މައުލޫމާތު ހޯދައި ލިބިގަތުމުގެ
ޙައްޤުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ލ.މާވަށުމާޒީ ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު (މާވަށު އަޒީ)، ޢައްޔަނުކުރައްވައިފިއެވެ. މިއީ އެ ގާނޫނުގައިވާ އުސޫލުގެ މަތިން ރައްޔިތުންގެ މަޖިލީހުގެރުހުމާއެކު، ރައީސް ޔާމީން ނިންމެވި ނިންމެވުމެކެވެ.
މަޖިލިސް މެންބަރުން ދެއްވި
ރުހުމާއި ރައީސް ޔާމީންގެ މި ނިންމެވުމާމެދު ސުވާލު އުފެދެއެވެ. މައުލޫމާތު ހޯދައި
ލިބިގަތުމުގެ ޙައްޤުގެ ގާނޫނުގައި ބުނާ "އިންފޮމޭޝަން ކޮމިޝަނަރުގައި ހުރުން
ލާޒިމު ސިފަތައް" އަޒީގެ ކިބައިގައި ފުރިހަމަ ވާކަމަކަށް އަޅުގަނޑު ގަބޫލެއް
ނުކުރަމެވެ. އެހެނީ، އެ ގާނޫނުގެ 45 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި އޮތީ
"ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން ނުވަތަ ސިޔާސީ ޕާޓީއެއްގައި
ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން" އެވެ.
މާވަށު އަޒީ އެންމެ ފުރަތަމަ އަޅުގަނޑު ދަންނަނީ ޢަދަބީ ބޭފުޅެއްގެ ގޮތުގައެވެ. އެހެނަސް މިފަހުން އެއީ ސިޔާސީ ބޭފުޅެކެވެ. 2009 ވަނަ އަހަރުން
ފެށިގެން ދާދި އިހަށް ދުވަހާ ޖެހެންދެންވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން
ފުރުއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަމަށް
އިންތިޚާބްވެވަޑައިގަތީ ރައީސް ޔާމީން އޭރު ނިސްބަތްވެވަޑައިގަތް ޕީޕަލްސް އެލަޔަންސް
ޕާޓީގެ ޓިކެޓްގައެވެ. ޕީޕީއެމް އުފެދުމާއެކު ރައީސް ޔާމީނާއެކު ޕީޕީއެމަށް
ބަދަލުވެވަޑައިގަތެވެ. ތަފާތު ފޯރަމްތަކުގައި ޕީޕީއެމާއި ސަރުކާރުގެ ދިފާއުގައި
ވާހަކަ ދެއްކެވި އެވެ. ލިޔުންތައް ލިޔުއްވި އެވެ. މި އަހަރު އޮތް ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބްގައިވެސް ވާދަކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ.
ޕީޕީއެމްގެ ޓިކެޓް ހޯއްދެވުމަށްޓަކާ ޕްރައިމަރީގައި ވާދަކުރެއްވިއެވެ.
ނާކާމިޔާބުވެވަޑައިގަތީ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ
ހައްގުގެ ގާނޫނު އަމާޒުވެފައި އޮތީ ދައުލަތާއި ސަރުކާރުގެ އިދާރާތަކުން މައުލޫމާތު
ހޯދުމުގެ މައްޗަށެވެ. ނޫސްވެރިންނާއި އާންމު ފަރާތްތަކުގެ އަބަދުގެވެސް ޝަކުވާއަކީ
މުހިންމު ބައެއް މައުލޫމާތުތައް ދައުލަތުގެ އިދާރާތަކުން ސިއްރުކުރާ ވާހަކައެވެ.
ބައެއް މަޝްރޫއުތަކާއި ބައެއް އަޑުތަކާ ގުޅޭގޮތުން ސަރުކާރުގެ އިސްވެރިންނަށް
ސުވާލު ދެންނެވިޔަސް ޖަވާބެއް ނުދެއްވާ ވާހަކައެވެ. އެކަންކަމަށް ހައްލެއް
ހޯދައިދިނުމުގެ ބޭނުމުގައި އެކުލަވާލި ގާނޫނުގެ އެންމެ އިސްފަރާތަކީ އިންފޮމޭޝަން
ކޮމިޝަނަރެވެ. ގާނޫނު ބައްޓަން ކޮށްފައި އޮތްގޮތުން އެފަރާތެއް ވާންޖެހެނީ
މިނިވަން މުސްތަގިއްލު، ސިޔާސީ ގޮތުން ވަކި ފިކުރަކަށް ބުރަ ނުވާ މީހަކަށެވެ. އަޒީއަކީ އެފަދަ ބޭފުޅެއް ކަމަކަށް ގަބޫލެއް ނުކުރަމެވެ. ގާނޫނުން ހާސިލްކުރަން
ބޭނުންވާ މަގްސަދުތައް ފުރިހަމަ ގޮތުގައި ހާސިލްވާނެ ކަމަކަށް ގަބޫލެއް
ނުކުރެވެއެވެ.
އަޒީއަށް އިންފޮމޭޝަން
ކޮމިޝަނަރުކަން ދިނުން އަޅުގަނޑަށް މާނަކުރެވެނީ ޕީޕީއެމްގެ އެކްޓިވިސްޓުންނަށް
މަގާމުތައް ދިނުންފަދަ ކަމެއްގެ ގޮތުގައެވެ. ޕީޕީއެމްގެ ގިނަ އެކްޓިވިސްޓުންނާއި އިންތިޚާބްތަކުން
ނާކާމިޔާބުވި ގިނަ ބޭފުޅުން، މިއަދު އެ ތިއްބެވި ފަދައިންނެވެ. މިނިސްޓަރުންނާއި
ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ބޯޑުތަކުގެ މެންބަރުންނާއި
ކޯޑިނޭޓަރުންގެ ގޮތުގައި ތިއްބެވި ފަދައިންނެވެ. އަޒީއަށް މި ދެއްވީ ކޮމިޝަނަރު
ކަމެވެ. މިނިވަނެއްގެ ޓެގް އަޅުވާފައެވެ.
No comments:
Post a Comment
Your comment is awaiting moderation!