2011-09-14

ހޭޔަންބޯ ރިޕޯޓް: ހުރާގައި ހިނގި ހިތާމަވެރި ހާދިސާ



2011 ސެޕްޓެމްބަރު 9 ވީ ހުކުރު ދުވަހާ ދިވެހީން ކުރިމަތިލީ ހަމަ އާންމު ދުވަހެއްގެ ގޮތުގައި. އުޑުމަތި ސާފު، ވައިމަޑު، އަދި ކަނޑުވެސް މަޑު ދުވަހެއްގެ ގޮތުގައި. ނަމަވެސް، ކުއްލިއަކަށް ކުރިމަތިވި ހާދިސާއަކާ ގުޅިގެން އެދުވަހަކީ ހިތާމަވެރި ދުވަހަކަށް ބަދަލުވެގެން ދިޔަ. ހަމަ އެޔާއެކުހެން އެދުވަހުގެ ނަލަކަންވެސް، ބަނަކަމަށް ބަދަލުވެގެންދިޔަ.....


ހިނގާދިޔަ ހިތާމަވެރި ހާދިސާއަކީ ހިރިޔާ ސްކޫލުގެ ފަރާތުން ހުރައަށްކުރި ދަތުރުގެ ބައިވެރިންނަށް ކުރިމަތިވި ނުރައްކާތެރި ހާދިސާ. މި ހިތާމަވެރި ހާދިސާގެ ޚަބަރު އިވުނު ކޮންމެ ދިވެއްސަކުމެ ކަންބޮޑުވެ ހާސްވި. ފިކުރު ބޮޑުވެ މާޔޫސްވި. ހަމަ އެޔާއެކު އެމީހަކަށް ވެވުނު މިންވަރަކުން އެމީހެއްގެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިން.

މި ކަމުގައި އެންމެ ފުރިހަމަ ނަމޫނާއެއް ދައްކައިދިނީ، އެރަށެއްގައި މިހާދިސާ ހިނގި ހުރާގެ ރައްޔިތުންގެ ފަރާތުން. ހާދިސާގެ ޚަބަރު އިވުމާއެކު މީހުން ސަލާމަތް ކުރުމުގައި އެރަށުގެ މުޅި ރައްޔިތުން ކަހަލަގޮތަކަށް އަމަލީގޮތުން ބައިވެރިވި. އެންމެ ފުރާނައެއް ނަމަވެސް ސަލާމަތްކުރެވޭތޯ ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި އާންމުންގެ ގިނަބަޔަކު މަސައްކަތްކުރި. އެހެންނަމަވެސް ދަތުރުގައި ބައިވެރިވި ބައްތިރީސް ކުދިންގެ ތެރެއިން ހަތަރު ކުއްޖަކާއި ސްކޫލްގެ ޕްރިންސިޕަލް މޫދަށް ގެނބިގެން ނިޔާވި.

މި ހިތާމަވެރި ހާދިސާގެ ޚަބަރު އިވިގެން، އެދުވަހު މާލޭގެ އައިޖީއެމް ހޮސްޕިޓަލަށް ދިޔަ ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެނުނީ މޮޅިވެރިކަމާއި މާޔޫސްކަން. ދޭތެރެ ދޭތެރެއިން ވެހެމުންދިޔަ ވާރެއާއި ތެމިފޯވެގެން ބައެއް މީހުން ހަރަކާތްތެރިވިއިރު ގިނަބައެއްގެ ލޯތައްވެސްވަނީ ކަރުނުން ތެމި ފޯވެފައި. ކޮންމެ މީހެއްގެ ފަރާތުންވެސް ފެނުނީ އެއްބާރުލުން ދިނުމާއި އެހީތެރިވުމުގެ މާތްސިފަ.

މައްޔިތުންނަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރިއިރުވެސް ފެނިގެން ދިޔައީ އާދަޔާ ޚިލާފް އެކުވެރިކަމުގެ ރޫޙެއްގައި، އެމީހުންގެ މޫނު ދުށުމަށް ގިނަބަޔަކު ބޭނުންވި މަންޒަރު. އެމަންޒަރަކީ މިފަހުގެ ތާރީޚްގައި އެންމެގިނަބަޔަކު އެއްތަނަކަށް އެއްވެ ހިމޭންކަމާއި މަޑުމޮޅިކަމާއެކު ގިނަވަގުތުތަކެއް ހޭދަކުރި މަންޒަރު. ކަށުނަމާދާއި ޖަނާޒާގެ ކަންތައް ގިނަބަޔެއްގެ ބައިވެރިވުމާއެކު ކުރިއަށްދިޔައިރު، ދުނިޔެދޫކުރި މީހުންނަށްޓަކައި އެތައް ބައެއްގެ ހިތާއި ދުލުން ހެޔޮ ދުއާކުރަމުން ގެންދިޔަ.

ފަސް ފުރާނައެއް ގެއްލި، ޤައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި އެދުވަސް ދިވެހި ތާރީޚްގެތެރެއަށް ވަދެގެން އެދިޔައީ ދިވެހީންގެ ރިވެތި އުޅުމާއި ގުޅުންވެސް ދައްކުވައިދީފައި. އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެވެސް އޮންނަ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަމުގެ ނަމޫނާ ދައްކުވައިދީފައި. ޚިޔާލާއި ފިކުރުގެ ތަފާތު ތަކާއި ސިޔާސީ ވާދަވެރިކަން އެކަހެރިކޮށް، ޤައުމީ ލޯތްބާއި ދިވެހީންގެ އަޚްވަންތަކަން އަދިވެސް އޭގެ އެންމެ މުނާސަބު ވަގުތުގައި ދައްކުވައިދޭނެކަން ޔަގީންކޮށްދީފައި.

No comments:

Post a Comment

Your comment is awaiting moderation!