2014-06-04

މަޖިލިސް ރައީސް ހޮވުމުގައި އެފަހަރާއި މިފަހަރު



18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސްކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމާއެކު އިވިދިޔަ ވާހަކަ ތަކަށާއި ކަންވެދިޔަ ގޮތަށް ބަލާއިރު 2004 ވަނަ އަހަރު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސަކު ހޮވުމުގައި ކަންތައް ހިނގާދިޔަ ގޮތާ އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ. އެކަންކަން ފާހަގަކޮށް މިލިޔުން އަމާޒު މިކުރަނީ އެފަހަރަށާއި މިފަހަރަށެވެ. 

އެފަހަރު، އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހަކީ އޭރުގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދައިން ޤާނޫނުއަސާސީ އިސްލާޙް ކުރުމަށްޓަކައި އެކުލަވާލި މަޖިލީހެކެވެ. އެދުވަސްވަރަކީ، ސިޔާސީ އިސްލާހީ ބަދަލުތަކަށް އެދި މިނިވަން ކަމާއެކު ބަހުސްކުރެވެމުން ދިޔަ ދުވަސްވަރެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަންޖެހޭކަމަށް ފާޅުގައި ރައްޔިތުން ގޮވަމުންދިޔަ ދުވަސްވަރެވެ. އިސްލާހީ ބަދަލު ގެނައުމަށް މަސައްކަތްކުރި މީހުންގެ އުންމީދުތައް ގުޅިފައިއޮތީ ޚާއްސަ މަޖިލީހުގެ މަސައްކަތާއެވެ. 113 މެންބަރުންގެ މައްޗަށް އެކުލަވާލި ޚާއްސަމަޖިލީހުގައި އޮތީ ސަރުކާރުގެ މެޖޯރިޓީ އެވެ. ޤާނޫނުއަސާސީގައި އޮތްގޮތުގެ މަތިން ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވި ބޭފުޅުންވެސް ޚާއްސަ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވިއެވެ. އެފަދަ މަޖިލީހެއްގައި އިސްލާހަށް ތާއީދުކުރެއްވި މެންބަރުން ހިމެނުނީ މައިނޯރިޓީ މެންބަރުންގެ ގޮތުގައެވެ.