ރަސްކަމުގެ ދިގު ތާރީޚަކަށްފަހު ރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ވެރިކަން އުފެދުނީ 1 ޖެނުއަރީ 1953 ގައެވެ. ވެރިޔަކަށް ހުންނެވީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މި ޖުމްހޫރިއްޔާ ދެމިއޮތީ އެންމެ ހަތްމަހާ އެކާވީސްދުވަހަށެވެ. ޖުމްހޫރީ ވެރިކަން ދިވެހީންނަށް ކަމުނުދިޔައީއެވެ. އަނެއްކާވެސް ރަސްކަމަކަށް ބަދަލުކުރީއެވެ. 7 މާރިޗު 1954 ގައި ރަސްކަމަށް އިސްކުރީ އައްސުލްޠާން މުޙައްމަދު ފަރީދު ދީދީއެވެ.
މުޙައްމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތް ނަމަވެސް ވެރިކަމުގެ ނިޒާމު އަނެއްކާވެސް ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމުގެ ޚިޔާލުތައް 1965 ގައި ރާއްޖެ މިނިވަން ވީއްސުރެ ރާއްޖޭގެ ސިޔާސީ ވެރިން ކުރައްވަމުން ގެންދެވިއެވެ. އެންމެފަހުން ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ އާންމު ސިއްރު ވޯޓެއް 15 މާރިޗު 1968ގައި ނެގިއެވެ. މިވޯޓުގައި، ވޯޓުދިން މީހުންގެ 81 އިންސައްތަ މީހުން ވޯޓު ދިނީ ޖުމްހޫރީ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށެވެ.
ރައްޔިތުންގެ ނިންމުމާއެއްގޮތަށް ރާއްޖޭގެ ދެވަނަ
ޖުމްހޫރިއްޔާ ގާއިމް ކުރެވުނެވެ. އެއީ 11 ނޮވެމްބަރ 1968 ގައެވެ. ރައީސަކަށް އިންތިޚާބު ކުރެވުނީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ރާއްޖޭ
ޖުމްހޫރީ ދުވަސް ފާހަގަ ކުރެވެމުންމިދަނީ އެ
ދުވަހާ ގުޅުވައިގެންނެވެ. އެ ދުވަހަކީ ދުނިޔޭގައިވެސް ތާރީޚީ ދުވަހެކެވެ. އެއީ
ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމަ 11 ނޮވެމްބަރު 1918 ގައި ނިމުނުތާ 50 އަހަރުވީ
ރަންޔޫބީލު މުނާސަބަތުގެ ތާރީޚީ
ދުވަހެވެ.
ޖުމްހޫރީ ދުވަސް އެ ދުވަހަކަށް ޚާއްސަވެގެންދާ ދެވަނަ ޖުމްހޫރިއްޔާގެ ރަސްމިއްޔާތު ފެށުނީ 10 ނޮވެމްބަރު 1968 ވީ އާދީއްތަ ދުވަހުގެރެއެވެ. ޖަލްސާ ފެށުނީ އެރޭ 9:30 ގައެވެ. ޖަލްސާގައި ފުރަތަމަ އޮތީ މި ޖުމްހޫރިއްޔާގެ ރައްޔިތުންގެ މަޖިލިސް މެންބަރުން ހުވާކުރެއްވުމެވެ. މިގޮތުން 43 މެންބަރުން ހުވާކުރެއްވިއެވެ. މެންބަރުން ހުވާކުރައްވައި ނިމުނީ ރޭގަނޑު 11 ޖެހިއިރުއެވެ. އެޔާއެކު ޖަލްސާ މެދުކަނޑާލިއެވެ. އަލުން ޖަލްސާ ފެށުނީ މެންދަމު 12 ޖެހިއިރުއެވެ. މި ޖުމްހޫރިއްޔާ ގާއިމުކުރެވުނީ، 11 ނޮވެންބަރު 1968ގެ 00:00 ގައެވެ. އެވަގުތު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރެއްވި އެވެ.