2014-07-22

ޕީޖީ މަގާމަށް މުހުތާޒު އައްޔަންކުރުމުގައި ކުރެވޭ މާނަ



އިއްޔެ (21 ޖުލައި 2014) އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އަލްއުސްތާޒު މުހުތާޒް މުހުސިން މިވަނީ އައްޔަންކޮށްފައެވެ. ވޯޓްގެ ނަތީޖާ ދައްކާގޮތުން އޭނާއަށް ތާއީދުކުރައްވައި 62 މެންބަރަކު ވޯޓް ދެއްވިއެވެ. ވަކިގޮތަކަށް ވޯޓް ނުދެއްވާ 12 މެންބަރަކު ތިއްބެވިއެވެ. އޭނާއާ ދެކޮޅަށް ވޯޓް ދެއްވީ 7 މެންބަރެކެވެ. މިނަތީޖާ އަކީ ރައީސް މައުމޫންގެ މައްޗަށް ރައީސް ޔާމީން ހޯއްދެވި ކާމިޔާބެއް ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. އެހެނީ، ރައީސްމައުމޫން، ތާއީދުކުރެއްވީ މައުމޫން ހަމީދަށެވެ. ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ތްރީލައިން ވިޕް ނެރުނީ މުހްތާޒް ހޮވުމަށެވެ.

މި ނަތީޖާއިން އަޅުގަނޑަށް ދޭހަވާ މާނައަކީ މައުމޫން ހަމީދު ފަދަ އާއިލީ ގޮތުން ރައީސް މައުމޫނާއި ރައީސް ޔާމީނާ ގާތް ބޭފުޅަކު ޕީޖީ ކަމުގައި ބަހައްޓައިގެން، ސަރުކާރާއި ޕީޕީއެމް ބޭނުންވާހާ ގޮތަކަށް ކަންކަން ކުރާނަމަ، އެބޭފުޅުންނަށް ލިބޭނެ ބަދުނާމާއި އަންނާނެ ޕްރެޝަރު ބޮޑުވާނެތީ އެކަން ކުޑަކުރެއްވުމަށް ކުރެއްވި ކަމެކެވެ. މަގާމަށް ގާބިލް އާއިލާގެ ބޭފުޅަކު ވާދަކުރެއްވުމުންވެސް، "މިނިވަން" ބޭފުޅަކަށް އިސްކަންދެއްވިކަން ކޮންމެވެސް ބަޔަކަށް ވިސްނައިދޭން ކުރެއްވި ކަމެކެވެ. މިކަން ރައީސް ޔާމީނަށާއި ޕީޕީއެމަށް ނިކަން ފުރިހަމައަށް ކާމިޔާބުވެސް ވެއްޖެއެވެ. އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންގެވެސް ތާއީދާ އެކުއެވެ.

މުހުތާޒަށް ތާއީދުކޮށް އެމްޑީޕީގެ 12 މެންބަރަކު ވޯޓް ދެއްވިއެވެ. އެފަދަ ބައެއް ބޭފުޅުން ވިދާޅުވެފައިވާގޮތުން އެއީ މައުމޫނާ ދެކޮޅަށް ދެއްވި ވޯޓެކެވެ. އަނެއްބައި ބޭފުޅުން ވިދާޅުވާގޮތުން އެބޭފުޅުންވޯޓް ދެއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނިންމުމާ އެއްގޮތަށެވެ. ކޮންމެ ނިޔަތެއްގައި މުހުތާޒަށް ވޯޓް ދެއްވި ނަމަވެސް، ބައެއް ބޭފުޅުން އެނިންމުން އެގޮތަށް ނިންމެވީ އެމްޑީޕީގެ އެކްޓިވިސްޓުންގެ ތެރެއިން ގިނަބަޔަކު، އެއްވެސް ބޭފުޅަކަށް ވޯޓް ދެއްވައިގެން ނުވާނެކަމަށް ބުނެ އިލްތިމާސް ދަންނަވަނިކޮށެވެ. 

އެމްޑީޕީ މެންބަރުން މުހުތާޒަށް ދިން ވޯޓަކީ ރިޝްވަތާ ގުޅިފައިވާ ވޯޓެއް ކަމުގެ އިލްޒާމްތައްވެސް ދަނީ ކުރެވެމުންނެވެ. ސަބަބު ތަކެއްވެސް ހުރެގެންނެވެ. ކޮމިޓީ މަރުހަލާގައި އެމްޑީޕީ މެންބަރުން ދެބޭފުޅުންކުރެ އެއްވެސް ބޭފުޅަކަށް ވޯޓެއް ނުދެއްވައެވެ. އެހެންނަމަވެސް އެފަދަ ބައެއް ބޭފުޅުންވެސް މަޖިލިސް ޖަލްސާގައި މުހުތާޒަށް ވޯޓްދެއްވިއެވެ. ކޮމިޓީގެ ނިންމުމަކީ ދެބޭފުޅުންކުރެ އެއްވެސްބޭފުޅަކަށް ރުހުން ނުދިނުމެވެ. ކޮމިޓީގެ ނިންމުން އެގޮތަށް އޮއްވާ އެމްޑީޕީގެ މެންބަރުންގެ ވޯޓް މުހުތާޒަށް ލިބުމުން ސުވާލު އުފެދެއެވެ. އެ ނިންމުމަކީ ރައީސް މައުމޫނަށް ޖެއްސުމަށް ކުރެއްވި ކަމެއް ކަމަށްވާނަމަ، އެއީ ރައީސް ޔާމީނާއި ޕީޕީއެމްގެ ފައިދާއަށް ކުރެއްވި ކަމެވެ. އަޅުގަނޑަށް މާނަކުރެވޭގޮތުގައި ރައީސް މައުމޫނާއި ރައީސް ޔާމީން ކުޅުއްވީ ޑްރާމާއެކެވެ. އެ ދެބޭން ދެންމެވި "ގުއިރޯނެއް"ގައި އެމްޑީޕީގެ މެންބަރުން ޖެހިވަޑައިގަތީއެވެ. 

މުހުތާޒަކީ އިއްޔެއާ ޖެހެންދެންވެސް ކްރިމިނަލް ކޯޓުގެ ގާޒީއެކެވެ. މަޝްހޫރު އަބްދުﷲ ގާޒީގެ ދަށުން މަސައްކަތް ކުރެއްވި އޭނާގެ އަޚެކެވެ. ކްރިމިނަލް ކޯޓުގެ ނިންމުންތަކުގެ ހާމަކަން ބޮޑެވެ. އެވާހަކަ ބަޔަކަށް ކިޔައިދިނުމުގެ ބޭނުމެއް ނެތެވެ. އެއްކަމެއްގައި، ރައީސް ނަޝީދުގެ ވެރިކަމުގައި އެކޯޓުން ނެރުނު އަމުރުތަކަށާއި ރައީސް ވަހީދުގެ ވެރިކަމުގައި ނެރުނު އަމުރުތަކަށް ބެއްލެވީމާ ސާފުވާނެއެވެ. މި ހަގީގަތް މިހެން އޮއްވާވެސް އެމްޑީޕީގެ މެންބަރުންގެ ތާއީދު މުހުތާޒަށް ލިބުނީ ކީއްވެބާއެވެ؟ މިއީ ސުވާލެކެވެ. މި ސުވާލުގެ ޖަވާބަކީ ޕީޖީގެ މަގާމު ހުސްކޮށް އޮންނަތާ ގިނަ ދުވަސް ވާތީ ކޮންމެވެސް މީހަކު ލާންވެގެން އެކަން ކޮށްލުން ކަމަށްވާނަމަ ބުނާނެ އެއްޗެއް ނެތެވެ. ހަމަ ޔަގީނުންވެސް އެނގޭ ކަމަކީ ރައްޔިތުންގެ މަޖިލީހާއި ޚާއްސަ މަޖިލީހުގައި އެމްޑީޕީގެ ބައި މިއަށްވުރެ މަދު އިރުވެސް، އެމްޑީޕީގެ މެންބަރުން އެމެންބަރުން ގަބޫލުކުރައްވާ ގޮތުގައި މެދިތިއްބެވި ކަމެވެ. އިއްޔެ މިފެނުނީ މުޅިން ތަފާތު މަންޒަރެކެވެ.

ޕީޖީގެ މަގާމަށް މުހުތާޒު އައްޔަނުކުރެވުމާއެކު ކަންތައް ހިނގާގޮތްވެސް ދުނިޔޭގަ ތިބި ބަޔަކަށް ވިއްޔާ ފެންނާނެއެވެ. އަޅުގަނޑު އުންމީދުކުރަނީ ޕީޕީއެމްގެ ވެރިކަމާއި މަޖިލީހުގެ އަގުލަބިއްޔަތާ އެކުވެސް ހަމަހަމަ ކަމާއެކު މަސްއޫލިއްޔަތު އަދާކުރައްވާނެ ކަމަށެވެ. މިފަދައިން އުންމީދު ކުރެވުނު ނަމަވެސް އިވިފައިވާ ބައެއް އަޑުތަކާއި ހީވާ ހީވުންތަކުގެ މައްޗަށް ބުރަވާއިރު، އާ ޕީޖީއާއެކު އާމައްސަލަތައް އުފަންވާނެއެވެ. ސިޔާސީ ލީޑަރުންނަށް ފިއްތުންތައް ކުރިމަތިކުރުވާނެއެވެ. ތަހުގީގު ހިންގުމާއި ޝަރީޢަތް ކުރުމާ ދެމެދު ޕީޕީއެމް އޭރަކު ބޭނުންވާ ގޮތަކަށް ކަންކަން ކޮށްދޭނެއެވެ. އެހާ ހިސާބުން ޕީޖީގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފައްދާ މީހުންނަށް ސަރުކާރުން ދޭނެ ޖަވާބަކީ ރައީސް ޔާމީންގެ އާއިލީ ބޭފުޅެއް ވާދަކުރެއްވީމަވެސް، މުހުތާޒު އައްޔަންކުރީ އޭނާއަށް އިދިކޮޅު ފަރާތްތަކުންވެސް ތާއީދު ކުރާތީއެވެ. އޭނާ އެމަގާމަށް އައްޔަންކުރީ ޚުދު އެމްޑީޕީ މެންބަރުންގެވެސް ވޯޓާ އެކުއެވެ. 

މިވާހަކަ މިގޮތަށް ލިޔުމުން "ކަލެއަށް މާބޮޑަށް އެނގެނީ" ކަމުގައި ބައެއް މީހުން ބުނެފާނެއެވެ. އެހެނަސް ދަންނަވަމެވެ. ކަންހިނގާދިޔަ ގޮތުންނާއި ކަން ވަމުންދާގޮތުން، މިއީ އަޅުގަނޑަށް ދޭހަވާ ދޭހަ ވުމެވެ. ކުރެވޭ މާނައެވެ.

No comments:

Post a Comment

Your comment is awaiting moderation!