި ގާނޫނުއަސާސީގެ ފަހިކަން ރައްޔިތުންނަށް ހޯދައިދެވޭނެބާ؟


މި އޯގަސްޓް މަހުގެ 7 ވަނަ ދުވަހަކީ ތާރީޚީގޮތުން ފާހަގަކުރެވޭނެ ވަރަށް މުހިންމު ދުވަހެކެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް މުޅިން އަލަށް ގެނެވުނު ގިނަ ބަދަލުތަކަކާއެކު، ޤާނޫނުއަސާސީ ތަސްދީގު ކުރެވުނު ދުވަހެވެ. އެއްބަޔަކުގެ ވާހަކައިން މިއީ އިސްލާހުކުރެވުނު ގާނޫނުއަސާސީ އެވެ. އަނެއްބައެއްގެ ވާހަކައިން މިއީ އާ ގާނޫނުއަސާސީ އެވެ.

ޤާނޫނުއަސާސީ ތަސްދީގުކުރެއްވުމުގެ ދަރުބާރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ ދަރުބާރަށް ވަޑައިގެން ތިއްބެވި ބޭފުޅުން ވަޑައިގެން އެތިއްބެވީ، ޒަމާނީ ޑިމޮކްރަސީއެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އާ ޤާނޫނު އަސާސީ ބަލައިގަތުމަށްޓަކާ ކަމުގައެވެ. އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް، ދުނިޔޭގެ ޒަމާނީ ހަމަތަކުގެ ތެރެއިން، ބައްޓަންކުރެވިފައިވާ، ދައުލަތް ހިންގުމުގެ މުޅިން އާ ނިޒާމެއް އުފަންކުރުމަށްޓަކާ ކަމުގައެވެ. ދިވެހިރާއްޖެ، ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ މުޅިން އާ ދައުރަކަށް ފަށާފެށުމަށް އިސްތިޤްބާލު ކުރުމަށްޓަކާ ކަމުގައެވެ.

2008-08-08

މާފުށީޖަލު އޭރުވެސް މިހާރުވެސް އިސްލާހުކުރަންޖެހިފައި


ދާދިފަހުން މާފުށީ ޖަލަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ބައެއް ނޫސް ތަކަށް ދީގެން އެނޫސްތަކުގެ ނޫސްވެރިން ޖަލަށް ޒިޔާރަތް ކޮށްފިއެވެ. އެދުވަހު އަޅުގަނޑުގެ ރަހުމަތްތެރިއަކާ ދިމާވެގެން އޭނާ އަޅުގަނޑަށް އެހީ ''ކޮބާ ޖަލަށް ދާކަށް ޗާންސެއް ނުލިބޭތަ؟'' އެވެ. ރަހުމަތްތެރިޔާގެ ސުވާލުގެ ޖަވާބު އަޅުގަނޑު ދިނީ ''އަހަރުމެން ޖަލަށް ގެންދާނީ ހައްޔަރު ކޮށްގެންނޭ'' ބުނެއެވެ.

ނޫސްވެރިކަމުގައި މިހާތަނަށް އަޅުގަނޑަށް ލިބުނު އެންމެބޮޑު ތަޖުރިބާއަކީ ލިޔުނު ލިޔުމަކާ ގުޅިގެން ފުލުސް އޮފީހުގެ ކުޑަގޮޅީގައާއި މާފުށީ ޖަލުގައި ހައްޔަރުގައި ހުންނަން ޖެހުމެވެ. އެތާނގައި ކުށްވެރިން ދުވަސްތައް ހޭދަކުރަމުންދާ ހިތްދަތި ގޮތުގެ ތަޖުރިބާ ކުރަން ޖެހުމެވެ.