18 ވަނަ ރައްޔިތުންގެ މަޖިލީހުގެ
މަޖިލީހުގެ ރައީސްކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް
ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމާއެކު އިވިދިޔަ ވާހަކަ ތަކަށާއި ކަންވެދިޔަ
ގޮތަށް ބަލާއިރު 2004 ވަނަ އަހަރު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސަކު
ހޮވުމުގައި ކަންތައް ހިނގާދިޔަ ގޮތާ އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ.
އެކަންކަން ފާހަގަކޮށް މިލިޔުން އަމާޒު މިކުރަނީ އެފަހަރަށާއި މިފަހަރަށެވެ.
އެފަހަރު، އެކުލަވާލި
ރައްޔިތުންގެ ޚާއްސަ މަޖިލީހަކީ އޭރުގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ
ފަދައިން ޤާނޫނުއަސާސީ އިސްލާޙް ކުރުމަށްޓަކައި އެކުލަވާލި މަޖިލީހެކެވެ.
އެދުވަސްވަރަކީ، ސިޔާސީ އިސްލާހީ ބަދަލުތަކަށް އެދި މިނިވަން ކަމާއެކު
ބަހުސްކުރެވެމުން ދިޔަ ދުވަސްވަރެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު
ބަދަލުކުރަންޖެހޭކަމަށް ފާޅުގައި ރައްޔިތުން ގޮވަމުންދިޔަ ދުވަސްވަރެވެ. އިސްލާހީ
ބަދަލު ގެނައުމަށް މަސައްކަތްކުރި މީހުންގެ އުންމީދުތައް ގުޅިފައިއޮތީ ޚާއްސަ
މަޖިލީހުގެ މަސައްކަތާއެވެ. 113 މެންބަރުންގެ މައްޗަށް އެކުލަވާލި
ޚާއްސަމަޖިލީހުގައި އޮތީ ސަރުކާރުގެ މެޖޯރިޓީ އެވެ. ޤާނޫނުއަސާސީގައި އޮތްގޮތުގެ
މަތިން ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވި ބޭފުޅުންވެސް ޚާއްސަ
މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވިއެވެ. އެފަދަ މަޖިލީހެއްގައި އިސްލާހަށް
ތާއީދުކުރެއްވި މެންބަރުން ހިމެނުނީ މައިނޯރިޓީ މެންބަރުންގެ ގޮތުގައެވެ.
އެ މެންބަރުންގެ ތެރެއިން ޚާއްސަ
މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިޚާބްވެވަޑައިގަތުމަށް މަސައްކަތްކުރީ އދ
އަތޮޅު މެންބަރު ޤާސިމް އިބްރާހީމް އެވެ. ސިޔާސީޕާޓީތަކަށް ހުއްދަ ނެތް
އެދުވަސްވަރު، ޤާސިމްއަށް ތާއީދުކުރެއްވި ގިނަ މެންބަރުން ފަހުން
ނިސްބަތްވެވަޑައިގަތީ އެމްޑީޕީ އަށެވެ. ސަރުކާރުން މަސައްކަތްކުރީ ޚާއްސަ
މަޖިލީހުގެ ރައީސަކަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަހްމަދު ޒާހިރު ހޮވާށެވެ.
ރައީސަކު ހޮވުމުގައި ހާމަކޮށް އަތް އުފުލައިގެން ވޯޓްލާނީތޯ ނޫނީ ސިއްރު ވޯޓެއް
ނަގާނީތޯ މިއީ އުފެދުނު ބަހުސެކެވެ. ސަރުކާރުން ބޭނުންވީ ހާމަކޮށް
އަތްއުފުލައިގެން ވޯޓް ނަގާށެވެ. އިސްލާހަށް ތާއީދުކުރާ ފަރާތްތަކުން ބޭނުންވީ
ސިއްރުވޯޓެއް ނަގާށެވެ. 2004 ޖުލައި 19 ވަނަ ދުވަހު އޮތް ޚާއްސަ މަޖިލީހުގެ
ފުރަތަމަ ޖަލްސާގައި އެމައުލޫގައި ބަހުސް ހޫނުވިއެވެ. ރިޔާސަތުގައި އިންނެވި
އަލްއުސްތާޛު ޢަބްދުﷲ ޙަމީދު މަޖިލިސް ކުރިއަށް ގެންދަވާ ގޮތާމެދު ހިތްޕުޅު
ހަމަޖެހި ވަޑައިނުގެން 23 މެންބަރަކު ޖަލްސާ ދޫކުރައްވާ ވަޑައިގަތެވެ.
އެބޭފުޅުންގެ ތެރޭގައި ޤާސިމް އިބްރާހީމް އަކީ އިސްކޮށް ހުންނެވި ބޭފުޅެކެވެ.
ޚިޔާލު ތަފާތުވުންތަކާހުރެ،
ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ތިން ދުވަހަކަށް ދިގު ދެމިގެން ދިޔައެވެ. ފުރަތަމަ
ދުވަހަށްފަހު، ދެމަހެއްހާ ދުވަހަށް ޖަލްސާ މެދުކެނޑިގެންދިޔައީ އޮގަސްޓް ބާރަތޭރަ
(ކަޅުހުކުރު) ހާދިސާއާ ގުޅިގެންނެވެ. އެހާދިސާއާ ގުޅިގެން ޚާއްސަ މަޖިލީހުގެ 11
މެންބަރަކު ގިނަ ދުވަސްތަކެއް ވާންދެން ޖަލުގައި ހައްޔަރުކުރިއެވެ.
ޚާއްސަމަޖިލީހުގެ ފުރަތަމަ
ޖަލްސާގެ ފަހު ދުވަހަކީ 2004 އޮކްޓޯބަރު 14 ވަނަ ދުވަހެވެ. އެ ދުވަހުގެ ޖަލްސާގައި
ރައީސް އިންތިޚާބްކުރީ ސަރުކާރުން ބޭނުންވި ގޮތަށެވެ. އަތްއުފުލައި ވޯޓް
ނަގައިގެންނެވެ. އެގޮތަށް ވޯޓް ނުނެގޭނެ ކަމަށް ވިދާޅުވެ، ޖަލްސާއިން ވޯކް އައުޓް
ކުރެއްވި ގިނަ ބޭފުޅުން އޭރު ތިއްބެވީ ކަޅުހުކުރު ހާދިސާއާ ގުޅިގެން ޖަލުގައި
ހައްޔަރުކޮށްފައެވެ. އެބޭފުޅުންގެ ތެރޭގައި ޤާސިމް އިބްރާހީމްވެސް
ހިމެނިވަޑައިގަތެވެ. ޚާއްސަ މަޖިލީހުގެ ރައީސަކަށް އިންތިޚާބްކުރީ ގދ.އަތޮޅު
މެންބަރު އައްބާސް އިބްރާހީމެވެ.
އެއީ އެފަހަރު ކަންހިނގާ ދިޔަ
ގޮތެވެ. މިއަދާ ހަމައަށް އައި އިރު ރާއްޖޭގެ ސިޔާސީ ކަންކަން ވަނީ ވަރަށްބޮޑަށް
ބަދަލުވެފައެވެ. ޚާއްސަ ގޮތެއްގައި އެބަދަލު އެންމެބޮޑަށް ގެނުވީ، 2008 ވަނަ
އަހަރު ތަސްދީގުކޮށް އަމަލުކުރަންފެށި ޤާނޫނޫ އަސާސީންނެވެ. އެހެންނަމަވެސް، މިފަހަރު
ރައްޔިތުންގެ މަޖިލީހުގެ ރައީސަކު އިންތިޚާބްކުރުމުގައިވެސް އެފަހަރާ އެއްގޮތް
ކަންތައްތަކެއް އެބަހުއްޓެވެ. މަޖިލީހުގެ ރައީސަކަށް ވެވަޑައިގަތުމަށްޓަކައި
އެންމެ ފުރަތަމަ އިސްނަންގަވައި މަސައްކަތް ކުރެއްވީ މާމިގިލީ ދާއިރާގެ މެންބަރު
ޤާސިމް އިބްރާހީމެވެ. އޭނާއަށް ތާއީދުކުރީ އެމްޑީޕީންނެވެ. އެކަމާ ދެކޮޅު ހަދައި
އިންޒާރު ދިނީ ސަރުކާރުންނެވެ. ވޯޓް ނެގިއިރު، ކާމިޔާބު ކުރެއްވީ، މަޖިލިސް ރައީސަކަށް އިންތިޚާބްކުރަން ސަރުކާރުން
ބޭނުންވި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހް މުޙައްމަދެވެ.
މަޖިލިސް ރައީސް ހޮވުމަށްފަހު
ސަރުކާރުން ދިން އިންޒާރާ އެއްގޮތަށް އަމަލުކޮށްފިއެވެ. ޤާސިމް އިބްރާހިމްއާއި
ޖުމްހޫރީ ޕާޓީގެ ބުރަ މަސައްކަތާއެކު ރިޔާސީ އިންތިޚާބް ކާމިޔާބުކޮށް އެކުލަވާލި
ކޯލިޝަން ސަރުކާރުން ޖުމްހޫރީ ޕާޓީ ބާކީ ކޮށްފިއެވެ. އެޕާޓީއަށް ނިސްބަތްވާ
ސަރުކާރުގެ އިސްވެރިންތަކެއް މަގާމުތަކުން ވަކިކޮށްފިއެވެ. މި ސިލްސިލާ
ދިގުދެމިގެންދާނީ ކިހާ ހިސާބަކަށް ކަމެއް ދަންނަވާކަށް ނޭނގެއެވެ. ޤާސިމަށް ކުރުން
"މަނާ ކުރި ކަންތައް" ކުރެއްވުމުން އެކަމުގެ ބަދަލަކީ ކިހާ ވަރެއްކަން
ދަންނަވާކަށް ނޭނގެއެވެ. ދަންނަވަން އެނގޭ ކަމަކީ އެފަހަރު، ސަރުކާރާ ދެކޮޅަށް
ނުކުންނެވުމުން ލިބިވަޑައިގެންނެވި އަދަބަށްފަހު ފަހުން ސަރުކާރާ ގުޅިވަޑައިގަތް
ކަމެވެ. ފިނޭންސް މިނިސްޓަރުގެ މަގާމު ފުރުއްވި ކަމެވެ. ޚާއްސަ މަޖިލީހުގައި
ތިއްބެވި ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުންގެ ތާއީދާއެކު އެމަޖިލީހުގެ ރައީސްގެ
މަގާމުވެސް ކާމިޔާބު ކުރެއްވި ކަމެވެ.
No comments:
Post a Comment
Your comment is awaiting moderation!