މިއަދު (7 ފެބްރުއަރީ 2012) ހެނދުނު
ހޭލެވުނީ އަންހެނުން ގޮވާތީއެވެ. ހޭލެވިފައިވެސް އޮވެވުނީ ވިސްނާށެވެ. އޭރު
ފެންނަމުންދިޔަ ހުވަފެނާ ދޭތެރޭގައެވެ. އަންހެނުން ބުންޏެވެ. "ވަރަށްގިނަ
ފުލުހުން އެބައުޅޭ ޖުމްހޫރީ މައިދާނަށް ޖަމާވެގެން، ރައީސްވެސް އެމީހުންނާ އެބަ ބައްދަލުކުރައްވާ."
އަންހެނުންގެ ވާހަކައިން އަހަންނަށް ލިބުނީ ސިހުމެކެވެ. ހަމައެކަނި އެ ޚަބަރުގެ
ސަބަބުންނެއް ނޫނެވެ. ކުޑައިރުކޮޅެއް ކުރިން ފެނުނު ހުވަފެނާއި ގައުމަށް
މެދުވެރިވެފައިއޮތް ހާލަތާ ގުޅުން ބޮޑުވީމައެވެ. ހުވަފެނުގައި ފެނުނީ ރައީސް
ނަޝީދު، ކުއްލި ނޫސްކޮންފަރެންސެއް ދެއްވާތަނެވެ. އެމަންޒަރު އަޅުގަނޑަށް ފެންނަނީ
ޓީވީންނެވެ. ގިނަ އަދަދެއްގެ ނޫސްވެރިން އެތަނަށް އެއްވެފައިއޮތެވެ. ލައިވްކުރާ
ޗެނަލުގެ ކެމެރާ ތެޅޭކަންވެސް މަންޒަރުތަކުން އެނގެއެވެ. އަޑުވެސް އަންނަނީ ކެނޑިކެނޑިގެންނެވެ.
ކޮންމެއަކަސް އެ ހުވަފެނުގެ ޚުލާޞާއަކީ ކުއްލިއަކަށް ދިމާވެގެންއުޅޭ ބޮޑު ކަމަކާ
ގުޅޭގޮތުން ރައީސް ނަޝީދު މީޑިއާއަށް މައުލޫމާތު ދެއްވުމެވެ.
އެނދުން ތެދުވިގޮތަށް ކޮމްޕިއުޓަރު ހުޅުވައިފީމެވެ.
އިންޓަނެޓަށް ކަނެކްޓް ކޮށްފީމެވެ. ޓްވިޓަރއަށް ސައިން އިން ކޮށްފީމެވެ. ނޫސްތައް
ކިޔަން ފަށައިފީމެވެ. އަސްތަގްފިރުﷲ އެވެ. ކަމަކު ދާކަށް ނެތެވެ. އަޅުގަނޑުމެން
ފަދަ މީހުން، ގަދަ ނިދީގައި އޮތަސް، ހާދަ ކަންތައްތަކެއް މާލޭގައި
ހިންގާލައިފިއެވެ. އާޓިފިޝަލް ބީޗް ސަރަހައްދުގައި ސަރުކާރާ ދެކޮޅު މީހުން ކުރަމުންދިޔަ
މުޒާހަރާއާ ދެކޮޅަށް ސަރުކާރަށް ތާއީދުކުރާ މީހުންވެސް އެއްވީއެވެ. ދެބައިމީހުންގެ
ދެމެދުގައި ހަމަނުޖެހުން އުފެދުނީ އެވެ. ގާއުކީއެވެ. އަމަން ބަލަހައްޓަން ތިބި
ފުލުހުން ސަރުކާރާ ދެކޮޅަށް ނުކުތް މީހުންނަށް ބައިއަތު ހިފީއެވެ. އެމްޑީޕީ ހަރުގެ
އާއި އެތާހުރި ތަކެތި ސުންނާފަތިކުރީއެވެ. ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި
ބައެއް ބޭފުޅުންނަށާއި އެމްޑީޕީގެ ހަރަކާތްތަކުގައި އުޅުނު މީހުނަށް
ހަމަލާދިނީއެވެ. ސަރުކާރަށް ތާއީދުކުރާ މީހުންގޮސް، އެބައިމީހުންނާ ދެކޮޅަށް
ޚަބަރު ފަތުރަމުންދިޔަ ޓީވީ ސްޓޭޝަނަށް ހަމަލާދީ އެ ސްޓޭޝަންގައި ރޯކޮށްލަން
މަސައްކަތް ކުރީއެވެ. އެންމެ ކަންބޮޑުވީ މީގެ ތެރެއިން ގިނަ ކަންކަމުގައި
ފުލުހުންގެ ބައިވެރިވުން ބޮޑުވީމައެވެ. ފުލުހުންގެ ޔުނިފޯމްގައި ތިބެމެ ގޭންގް
ސްޓާރުންނާ އެއް ލެވެލަށް އެ މީހުން ވެއްޓުނީމައެވެ. ކަންކަން މިހެން ހިނގާފައި
އޮތުމުން ދެން ނުކުމެދާނެ ނަތީޖާއަކާ ދޭތެރޭ ވިސްނެންފެށިއެވެ. މިއީ ފަހުގެ
ތާރީޚަށް ބަލާއިރު ފުލުހުންގެ ފަރާތުން ފެނުނު މަންޒަރެއް ނޫނެވެ. ސަރުކާރާ
ދެކޮޅަށް ފުލުހުން ފާޅުގައި ނުކުމެ ތިބީ އެބައިމީހުންގެ ޔުނިފޯމްގައެވެ. ޖުމްހޫރީ
މައިދާނުގައެވެ.
ފޯން އޮން ކޮށްލައިފީމެވެ. ރޭއްސުރެން
ނިވާލާފައި އޮތްއިރު އެއްވެސް ކޯލެއް އައި ކަމުގެ މެސެޖެއް ނައެވެ. ހިތަށް
އެރިއެވެ. މިހާރު ނޫސްވެރިކަމާ މާދުރުގައި އުޅެވޭތީ އަހަރެން މަތިން ހަނދާން
ހުންނަ މީހަކުވެސް ނެތީތާއެވެ. އެހެންނޫނީ މިހާބޮޑު ކަމެއް ވެގެން އުޅޭއިރު، ޚަބަރު
ދޭން ނޫނީ ޚަބަރު އަހަން ކިތަންމެ ބަޔަކު ގުޅާނެއެވެ.
ދޭތެރެއަކުން ޓީވީ ބަލަމެވެ. އެކި
ޗެނަލްތަކަށް ބަދަލު ކުރަމެވެ. ނޫސް އަޕްޑޭޓްވެސް ބަލަމެވެ. މީހުންކުރާ
ޓްވިޓްތައްވެސް ކިޔަމެވެ. ގޭގައި އިނަސް ބަރާބަރަށް ދިޔައީ އަޕްޑޭޓް ވަމުންނެވެ.
ފޯން ވައިބްރޭޓްވާން ފެށިއެވެ. ގުޅަނީ
މެލޭޝިޔާގައި ހުންނަ އަލްޖަޒީރާ އޮފީހުގައި މަސައްކަތްކުރާ އަޅުގަނޑުގެ
ރައްޓެއްސެކެވެ. (އަލްޖަޒީރާ ޓީމް 2008ގެ ރިޔާސީ އިންތިޚާބްގެ ދުވަސްވަރު ރާއްޖެ
އައިއިރު، އެޓީމްގެ ލޯކަލް އެޖެންޓަކީ އަޅުގަނޑެވެ.) އޭނާ މިއަދު މިގަޑީގައި
އެގުޅަނީ ކޮން ސަބަބަކާ ހުރެކަން ޔަގީންކުރެވުނެވެ. މީޑިއާތަކުގައާއި
ސޯޝަލްމީޑިއާގައި އާންމުވަމުންދިޔަ ޚަބަރުތަކުން އަޅުގަނޑު ނިކަން އަޕްޑޭޓްވެފައި
ވިޔަސް، އޭނާއާ ވާހަކަ ދައްކާނޭ މޫޑެއް ނެތެވެ. އެކޯލް މިސް ކޯލަކަށް ވެގެން
ދަންދެން ފޯނަށް ބަލަހައްޓައިގެން އިނީ އެވެ. އޭގެ ބައިގަޑިއިރެއްހާ ފަހުން
އަނެއްކާވެސް ރާއްޖޭން ބޭރުން ކޯލެއް އައެވެ. މިފަހަރު އިންޑިއާ އިންނެވެ.
އިންޑިޔާގައި ހުންނަ، ޖަރުމަންޓީވީ (އޭއާރުޑީ) ގައި މަސައްކަތްކުރާ އަޅުގަނޑުގެ
ރައްޓެއްސެކެވެ. (އޭއާރުޑީ ޓީވީ ކްރޫ 2009 ވަނަ އަހަރު ރާއްޖެ އައި އިރު، އެ ޓީމްގެ ލޯކަލްއެޖެންޓަކީވެސް އަޅުގަނޑެވެ.) އެކޯލް އެއަންނަނީ ކީއްވެގެންކަމާއި އޭނާ
އޮޅުންފިލުވަން ބޭނުންވާނީ ކޮންކަންތައްތަކެއްކަން އެނގޭތީ ހަމަ ކުރީންވެސް
ކަންތައްކުރި ގޮތަށް ކަންތައް ކުރީއެވެ. ފަހުންވެސް ކޯލްތައް އައެވެ. އެކަމަކު
ދެން މުޅިންވެސް އައީ ރާއްޖެއިން، ރައްޓެހިންގެ ކޯލްތަކެވެ. ގިނަ ކޯލްތަކަށް
ޖަވާބެއް ނުދެމެވެ.
ކަންތައް ވަމުންދިޔަ ގޮތުން ދެންވާނެ
ގޮތެއް ލަފާކުރަން އެނގޭވަރަށްވުރެ، ތަފާތު ޚަބަރުތައް އާންމުވަމުންދިޔައެވެ.
އަޅުގަނޑު ކަންބޮޑުވެ ހާސްވީ ރައީސް ނަޝީދަށް ކުރިމަތިވެފައި އޮތް މަޖުބޫރީ
ހާލަތާއެކުވެސް ވެރިކަމުގައި ހުންނެވުމުގެ ވިސްނުންފުޅު ގެންގުޅުއްވަފާނެތީއެވެ. ބަޑިޖަހައިގެން
ފުލުހުން މައިތިރި ކުރުމުގެ ވިސްނުމެއް އިސްކުރައްވަފާނެތީއެވެ. އޭގެ ސަބަބުން
ރުޅިގަދަވެފައިތިބި ފުލުހުންނާއި އާންމުން ގުޅިގެން މުޅި މާލެތެރެ ހަލަބޮލިކޮށް،
އެމްޑީޕީއާއި ސަރުކާރުގެ އިސްބޭފުޅުންނަށް ހަމަލާދީފާނެތީއެވެ. އެފަދަ ކަމެއް
ހިންގައިގެން އެއްބަޔަކު އަނެއްބަޔަކަށް ބަދަލު ހިފުމުގެ ރޫހް އިސްކޮށް ފާނެތީއެވެ.
މުޅި ރާއްޖޭގައި ދާޚިލީ ހަނގުރާމައެއް ފެށިގެން ހިނގައިދާނެތީއެވެ.
އެންމެފަހުން އެދުވަހުގެ އެންމެ
މުހިންމު ވަގުތު އައިސް ލައިގަތެވެ. ރައީސް ނަޝީދުގެ އިސްތިއުފާ، މީޑިއާގެ
ކުރިމަތީގައި އިޢްލާން ކުރެއްވިއެވެ. ރައީސް ނަޝީދުގެ މިޢަމަލު އަޅުގަނޑަށް
ސިފަކުރެވުނީ ވަރަށްވެސް ހިއްވަރު ގަދަ އަމަލެއްގެ ގޮތުގައެވެ. އެވަގުތު ރައީސް
ނަޝީދު އިސްތިއުފާ ނުދެއްވިނަމަ، ފުލުހުންގެ ޔުނިފޯމްގައާއި ކުލަހެދުމުގައި ތިބި
ގިނަ އަދަދެއްގެ ފުލުހުން ހިންގަމުންދިޔަ އަނިޔާވެރިކަން އިތުރަށް ބޮޑުވެގެން
ދިޔައީހެވެ. އެމްއެންބީސީ ހިފިގޮތަށް ސަރުކާރުގެ އެތައް އިމާރާތެއް ހިފީހެވެ.
އެމްޑީޕީ ހަރުގެ ތަޅައި ސުންނާފަތި ކުރިގޮތަށް އެމްޑީޕީގެ އިސް ބޭފުޅުންގެ
ގެތަކަށްވެސް ނުރައްކާތައް ކުރުމަތިކުރުވީހެވެ. ބަނޑޭރިގޭގައި ސިފައިންގެ
ހިމާޔަތުގައި ރައީސް ނަޝީދު ހުންނެވިޔަސް، ސަރުކާރުގެ އިސްވެރިންނާއި މަޖިލިސް
މެންބަރުންނާއި ފުލުހުންގެ ބައެއް އޮފިސަރުން ތިއްބެވީ އެއްވެސް ހިމާޔަތެއް
ނެތިފައެވެ. މިފަދަ ބައެއް ބޭފުޅުންނަށް ތަފާތު އަނިޔާތައް، ސަރުކާރާ ދެކޮޅަށް
އެއްވި މީހުން ދިނެވެ. އެ ލާއިންސާނީ އަމަލުތަކުގައި ފުލުހުންގެ ޔުނިފޯމްގައިތިބި
ފުލުހުންނާއި ސިފައިންގެ ޔުނިފޯމްގައި ތިބި ސިފައިން ބައިވެރިވިއެވެ. މިއީ ފަހުގެ
ތާރީޚްގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ދުވަހެކެވެ. އެދުވަހުގެ
ނުރައްކާތެރިކަމާއި ބިރުވެރިކަމަށް ނިމުން ގެނުވީ ރައީސް ނަޝީދުގެ އިސްތިއުފާ
އެވެ. އިސްތިއުފާއަށްފަހު، ރައީސް އޮފީހުން މުލީއާގެއަށް ހިންގަވާފައި
ވަޑައިގަތްއިރު، އެތަނުގައި ތިބި ގިނަ އަދަދެއްގެ ސިފައިންނާއި އާންމުން
ގޮވަމުންދިޔަ އެއްޗިއްސާއި ލަވަމުންދިޔަ ހަޅޭކުގެ މެދުގައި ރައީސް ނަޝީދު ހުންނެވީ
ހިނިތުންވެވަޑައިގެންނެވެ.
No comments:
Post a Comment
Your comment is awaiting moderation!