2013-09-06

އަމާނާތަށް ޚިޔާނާތްތެރިވެފައި، ދެން އަމާނާތުގެ ވާހަކަ ނުދައްކަވާށެވެ



މިލިޔުން މިލިޔަނީ އެމްޑީޕީގެ ކެމްޕޭން ފަހު ޖަލްސާ ބަލައިލަން ރާޅުގަނޑު ސަރަހައްދުގައި ހުރެފައި، ރައްޓެއްސަކާއެކު ކޮފީއަކަށް އިންސާފްކޮށްލާފައި ގެއަށް އައިސްވަތްއިރު ފެނުނު ޚަބަރަކާ ގުޅިގެންނެވެ. "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ފަރާތުން ހދ.ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި، ޑިމޮކްރަސީ ދެމެހެއްޓުމަކީ ރައީސްވަހީދުގެ އަމާނާތެއް ކަމަށް ޚުދު އެމަނިކުފާނު ވިދާޅުވުމުންނެވެ. 

ރަނގަޅު ވާހަކަފުޅެކެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ދެމެހެއްޓުމުގެ އަމާނާތް ރައީސް ނަޝީދު އެކޭ އެއްވަރަށް ޑރ.ވަހީދުއާވެސް ހަވާލުވިއެވެ. އެހެންނަމަވެސް ޑރ.ވަހީދު ކަންކުރެއްވީ ކިހިނަކުންތޯއެވެ؟ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ގޮތުގައި ހުންނަވައި، ޤާނޫނުއަސާސީގައި ބުނާ އެއްބާރުލުން ރައީސް ނަޝީދަށް ދެއްވިތޯއެވެ؟ 

ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަމަށް ނުރައްކާވި ވަގުތު އަދި ނައިބުގެ އެހީއަށް ރައީސް ބޭނުންވެވަޑައިގަތް ވަގުތު، ޑރ.ވަހީދުގެ އެއްވެސް އެއްބާރުލުމެއް ރައީސް ނަޝީދަށް ލިބިވަޑައެއް ނުގަތެވެ. އެހެންނަމަވެސް، އެވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތައް ރޭވި ރޭވުންތަކުގައި ޑރ.ވަހީދު ބައިވެރިވެވަޑައިގަތެވެ. ނައިބްރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާއަށް ބޭވަފާތެރިވެވަޑައިގަތެވެ. 

މިއަދު ރައްޔިތުންގެ ވޯޓް ހޯދުމަށްޓަކާ، ޑިމޮކްރަސީ ދެމެހެއްޓުމަކީ ތިމަންނާގެ އަމާނާތެއްކަމަށް ވިދާޅުވުމުގެ ޙައްގެއް ޑރ.ވަހީދަކަށް ނެތެވެ. 2012 ފެބްރުއަރީ 7 ގައި ޑރ.ވަހީދު ވެރިކަމުގެ ހުވާކުރެއްވީ ރައްޔިތުން ހަވާލުކުރި އަމާނާތަށް ޚިޔާނާތްތެރިވެވަޑައިގަތުމަށްފަހު އެވެ. މިނިވަން އިންތިޚާބަކާއެކު ރައްޔިތުން އިންތިޚާބުކުރި ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު، ބަގާވާތަކުން ވައްޓާލުމުގައި މަސްއޫލުވެވަޑައިގަތުމަށްފަހު އެވެ.

No comments:

Post a Comment

Your comment is awaiting moderation!