2008-11-02

އަލްޖަޒީރާ ޓީމާއެކު އަޅުގަނޑު



ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ބައިނަލްއަގްވާމީ މީޑިއާގެ ތެރެއިން އެންމެބޮޑު ސަމާލުކަމެއް ދެނީ އަލްޖަޒީރާ (އިންގްލިޝް) އެވެ. އޭޝިއާ ސަރަހައްދަށް ޚާއްސަކޮށް މެލޭޝިޔާގައި ހުންނަ އޮފީހުންނެވެ. މިފަހުން ހިނގާދިޔަ ހާދިސާތަކަށް އަލްޖަޒީރާގެ ކެމެރާ ފޯކަސްކުރި ފަދައިން، މިހާރު ފޯރިއާއެކު ކުރިއަށްދާ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ޚާއްސަ ޕްރޮގްރާމެއް ހެދުމަށްޓަކައި މައުލޫމާތު ނެގިއެވެ.

އަލްޖަޒީރާގެ 5 މީހުންގެ މައްޗަށް އެކުލެވުނު މިކްރޫގެ ލޯކަލް އެޖެންޓަކީ އަޅުގަނޑެވެ. (ސަރުކާރުގެ ގަވައިދު ހަމަޖެހިފައި އޮންނަ ގޮތުން ފިލްމު ކުރުމަށް ރާއްޖެ އަންނަ މީހުންނަށާއި އެމީހުން ގެންނަ ތަކެއްޗަށް ޒިންމާވާނެ ދިވެއްސަކު ހުންނަންޖެހެއެވެ.) އަލްޖަޒީރާއަށް އަޅުގަނޑު ފާހަގަވީ އއ.ހިމެންދޫ ގައި 2007 ވަނަ އަހަރު ހިނގާދިޔަ ހާދިސާއާ ގުޅިގެން، އެކަމާ ގުޅޭގޮތުން ރިޕޯޓެއް ހެދުމަށް އައި އަލްޖަޒީރާގެ ކެމެރާމަނަކާއި ޕްރޮޑިއުސަރަކާއެކު ހިމެންދޫއަށް ދެވުމެވެ. އެފަހަރު އެމީހުންގެ ލޯކަލް އެޖެންޓަކީ އަޅުގަނޑުގެ ރައްޓެއްސެކެވެ. އަޅުގަނޑު އެމީހުންނާއެކު ދިޔައީ އަމިއްލަ ބޭނުމަށް ފޮޓޯ ނެގުމަށެވެ. މި ދަތުރުގައި ކޮންމެވެސް ވަރަކަށް އަލްޖަޒީރާ ކްރޫއާ ވާހަކަ ދެކެވުނެވެ. ލޯކަލް އެޖެންޓްގެ އަލްޖަޒީރާއިން އަޅުގަނޑު ކަނޑައެޅީ، ކުރިން ލޯކަލް އެޖެންޓްގެ ގޮތުގައި މަސައްކަތްކުރި އަޅުގަނޑުގެ ރަހުމަތްތެރިޔާ އެވަގުތު، ރާއްޖޭގައި ނެތީމައެވެ.

އަލްޖަޒީރާގެ މަޝްހޫރު ޕްރޮގްރާމް، 101 އީސްޓްގައި ރާއްޖޭގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ޚާއްސަ ޕްރޮގްރާމެއް ނެގުމަށްޓަކައި އެ ޗެނަލްގެ ދެ ކްރޫއެއް ރާއްޖެ އައެވެ. ދެމީހުންގެ މައްޗަށް އެކުލެވުނު، ފުރަތަމަ ކްރޫ އައީ 13 އޮކްޓޯބަރު 2008 ގައެވެ. ދެވަނަ ކްރޫ އައީ 16 އޮކްޓޯބަރު 2008 ގައެވެ. އެ ކްރޫގައި ތިން މީހުން ހިމެނުނެވެ. މުޅި ކްރޫ ރާއްޖޭން ފުރީ 20 އޮކްޓޯބަރު 2008 ގައެވެ. 

ޕްރޮގްރާމުގައި ހިމަނަން ނެގި ބައިތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމްގެ އިންޓަވިޔުއަކާއި ރިޔާސީކެންޑިޑޭޓް މުޙައްމަދު ނަޝީދުގެ އިންޓަވިޔުއެއް ހިމެނެވެ. މައުމޫންގެ އިންޓަވިޔު ނެގީ ރިޔާސީ ގަނޑުވަރު ތީމުގޭގައެވެ. ނަޝީދުގެ އިންޓަވިޔު ނެގީ މ.ޔާގޫތުގޭ އެންމެ މަތީ ފްލޯރ ގައެވެ. މިކްރޫއިން ޚާއްސަ ކަމެއް ދީގެން ވީޑިއޯ ކުރި ތަންތަނުގެ ތެރޭގައި ޑީއާރުޕީގެ ކެމްޕޭން ރެލީތަކާއި އެމްޑީޕީ އިއްތިހާދުގެ ކެމްޕޭން ރެލީތައް ހިމެނުނެވެ. އެމްޑީޕީ އިއްތިހާދުގެ ފަރާތުން ޗާޓަރު ފްލައިޓެއްގައި އައްޑޫއަށް ކުރި ދަތުރުގައި އަލްޖަޒީރާގެ ކެމެރާމަނާއި ޕްރޮޑިއުސަރާ އެކު އަޅުގަނޑުވެސް ބައިވެރިވީމެވެ. މިފަހަރު އަލްޖަޒީރާއިން ތައްޔާރުކުރި ޕްރޮގްރާމް ބްރޯޑްކާސްޓްކުރީ 23 އޮކްޓޯބަރު 2008 ގައެވެ. އެޕްރޮގްރާމްގެ ޔޫޓިއުބް ލިންކް ތިރީގައި އެވަނީއެވެ. 


ޕްރޮގްރާމް ރެކޯޑްކުރުމުގެ ތެރޭގައި ނަގާފައިވާ ބައެއް ފޮޓޯ

No comments:

Post a Comment

Your comment is awaiting moderation!