ދުވަސްވަރަކީ، 17 އަހަރުން އިސްލާހުކުރި ނޫގާނޫނު އަސާސީގެ ދަށުން ދިވެހި
ދައުލަތް ހިންގަމުން އައި ދުވަސްވަރު. ތިންބާރު މައްސުނިވެ، ހުރިހާ ބާރެއްގެ ފުލް
ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާ ނަންގަވައިގެން ހުންނެވި ދުވަސްވަރު. ގާނޫނުއަސާސީން
ރައީސަށް ލިބިދީފައިވާ ގިނަގުނަ ބާރުތަކުގެ އިތުރުން، ގާނޫނުއަސާސީން
ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިހުރި ހައްގުތައްވެސް އޮބަހައްޓާފައި އޮތް
ދުވަސްވަރު. މައުމޫން ޢަބްދުލްޤައްޔޫމްގެ ޚުދުމުޚްތާރު، އަނިޔާވެރި ވެރިކަމުގެ
ޞަފްހާތައް އުކެމުން އައި ދުވަސްވަރު...
މި ދެންނެވި ނާއުންމީދީ ދުވަސްވަރުވެސް، ރާއްޖެއަށް އިސްލާހީ ބަދަލު
ގެނެވޭނެކަމުގެ އުންމީދުގައި މަދު އަދަދެއްގެ ބަޔަކު މަސައްކަތްކުރި. އެފަދަ އެންމެ މުހިންމު އެއް މަސައްކަތަކީ
ސިޔާސީޕާޓީ ރަޖިސްޓްރީ ކުރުމަށްޓަކައި ކުރެވުނު މަސައްކަތްކަން ޔަގީން. ސިޔާސީޕާޓީ
ހަދައި ހިންގުމަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ދިވެހިރައްޔިތުންނަށް
ލިބިދޭ ހައްގެއް ކަމަށްބުނެ، "ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ" ގެ
ނަމުގައި ސިޔާސީޕާޓީއެއް ރަޖިސްޓްރީ ކޮށްދިނުން އެދި ހޯމް މިނިސްޓްރީއަށް
ހުށަހެޅި. ތަފާތު ދާއިރާތަކަށް ނިސްބަތްވި 42 ބޭފުޅަކު ސޮއިކުރައްވާ މިހުށަހެޅުން
ހުށަހެޅުއްވީ 2001 މާޗް 19 ވީ ހޯމަ ދުވަހު. ސަރުކާރުން ތަފާތު ބަހަނާތައް
ދައްކަވައި މި ހުށަހެޅުމުގައި ވާގޮތަށް ސިޔާސީޕާޓީ ރަޖިސްޓްރީކޮށްދިނުމަށް
އިންކާރުކުރެއްވި. އަދި މިކަމުގައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމެވުން
އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި. އެދުވަސްވަރަކީ ސަރުކާރުގެ ނުފޫޒާއި ބާރުގެ
ދަށުގައި ރައްޔިތުންގެ މަޖިލިސް ހިނގަމުން ދިޔަ ދުވަސްވަރު ކަމަށްވެފައި
ސިޔާސީޕާޓީ ހުއްދަކުރުމުގައި ސަރުކާރުން ކަނޑައެޅި ސިޔާސަތު، މަޖިލީހުންވެސް ދިފާއުކުރި. 2001 ޖޫން 17 ގައި
އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންހެންވެސް
ވާހަކަ ދެއްކެވީ ސިޔާސީޕާޓީ ނިޒާމު ރާއްޖޭގައި ތައާރަފްކުރަން ނުފެންނަކަމަށް
ވިދާޅުވެ. މެންބަރުންގެ ވާހަކަފުޅުގެ އިތުރުން، ވޯޓް ދެއްވުމުގައިވެސް ހަމަ
އެގޮތަށް އަމަލުކުރެއްވި. ވޯޓްގައި
ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ އަގްލަބިއްޔަތުން،
ރާއްޖޭގައި ސިޔާސީޕާޓީ ހިންގަން ހުއްދަ ދޭން ނުފެންނަކަމަށް ފާސްކުރި. ސިޔާސީޕާޓީ
ނިޒާމް ތައާރަފްކުރަން ފެންނަކަމަށް ވާހަކަދައްކަވައި ވޯޓްދެއްވި 4
މެންބަރުންނަކީ، ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ލިޔުމުގައި ސޮއި
ކުރައްވާފައިއޮތް 4 މެންބަރުން. އެ މެންބަރުންނަކީ މާލޭ މެންބަރު މުޙައްމަދު
ނަޝީދާއި، ފާދިއްޕޮޅު މެންބަރު އިބްރާހީމް މުޙައްމަދު ސޯލިހާއި، ކޮޅުމަޑުލު
މެންބަރު ޙަސަން އަފީފާއި، މާލެ އަތޮޅު މެންބަރު އަބްދުﷲ ޝާކިރު...
ސަރުކާރުން ބޭނުންވިގޮތަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއެކު އެމްޑީޕީ ރަޖިސްޓްރީކުރުމަށް
ކުރި މަސައްކަތް މަޑުޖެހިގެން ދިޔަ. މި މަސައްކަތް އެދުވަސްވަރަށް މަޑުޖެހިގެން
ދިޔަ މައިގަނޑު ސަބަބަކީ އެމްޑީޕީ ރަޖިސްޓްރީ ކުރެއްވުމުގައި އިސްކޮށް އުޅުއްވި
ބައެއް ބޭފުޅުން ހައްޔަރުކޮށް ޝަރީޢަތް ހިންގާ އަދަބު ދިނުން. މިއީ އިދިކޮޅު
ސިޔާސީ ހަރަކާތެއް އުފެދި، މައުމޫންގެ ވެރިކަމަށް ގޮންޖެހުމަކަށް ވެދާނެކަމަށް
ބެލެވިގެން، ރާވައިހިންގި ކަންތައްތަކެއް
ކަމަށް ގަބޫލްކުރެވޭ... ސަރުކާރާ އިދިކޮޅު ފިކުރެއް އޮތުމަށް މައުމޫން ބޭނުންނުވާ
ކަމުގެ އެންމެ ފުރިހަމަ މިސާލަކީ ސަރުކާރާ ދެކޮޅަށް ފާޑުވިދާޅުވެ، މިނިވަންކަމާއެކު
މަޖިލީހުގައި ވާހަކަދައްކަވައި، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ބިލްތައް
ހުށަހަޅުއްވަމުން ގެންދެވި މާލޭ ރައްޔިތުންގެ މަންދޫބު މުޙައްމަދު ނަޝީދު (އަންނި)
ހައްޔަރުކުރުން. ޤާނޫނުއަސާސީއާ ޚިލާފަށް ޝަރީއަތް ހިންގައި ބޭއިންސާފުން ހުކުމް
އިއްވައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ނިގުޅައިގަނެ، އަރުވާލުން.
މައުމޫން ވެރިކަމުގެ އަނިޔާވެރިކަން އާންމު ދިވެހިރައްޔިތުންނަށް ފެނިގެން
ދިޔައީ 2003 ސެޕްޓެމްބަރު ނަވާރަ ވިހީގައި މާފުށީ ޖަލުގައި ހިނގާދިޔަ
ހާދިސާތަކަށްފަހު. އެހާދިސާތަކަށްފަހު ރާއްޖެއަށް އިސްލާހީ ބަދަލު ގެންނަވަން
މަސައްކަތްކުރެއްވި އިސްބޭފުޅުން ސްރީލަންކާއަށް އަމިއްލައަށް އަރުވާލެއްވުނު. މިބޭފުޅުންގެ
އެންމެ ފުރަތަމަ މަސައްކަތްޕުޅަކަށްވީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
(އެމްޑީޕީ) އުފައްދަވައި ހިންގަވަން ފެއްޓުން. ސިޔާސީޕާޓީއަށް ރާއްޖޭން ނުލިބުނު
ޖާގަ، އަވައްޓެރި ސްރީލަންކާއިން ހޯއްދަވައި
"އަރުވާލެވިފައިވާ ސަހްސެއްގެ ގޮތުގައި" 2003 ނޮވެމްބަރު 10 ގައި
އެމްޑީޕީ އިފްތިތާހް ކުރެއްވި. ބައިނަލްއަގްވާމީ މުޖުތަމައަށް މިކަން އިއުލާން
ކުރެއްވި. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަކީ ދިވެހި ސަރުކާރު
ބަލައިގަންނަ ޕާޓީއަކަށްނުވިނަމަވެސް ބައިނަލްއަގްވާމީ މުޖްތަމައުން އެމްޑީޕީ
ބަލައިގަތް. އެމްޑީޕީގެ ނަމުގައި ރާއްޖޭން ބޭރުގައި ތަފާތު ހަރަކާތްތައް
ހިންގަންފެށި.
އެމްޑީޕީގެ ހަރަކާތްތައް ރާއްޖޭންބޭރުގައި ކުރިއަށް ގެންދަންފެށުމާއެކު، ރާއްޖޭގައިތިބި އެމްޑީޕީއަށް ނިސްބަތްވާ ބައެއް ފަރާތްތަކަށް
ތަފާތު ތުހުމަތުތައްކޮށް ހައްޔަރުކުރި. މީގެ އެއް މިސާލަކީ 2004 ފެބްރުއަރީ 13
ވަނަ ދުވަހު، އިންޓަނެޓް މެދުވެރިކޮށް ވޯޓް ނަގައިގެން، އެމްޑީޕީގެ ޤައުމީ
މަޖިލިސް އެކުލަވާލުމާއެކު، އެރޭ
ދަންވަރު ސިފައިން ހިންގި ޚާއްސަ އޮޕަރޭޝަން. އެ އޮޕަރޭޝަންގައި އެމްޑީޕީ
ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވި 4 ބޭފުޅަކާއެކު އެމްޑީޕީއަށް ނިސްބަތްވި
އިތުރު ބަޔަކު ހައްޔަރުކުރި.
އެމްޑީޕީގެ އިސްވެރިންނަށް އިންޒާރުދީ ބިރުދެއްކުމުގެ އަމަލުތައް ސްރީލަންކާގައިވެސް
ހިންގަންފެށި. މިކަމަކީ ސީދާ ދިވެހި ސަރުކާރުން ރާވައިގެން ބަޔަކަށް ރިޝްވަތު
ދީގެން ހިންގާ ކަންތައްތަކެއް ކަމާއި އެކަންތައްތަކުގެ ސަބަބުން ބައެއް ބޭފުޅުންގެ
ފުރާނަފުޅަށް ނުރައްކާވާ ހިސާބަށް ދިއުމާއެކު، އެ ބޭފުޅުން އިނގިރޭސިވިލާތަށް
ވަޑައިގަތް. އަދި 2004 ވަނަ އަހަރުގެ މާޗް 18 ވަނަ ދުވަހު، އެމްޑީޕީ ލަންޑަން
އޮފީސް ގާއިމްކޮށް، އެއޮފީހުގައި އިންޓަނޭޝަނަލް ސެކްރެޓޭރިއޭޓްގެ މަސައްކަތް
ކުރިއަށް ގެންދަންފެށި. އެޔާއެކު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިންގަމުންގެންދިޔަ
ތަފާތު ކަންކަމަށް ބައިނަލްއަގްވާމީ މުޖްތަމައުން ބޮޑު ސަމާލުކަމެއް ދޭންފެށި. ރާއްޖޭގައި
ސިޔާސީޕާޓީ ހުއްދަކުރުމަށާއި، ތިންބާރު ވަކިވެފައިވާ ފުރިހަމަ ޑިމޮކްރެޓިކް
ނިޒާމަކުން ވެރިކަން ހިންގުމަށް ބާރުއަޅަން ފެށި.
ބައިނަލްއަގްވާމީ މުޖްތަމައުގެ އިތުރުން ޚުދު ދިވެހި ރައްޔިތުންވެސް،
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އިސްލާހީ ބަދަލުތައް ގެނައުމަށް ގޮވާލަމުން
ގެންދިޔަ. މިކަން އެންމެ ފާޅުކަންބޮޑުގޮތެއްގައި ފެނިގެންދިޔައީ، 2004 ޖޫން
މަހާއި ޖުލައިމަހު ކުރިއަށްދިޔަ މިނިވަން ބަހުސްގެ ސިލްސިލާގައި. މި
ސިލްސިލާގައި ސިޔާސީޕާޓީ ނިޒާމަށް ރާއްޖޭގައި ފުރުސަތު ދިނުމަށް ތަކުރާރުކޮށް
ގޮވާލި. އަދި 2004 ޖުލައި 7 ގައި ބޭއްވި މިނިވަން ބަހުސްގެ 3 ވަނަ
ބައްދަލުވުމުގައި ވަގުތުން ވަގުތަށް އެމްޑީޕީ ރަޖިސްޓްރީކޮށްދިނުމަށް ގޮވާލި.
މިނިވަންބަހުސްގެ 6 ވަނަ ބައްދަލުވުން 2004 ޖުލައި 15 ގައި ބޭއްވިއިރު،
އެބައްދަލުވުމުގައި އެމްޑީޕީގެ ނިޝާނާއި އެމްޑީޕީގެ ޝިއާރުތައް ބޭނުންކުރި.
މިބައްދަލުވުމާ ހިސާބުން މިނިވަން ބަހުސްގެ ބައްދަލުވުންތަކަށް ސަރުކާރުގެ
އިމާރާތްތައް ދޫކުރުން ހުއްޓާލި. ބައްދަލުވުންތައް ބޭއްވުމަށް ހުރަސްއަޅައި
ސަރުކާރުގެ އެއްވެސް އިމާރާތެއް ނުދޭން ފެށުމުން އިސްލާހީ ހަރަކާތްތެރިންގެ
މަންޒިލަކަށްވީ މާލޭ ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދު. އެތަނަށް އެއްވެ،
މިނިވަންކަމާއެކު ޚިޔާލު ބަދަލުކޮށް ބޮނޑިބަތަށް އިންސާފުކުރުމުގެ
ބައްދަލުވުންތައް ތަކުރާރުވާން ފެށުމާއެކު އެއީވެސް މުޅިން މަނާކަމެއްގެ ގޮތުގައި
ކަނޑައަޅާ އިއުލާންކުރި. އަދި މިނިވަން ބަހުސްގެ ބައްދަލުވުންތަކުގައާއި
ލޮނުޒިޔާރަތްކޮޅު ބައްދަލުވުންތަކުގައި މިނިވަންކަމާއެކު ޚިޔާލުފާޅުކުރި
ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށް ބިރުދެއްކުމުގެ އަމަލުތަކެއް
ހިންގި.
އެމްޑީޕީގެ ފިކުރުގައި އިސްލާހަށް ތާއީދުކުރި މީހުން ފުލުސް އޮފީހަށް
ގެންދިޔުމާއި ނުހައްގުން އެ މީހުން ހައްޔަރުކުރުމުގެ ހަރަކާތްތަކެއް ސަރުކާރުން
ހިންގާތީ އެކަމާ އިހުތިޖާޖްކުރުމުގެ ގޮތުން 2004 އޮގަސްޓް 12 ވީ ބުރާސްފަތި ދުވަހު
ހަވީރުން ފެށިގެން ޖުމްހޫރީމައިދާނު ސަރަހައްދަށް މީހުން ޖަމާވާންފެށި. އެރެއާއި
ޖެހިގެން އައި ހުކުރު ދުވަހުވެސް ގިނަ އަދަދެއްގެ ބަޔަކު، ސަރުކާރާ ދެކޮޅަށް
ޝުއޫރުފާޅުކޮށް އަޑު އުފުލަން އެސަރަހައްދުގައި ތިބި. ހުކުރު ދުވަހުގެ
މެންދުރުފަހު، ވަރަށް އަނިޔާވެރިގޮތަކަށް މިއެއްވުން ރޫޅާލައި ގިނަބަޔަކު
ހައްޔަރުކުރި. ވަގުތުން ވަގުތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް،
މޯބައިލް ފޯނުން އެސްއެމްއެސް ކުރުމުގެ ޚިދުމަތާއި އިންޓަނެޓްގެ ޚިދުމަތް ކަނޑާލި.
"ކަޅުހުކުރު" ގެ ގޮތުގައި ދިވެހީން ބަލައިގަތް އެ ދުވަހުގެ ހާދިސާއާ
ގުޅުވައިގެން 200 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށް، ގިނަ ދުވަސްތަކެއް ވާންދެން
ޖަލުގައި ބޭތިއްބި. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ
މަޖިލީހުގެ މެންބަރުންނާއި ވިޔަފާރިވެރިންނާއި މީގެ އިތުރުންވެސް ތަފާތު
ދާއިރާތަކުން ފާހަގަކުރެވޭ މުހިންމު ބޭފުޅުން ހިމެނުނު. މި ހާދިސާއާ
ބައިނަލްއަގްވާމީ މުޖްތަމައުގެ ސަމާލުކަމަށް ގެނައުމަށްޓަކައި، ރާއްޖޭން ބޭރުގައި
ހަރަކާތްތެރިވަމުންދިޔަ އެމްޑީޕީގެ ބޭފުޅުން ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި.
ސިޔާސީޕާޓީ ނިޒާމު ރާއްޖޭގައި ގާއިމްކޮށް އެމްޑީޕީ ރަޖިސްޓްރީ ކުރެވޭނެކަމުގެ
ފެހި ސިގްނަލް ލިބިވަޑައިގަތުމާއެކު، އަމިއްލައަށް އަރުވާލެއްވިގެން ރާއްޖޭން
ބޭރުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި އެންމެ އިސްކޮށް ހުންނެވި، އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު (އަންނި)، ރާއްޖެ
ވަޑައިގަތް. 2005 އެޕްރީލް 30 ގައި ރާއްޖެވަޑައިގަތުމަށްފަހު، މީޑިއާއަށް ދެއްވި
ފުރަތަމަ އިންޓަވިޔުގައިވެސް ވިދާޅުވީ، އެމްޑީޕީގެ ހަރަކާތްތައް ރާއްޖޭގައި
ރަސްމީކޮށް ފެއްޓުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި ސިޔާސީޕާޓީ ރަޖިސްޓްރީކުރުމުގެ ހުވަފެން
ވަރަށް އަވަހަށް ހަގީގަތަކަށް ވާނެކަމަށް. ނަޝީދު ރާއްޖެ ވަޑައިގަތުމަށްފަހު،
އެމްޑީޕީއަށް މެންބަރުން ވެއްދުމުގެ މަސައްކަތް ވަރަށް ފޯރިޔާއި ޖޯޝުގައި ކުރިއަށް
ގެންދިޔައިރު މިކަންތައްތަކަށް ސަރުކާރުން ވަރަށްބޮޑަށް ފާރަވެރިވަމުން ގެންދިޔަ. އެމްޑީޕީއަށް
ތާއީދުކުރާ ފަރާތްތަކާއެކު ބޭއްވި ފުރަތަމަ އާންމު ބައްދަލުވުން ނަޝީދު އިސްވެ
ހުންނަވައިގެން 2005 މެއި 6 ދުވަހުގެރޭ ވެސްޓްޕާކް ރެސްޓޯރަންޓްގައި ބޭއްވި.
މި ބައްދަލުވުމަށްފަހު އެމްޑީޕީގެ ސިލްސިލާ ބައްދަލުވުންތަކެއް އެމްޑީޕީގެ
މައިހަރުގެ، ގ.ދުންފިނިގޭގައި ކުރިއަށް ގެންދަންފެށި. އެމްޑީޕީގެ އިސްވެރިންނާއި
އާންމު މެންބަރުންގެ ޚިޔާލުފާޅުކުރުމާއި މަޝްވަރާކުރުންތަކާއެކު
މިބައްދަލުވުންތައް ކުރިއަށްދިޔައިރު، އަލަށް އެމްޑީޕީއާ ގުޅެމުންދިޔަ މީހުންގެ
އަދަދުވެސް ދިޔައީ އިތުރުވަމުން.
ހުއްޓުމެއްނެތި އެމްޑީޕީން ކުރަމުންދިޔަ މަސައްކަތާއެކު، ސިޔާސީޕާޓީ ނިޒާމަށް
ޖާގަ ދިނުމުގެ ވިސްނުން ސަރުކާރުންވެސް ގެންގުޅެންފެށި. ސިޔާސީޕާޓީ ހަދައި
ހިންގަން ގާނޫނުއަސާސީ ތަންނުދޭކަމަށް ކުރީގެ ބަންޑާރަނައިބް ލަފާދެއްވާފައިވަނިކޮށް،
ފަހުގެ ބަންޑާރަނައިބް ވިދާޅުވީ، ރާއްޖޭގައި ސިޔާސީޕާޓީ ހަދައި ހިންގަން ގާނޫނީ އެއްވެސް
ހުރަހެއް ނެތްކަމަށާއި، އެކަމަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން
ދިވެހިރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގެއްކަމަށް. މިކަމުގައި
ރައްޔިތުންގެ މަޖިލީހުން ނިންމަވާ ގޮތެއް ބެއްލެވުމަށްޓަކައި، 2005 ޖޫން 2 ވަނަ
ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރި. އެދުވަހުގެ
ޖަލްސާގައި މަޖިލީހުން ނިންމަވާނެ ގޮތެއްގެ ޝައުގުވެރިކަމުގައި ގިނަބަޔަކު ތިއްބާ،
ޖޫން މަހުގެ ފުރަތަމަ ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައި، އެމްޑީޕީގެ ޗެއާޕާސަން ނަޝީދު އާއި ޕާޓީގެ އިސް
ހަރަކާތްތެރިންތަކެއް ހައްޔަރުކޮށް، އެމްޑީޕީގެ
އޮފީހާއި މައި ހަރުގެ ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ. މިކަމަކީ ކީއްވެގެން
ކޮންސަބަބަކާހުރެ ކުރި ކަމެއްކަން ސަރުކާރުން ހާމަނުކުރިނަމަވެސް، ޖޫން 2 ވަނަ
ދުވަހު އޮތް މަޖިލީހުގެ ޖަލްސާއިން ޕާޓީ ނިޒާމަށް ފުރުސަތު ދޭން ފެންނަކަމަށް
ފާސްކުރުމާއެކު، އެދުވަހު ހަވީރު ހައްޔަރުކުރި އެންމެން ދޫކޮށްލި. އަދި އެމްޑީޕީގެ
އޮފީހާއި މައިހަރުގެވެސް ފުލުހުން ދޫކޮށްލި.
2005 ޖޫން 2 ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި
ވާހަކަ ދެއްކެވި ހަމަ ހުރިހާ ބޭފުޅުންހެންވެސް ސިޔާސީޕާޓީ ނިޒާމަށް ރާއްޖޭގައި
ޖާގަދޭން ފެންނަކަމަށް ވިދާޅުވެ ވާހަކަ ދެއްކެވިއިރު، އޭގެތެރޭގައި 2001 ވަނަ
އަހަރު ޕާޓީނިޒާމާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅުންވެސް ހިމެނުނު. މަޖިލީހުގެ ދެ
ގެލެރީ ފުރެންދެން އާންމުން ވަތް މިޖަލްސާގައި، ޖަލްސާއަށް
ހާޒިރުވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާގުން، ރާއްޖޭގައި ސިޔާސީޕާޓީ
އުފައްދައި ހިންގުމަކީ ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމެއް ކަމަށް
ނިންމެވި.
ސިޔާސީޕާޓީ ނިޒާމަށް ރާއްޖޭގައި ފުރުސަތު ލިބުމާއެކު، އެއްވެސް ލަހެއް
ފަހެއްނެތި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ދިވެހިރާއްޖޭގައި
ރަޖިސްޓްރީކުރުމުގެ މަސައްކަތް ފެށި. ހަފުތާ ބަންދަށްފަހު، ޖޫން 5 ވީ އާދީއްތަ
ދުވަހު ސަރުކާރު ހުޅުވުނުތަނާހެން އެމްޑީޕީގެ އިސްވެރިން ހޯމް މިނިސްޓްރީއަށް
ވަޑައިގަނެ، ފޯމް ނަންގަވައި ހަމަ އެތަނުގައި ތިއްބަވައިގެން ފުރުއްވަން ފެއްޓެވި.
50 މީހުންގެ ސޮޔާއެކު ހުށަހަޅަންޖެހޭ ފޯމް، 105 މީހުންގެ ސޮޔާއެކު ހުށަހެޅި. އަދި
އެމްޑީޕީއަށް ސޮއިކުރި ތިންހާސް މެންބަރުންގެ ފޯމް އޭގެ ދެދުވަސްފަހުން ހޯމް
މިނިސްޓްރީއަށް ހުށަހެޅި. އެޔާއެކު ސިޔާސީޕާޓީ ގަވާއިދުގާ ބުނާގޮތުގެމަތިން، "ސިޔާސީޕާޓީ
އުފެއްދުމަށް ބާއްވާ ބައްދަލުވުން" ބޭއްވުމުގެ ހުއްދަ ހޯމް މިނިސްޓްރީން
އެމްޑީޕީއަށް ދިން. މިޖަލްސާ، 2005 ޖޫން 11 ވަނަ ދުވަހުގެރޭ އިސްކަންދަރު
ސްކޫލްގައި ބާއްވާ، ޕާޓީގެ އަސާސީ ގަވާއިދާއި ކުލައާއި ލޯގޯ ފާސްކުރި.
ސިޔާސީޕާޓީގެ ގަވާއިދުގައި ބުނާ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށްފަހު،
ޖެހިގެން އައި ދުވަހު އެމްޑީޕީ ރަސްމީކޮށް ރަޖިސްޓްރީކޮށްދިނުން އެދި ހޯމް
މިނިސްޓްރީއަށް ހުށަހެޅި.
ފަހުގެ ތާރީޚްގައި ރާއްޖޭގެ އުފެއްދި ފުރަތަމަ ސިޔާސީޕާޓީގެ ގޮތުގައި ދިވެހި
ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރަޖިސްޓްރީ ކުރީ މީގެ 8 އަހަރު ކުރިން
މިއަދު. އާދެ 2005 ޖޫން 26 ވީ އާދީއްތަ ދުވަހު.
އެމްޑީޕީގެ ހަޔާތުން އަށް އަހަރު ފާއިތުވީއިރު އެމްޑީޕީން ވަނީ، ގިނަ
ރައްޔިތުން އުންމީދުވެސް ނުކުރާފަދަ ފަސޭހަތަކާއި ޚިދުމަތްތަކާއި ގޮތްތައް
ތައާރަފް ކޮށްދީފައި. ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް މަދު ނިކަމެތި ގައުމެއް
ކަމަށް ބުނެ ގޮވަމުންދިޔަ ގޮވެލިފައްޗަކީ ހަގީގަތެއް ނޫންކަމާއި ރާއްޖެއިން
ނަފާނެރެވިދާނެ ގޮތްތައް އެބަހުރިކަމާ، އެޔާއެކު އެކަމުގެ ހެޔޮ އަސަރު
ރައްޔިތުންނަށްވެސް ލިބެންޖެހޭނެކަމަށް އެމްޑީޕީ ދިޔައީ ބުނަމުން. އެމްޑީޕީ ދައްކާ
ވާހަކައާއި ހުށަހަޅާ ކަންކަމަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބުރަވެ ދައްކާ
ވާހަކައެއް ނޫންކަން ރައްޔިތުންނަށް ވިސްނައިދިނުމަށް އެމްޑީޕީއާ ދެކޮޅު ވާދަވެރި
ސިޔާސީޕާޓީ ތަކުން ޕްރޮޕެގެންޑާ ފެތުރިނަމަވެސް، މިއަދުވަނީ އެމްޑީޕީން
ތައާރަފްކުރި އެތައްކަމެއް ދިވެހީން ތަޖުރިބާ ކޮށްފައި. ތިންބާރު ވަކިވެފައިވާ
ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއް ރާއްޖެއަށް ތައާރަފްވުމާއި، ސިޔާސީޕާޓީ
އުފައްދައި ހިންގުމާއި، ސިޔާސީ ގޮތުން ރައްޔިތުން ހޭލުންތެރިވުމާއި،
ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ގާއިމްކުރުމާއި، ހަމަހަމަ
ކަމާއެކު އެންމެ ރައްޔިތުންނަށްވެސް އަދުލު އިންސާފް ލިބުމަށް އެމްޑީޕީން ކުރި
ވަކާލާތާ ދެކޮޅަށް އަޑުއުފުލި މީހުންވެސް މިއަދުތިބީ އެމްޑީޕީގެ ފަލްސަފާ
ގަބޫލުކޮށްގެން. އެމްޑީޕީއަށް ނިސްބަތްވި މަދު މެންބަރުންކޮޅެއް ރައްޔިތުންގެ
ޚާއްސަ މަޖިލީހުގައި ތިއްބެވިނަމަވެސް، އެމަޖިލީހުން އެކުލަވާލި ގާނޫނުއަސާސީ ޒަމާނީ
ޑިމޮކްރެޓިކް ގާނޫނުއަސާސީ އަކަށް ބަދަލުކުރުމުގައި އެމެންބަރުންވަނީ މުހިންމު
ރޯލެއް ކުޅުއްވާފައި. އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު ރައްޔިތުންގެ
މަޖިލީހުގައިވެސް އެމްޑީޕީއަށް ނިސްބަތްވާ ތިއްބެވީ މަދު މެންބަރުން ކޮޅެއް.
އެހެންސް، އެމެންބަރުންގެ ބުރަ މަސައްކަތުން ރައްޔިތުންނަށްޓަކައި ގިނަ
ކަންތައްތަކެއް ވަނީ ހާސިލްކޮށްދެއްވާފައި. ކިޔަވާ ކުދިންގެ ފޮތްލިސްޓަށް
ދައުލަތުން ޚަރަދު ކުރުމާއި، މާލެއެކޭ އެއްގޮތަށް މީހުން ދިރިއުޅޭ
ރަށްރަށުގައިވެސް ގެސްޓްހައުސް ތައާރަފް ކުރުން ފަދަ ސިޔާސަތު ތަކަކީ އެދުވަސްވަރު
އެ މެންބަރުން ކުރެއްވި މިންނަތް މަސައްކަތްތަކުގެ ނަތީޖާ.
މިފަދަ އެތައް ކާމިޔާބުތަކެއްގެ ތެރެއިންވެސް، އެމްޑީޕީއަށް ލިބުނު
އެންމެބޮޑު ކާމިޔާބަކީ، ދިވެހިރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު، ކާމިޔާބު ކުރެއްވުން. 2008
ނޮވެމްބަރު 11 ގައި ފެށި ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން 2012 ފެބްރުއަރީ 7 ގައި
ބަގާވާތަކުން ވައްޓާލުމާ ހަމައަށް އެމްޑީޕީ ސަރުކާރުން ވަނީ ރައްޔިތުންނަށްޓަކައި
ގިނަ ގުނަ ޚިދުމަތްތަކެއް ދޭން ފަށާފައި. ތަރައްގީގެ ގިނަ މަޝްރޫއުތަކެއް
ހިންގާފައި އަދި ހިންގަންފަށާފައި. ގައުމާއި ރަށުގެ ތަރައްގީގެ އިތުރުން ސީދާ
ރައްޔިތު މީހާގެ ޖީބަށް ލުއިވާނޭފަދަ ސިޔާސަތުތަކެއްވެސް އެމްޑީޕީގެ ތިން އަހަރުގެ
ވެރިކަމުގައިވަނީ ތައާރަފްކޮށް ރައްޔިތުންނަށް އެފަސޭހަކަން ލިބިދީފައި. 65
އަހަރުވީ މީހުންނަށްދޭ 2000 ރުފިޔާގެ އިނާޔަތާއި އާސަންދައިގެ ޚިދުމަތާއި
އެކަނިވެރި މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބިދޭ އިނާޔަތަކީ
ރައްޔިތު އެތައް ބައެއްގެ ފުރިހަމަ ތާއީދު އެމްޑީޕީއަށް ލިބިގެންދާ ސަބަބު.
ބަގާވާތަކުން އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނައި ސަބަބަކީ، އެމްޑީޕީން
ކުރަމުންދިޔަ އޯގާތެރި ވެރިކަމާއި ހިންގަމުންދިޔަ ތަރައްގީގެ ހަލުވި
މަޝްރޫޢުތަކާއި ރައްޔިތުންނަށް ދޭންފެށި ޚިދުމަތްތަކުގެ ސަބަބުން
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މަގްބޫލުކަން ކުރިއަށްވުރެވެސް ބޮޑުވާން
ފެށުން. އިދިކޮޅު ފަރާތްތަކަށް ވެރިކަމަށް އާދެވޭނެ އޮތް ހަމައެކަނި ގޮތަކީ
ވެރިކަން ބަދަލުކޮށް އެމްޑީޕީ ބަދުނާމުކޮށް، އެމްޑީޕީގެ އިސްފަރާތްތައް
ހައްޔަރުކޮށްގެން ކަމަށް ގަބޫލުކުރެވުން. އެހެންނަމަވެސް ބަގާވާތުގެ އަހުލުވެރިން
ބޭނުންވިހާ ގޮތެއް އެމްޑީޕީއަކަށް ނުހެދުނު. ބަގާވާތާއެކު އެމްޑީޕީގެ
އިސްބޭފުޅުންނަށާއި އާންމު މެންބަރުންނަށް އެތައް އަނިޔާއެއް ދިން ނަމަވެސް،
ފެންނަމުންދަނީ އެމްޑީޕީ އިތުރަށް ބަދަހިވެ ގިނަ އަދަދެއްގެ މެންބަރުން އެމްޑީޕީއާ
ގުޅޭތަން. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނާއި ރަށްރަށާއި
އަތޮޅުތަކުގެ ކައުންސިލަރުންވެސް އެބޭފުޅުންގެ މުސްތަގްބަލާ ގުޅިފައިވާ ޕާޓީއަކީ
އެމްޑީޕީކަން ގަބޫލުކޮށް އެމްޑީޕީއާ ގުޅެމުންދާތަން.
އެމްޑީޕީންވަނީ ޕާޓީއަށް ކުރިމަތިކުރުވި ހުރަސްތައް ގިރާކޮށް ކާމިޔާބާ
ހަމައަށް ވާސިލް ވެފައި. އެމްޑީޕީންވަނީ ޕާޓީއަށް ކުރިމަތިކުރުވި ނުރައްކާތަކުން
ސަލާމަތްވެ، އަމާން އައްސޭރިއަކަށް ދަތުރު ފަށާފައި... މިއަހަރުގެ ރިޔާސީ
އިންތިހާބް ކުރިމަތިވަމުން އަންނައިރު، އެމްޑީޕީއަކީ ރައްޔިތުންނަށް ބޭނުންވާ
ސިޔާސަތުތައް ތައާރަފްކޮށްގެން ރައްޔިތުންގެ ރުހުމާއި ލޯބި ހޯދައިގެން ވެރިކަން
ހޯދުމަށް މަސައްކަތްކުރާ ހަމައެކަނި ޕާޓީ. އެމްޑީޕީގެ ހީވާގި މެންބަރުންނާއި
ޕާޓީގެ ލީޑަރޝިޕުން ކަމަރު ބަނދެގެން ތިބީ ކުރިއަށް އޮތް ރިޔާސީ އިންތިހާބް
އެއްބުރުން ކާމިޔާބު ކުރުމުގެ އަޒުމާއި އުންމީދުގައި.
ނޯޓް: މި ރިޕޯޓަކީ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކްޕާޓީ (އެމްޑީޕީ) ގެ 8 ވަނަ އަހަރީ ދުވަހުގެ (26
ޖޫން 2013) ޚާއްސަ ޖަލްސާގައި ދެއްކުމަށްޓަކައި އަޅުގަނޑު ލިޔުނު ރިޕޯޓެކެވެ. ނަމަވެސް
ދިމާވި ސަބަބުތަކާހުރެ އެޖަލްސާ ކެންސަލްވުމާ ގުޅިގެން، މި ރިޕޯޓް
އާންމުކޮށްފައިވަނީ 12 އޮގަސްޓް 2013 ވީ ހޯމަ ދުވަހުގެރޭ، މާލޭ
ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ބޮޑު ޖަލްސާ ގައެވެ. (ވީޑިއޯ)
No comments:
Post a Comment
Your comment is awaiting moderation!