މި ދުވަސްވަރަކީ އިޒްރޭލު
ސިފައިންގެ ފަރާތުން، ފަލަސްތީނުގެ ރައްޔިތުންނަށް އެތައް އަނިޔާތަކަކާއި
ގެއްލުންތަކެއް ލިބެމުންދާ ދުވަސްވަރެކެވެ. ހިނގަމުންދާ ކަންތައްތަކުގެ ޚަބަރުތަކާއި
މަންޒަރުތައް އެންމެ ތާޒާ ކަމާއެކު ލިބޭ ވަސީލަތަކީ ސޯޝަލް މީޑިއާ އެވެ.
އޭގެތެރެއިންވެސް ޓްވިޓަރ އެވެ.
މިހިނގާ ޖުލައި 20 ދުވަހުގެ
ރެއެވެ. ކުއްލިއަކަށް އަޅުގަނޑަށް ފެނުނީ ކޮންމެވެސް މީހަކު ރިޓްވީޓް ކޮށްލި ފޮޓޯ
އެކެވެ. ފަލަސްތީނުގެ މަޔަކު ގައްޒާގެ ހޮސްޕިޓަލެއްގައި ލެޔާ ތަތްތެޅިގެން ހުރިމަންޒަރެވެ. ވަރަށްވެސް މާނަ ފުން، އަދި އެހާމެ އަސަރު ގަދަ މަންޒަރެކެވެ. އެފޮޓޯ
ޓްވީޓް ކުރެއްވި ބޭފުޅަކީ ޑރ.މުޙައްމަދު ވަހީދު ޙަސަންމަނިކެވެ. ޑރ.ވަހީދު މި
ކުރެއްވި ރިޓްވީޓާއެކު އަޅުގަނޑުގެ ހަނދާނަށް އައީ ދެއަހަރެއްހާ ދުވަސް ކުރީގެ
ހަނދާނެކެވެ.
ނައިބްރައީސް ޑރ.މުޙައްމަދު
ވަހީދު ހަސަންމަނިކުގެ ފުރިހަމަ ބައިވެރިވުމާއެކު، ބަޣާވާތަކުން ރައީސް ނަޝީދު
ވެރިކަމުން ދުރުކުރީ 7 ފެބްރުއަރީ 2012 ގައެވެ. ހަމަ އެދުވަހު، ޑރ.ވަހީދު، ރައީސް
ކަމުގެ ހުވާކުރެއްވިއެވެ. ޖެހިގެން އައި
ފެބްރުއަރީ 8 ވަނަ ދުވަހަކީ ދިވެހި ފުލުހުންނާއި ސިފައިންގެ ފަރާތުން ބޮޑެތި
އަނިޔާތަކެއް ދިވެހި ރައްޔިތުންނަށް ދިން ދުވަހެކެވެ. އެވަރުގެ އަނިޔާވެރި
ދުވަހެއް މި ފަހުގެ ތާރީޚްގައި ދިވެހީން ދެކެފައެއް ނުވެއެވެ. އެދުވަހު އެތައް
އާންމު ރައްޔިތުންނަކާއި މީޑިއާގެ ކުރިމަތީގައި އެތައް އާންމު ރައްޔިތެއްގެ ގައިން
ލޭ އޮހޮރުވާލިއެވެ. އަނިޔާ ލިބުނު މީހުންގެ ފޮޓޯތަކުގައި ޑރ.ވަހީދު ރިޓްވީޓް
ކުރެއްވި ފޮޓޯއަށްވުރެވެސް މާ އަސަރުގަދަ ފޮޓޯތައް ހުއްޓެވެ. އެދުވަހުގެ ވީޑިއޯ
ކްލިޕްތަކުގައިވެސް ހުރީ ނާމާންކަމާއި ބިރުވެރިކަމެވެ. ހަޑިހުތުރު ބަހުރުވައާއި
ލާއިންސާނީ އަމަލުތަކެވެ.
އެހާދިސާތައް އެގޮތަށް
ހިނގާދިޔައިރު ވެރިކަމުގައި ހުންނެވީ ޑރ.ވަހީދެވެ. އެ ރަހުމުކުޑަ އަމަލުތައް
ހިންގި މީހުނާމެދު ޑރ.ވަހީދުގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް
ނުވެއެވެ. އެންމެކުޑަމިނުން އެކަން ކުށްވެރިވެސް ނުކުރެއެވެ. އޭގެ ބަދަލުގައި، ޑރ.ވަހީދުގެ
ވެރިކަމުގައި އެމީހުންނަށް ހިތްވަރު ދެއްވައި މަގާމުގެ ކުރިއެރުން ދެއްވިއެވެ.
މިއަދު ޑރ.ވަހީދު ތިޔަ ކުރެއްވި
ކަމަކުން ހަނދާނަށް އައީ ޚުދު އެމަނިކުފާނުގެ އަނިޔާވެރިކަމެވެ.
އެއަނިޔާވެރިކަމަކީ ދިވެހީންގެ ހަނދާނުން ފުހެވިގެން ނުދާނެ ބިރުވެރި ހަނދާނެކެވެ.
No comments:
Post a Comment
Your comment is awaiting moderation!