2013-08-18

މީޑިއާއަށް ހުރަސްއަޅާ ވެރިއަކު އިސްކުރުމުގައި އެންމެ އިސްރޯލެއް ކުޅުނީ ޕީޕީއެމް



16 އޮގަސްޓް 2013 ދުވަހުގެރޭ ޓީވީއެމުން ގެނެސްދިން "ސިޔާސަތު" ޕްރޮގްރާމްގައި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް އާ ސުވާލުކުރެއްވުމުގައާއި ޓީވީއެމް ސްޓޫޑިއޯގައި ހޭދަކުރެއްވި ވަގުތުގައި އަމަލުކުރީ ވަރަށް ދަށުދަރަޖައިގެ ގޮތަކަށް ކަމަށް ޖުމްހޫރީޕާޓީގެ ފަރާތުން މީޑިއާގައި ހާމަކުރިއެވެ. މިކަމަށް ޚާއްސަކޮށް އެޕާޓީން ބޭއްވި ނޫސްކޮންފަރެންސްގައި ޓީވީއެމަށް ވަރަށްބޮޑަށް ފާޑުކިޔައި އިންޒާރު ދިނެވެ. އަދި ޓީވީއެމްގެ ސިޔާސަތު ޕްރޮގްރާމަށާއި އެ ޕްރޮގްރާމް ހުށަހަޅައިދިން އައިޝަތު ލީޒާއަށްވެސް ފާޑުކިޔައި ރިޕޯޓެއް ތައްޔާރުކުރިއެވެ. ވީމީޑިއާއިން އާންމުވެސް ކުރިއެވެ.

މިއީ ރާއްޖޭގެ މީޑިއާ މިހާރު ބައްޓަންވެފައި އޮތްގޮތުން ކޮންމެވެސް ވަރަކަށް ކަންހިނގަމުންދާ ގޮތެކެވެ. އެއް ޓީވީ ޗެނަލަކުން ކުރާ ކަމަކަށް ނުވަތަ ދައްކާ ޕްރޮގްރާމަކަށް އަނެއްޓީވީ ޗެނަލަކުން ނުވަތަ ޗެނަލެއް ބޭނުންކޮށްގެން ރައްދު ދިނުމެވެ. ފާޑުކިއުމެވެ.

އަޅުގަނޑު ފާހަގަކޮށްލަން މިއުޅެނީ، ޖުމްހޫރީ ޕާޓީން ނުވަތަ ވީމީޑިއާ އިން ޓީވީއެމްއަށް ފާޑުކިއީމަ އެވާހަކައެއް ނޫނެވެ. އަޅުގަނޑަށް އަޅައިގަތީ ޖުމްހޫރީޕާޓީން ކަންކުރިގޮތާ ގުޅޭގޮތުން "މީޑިއާއަށް ހުރަސްއެޅުމުގެ ވިސްނުންގެންގުޅޭ ވެރިއަކު އައުމަކީ ނުރައްކަލެއް" ކަމަށް ބުނުމުންނެވެ. މިއީ ހަތް ގުދު އޮތް މީހާ، އެއް ގުދު އޮތް މީހާއާ ދިމާއަށް ގުދޯގުދޯ ގޮވުން ކަހަލަ ކަމެކެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެވެސް ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ތިރީސްއަހަރުގެ ދިގު ވެރިކަމުގައި މީޑިއާއަށް ވަރަށްބޮޑަށް ހުރަސް އެޅިއެވެ. ނޫސްވެރިކަން އޮތީ ވަރަށްބޮޑަށް ފިއްތާލާފައެވެ. ނޫސްވެރިންނަށް އޮތީ ބިރު ދައްކާފައެވެ. މީޑިއާގެ ގިނަ ފަރާތްތަކަށް އަނިޔާއާއި އަދަބު ދިނެވެ.

މިއަދު ޕީޕީއެމް ކިޔަސް، ޑީއާރުޕީގެ ގޮތުގައި ޕީޕީއެމް އޮތް ދުވަސްވަރު، ޑީއާރުޕީން އެމްއެންބީސީވަން (މިހާރުގެ ޓީވީއެމް) ބޯއިކޮޓް ކުރިއެވެ. މިހާރުވެސް ޕީޕީއެމުން ރާއްޖެޓީވީއަށް އެއްބާރުލުމެއް ނުދެއެވެ. ޕީޕީއެމްގެ ނޫސްކޮންފަރެންސްތަކަށް ދައުވަތެއް ނުދެއެވެ. ދައުވަތު ނުދިނަސް ބައެއް އިވެންޓްތައް ކަވަރުކުރަން ދިއުމުން، އެ ސަރަހައްދުން ފަހާ ދުރަށް ލާފައިވެސް އެބަހުއްޓެވެ. މީޑިއާއަށް ހުރަސްއެޅުމުގެ ވިސްނުން ގެންގުޅޭ ވެރިއަކު އައުމަކީ ނުރައްކަލެއް ކަމަށް ބުނާއިރު 2012 ފެބްރުއަރީ 7 ގައި ހިންގި ބަގާވާތަށްފަހު، ޕީޕީއެމްވެސް ބޮޑުބައެއް ހިއްސާކުރާ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ސަރުކާރުން އެއްވެސް އެއްބާރުލުމެއް ނުދެއެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހާއި ފުލުސް އޮފީހުގެ ނޫސްކޮންފަރެންސްތަކުން ރާއްޖެޓީވީ ބާކީކުރިއެވެ. ފުލުހުންގެ ފަރާތުން ހިމާޔަތް ދިނުމުގައިވެސް ރާއްޖެޓީވީގެ މުވައްޒަފުންނާއި އިކްއިޕްމަންޓް ބާކީކުރިއެވެ. އެދުވަސްތަކުގައި އެ ޗެނަލްގެ ބައެއް ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ޗެނަލްގެ ނޫސްވެރިންނަށްވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ.

ފުލުހުންނާ ދެކޮޅަށް ރާއްޖެ ޓީވީން ކޯޓަށް ހުށަހެޅި މައްސަލަ ރާއްޖެޓީވީއާ އެއްކޮޅަށް ނިމުމުން ފުލުހުން ގެންގުޅުނު އުސޫލު ބަދަލުކުރިއެވެ. އެހެނަސް ކޯޓުން އަމުރުކުރުމުންވެސް ރައީސް އޮފީހުން ކޯޓް އަމުރަކަށްވެސް ތަބައެއް ނުވެއެވެ. މިކަން މިހެންވެފައި އޮވެމެ އެތައް ދުވަހެއް ފާއިތުވެގެން ދާއިރުވެސް ޕީޕީއެމަށް އެކަން ފާހަގައެއް ނުކުރެވެއެވެ. ޕީޕީއެމްވެސް ބައިވެރިވެގެން ހިންގި ބަގާވާތަކަށްފަހު، ވެރިކަމަށް އިސްކުރި ޑރ.ވަހީދުގެ އަމަލުތަކުން ޔަގީންކޮށްދެނީ އޭނާއަކީ މީޑިއާއާ ދެކޮޅު ވެރިއެއް ކަމެވެ. ޕީޕީއެމްގެ ބަހުރުވައިންނަމަ، އެއީ ގައުމަށް އޮތް ނުރައްކަލެކެވެ. އެ ނުރައްކާ ދިވެހި ރައްޔިތުންނާ ކުރިމަތިކުރުމުގައި އެންމެ އިސްރޯލެއް އަދާކުރީ ޕީޕީއެމެވެ.

No comments:

Post a Comment

Your comment is awaiting moderation!