ނައިބްރައީސް ޑރ.މުޙައްމަދު ވަހީދު ޙަސަންމަނިކުއާ
އިދިކޮޅު ފަރާތްތައް ގުޅިގެން، ބަގާވާތް ކޮށް ވެރިކަން ބަދަލުކުރުމަށްފަހު
ޖެހިގެން މި އައި ފެބްރުއަރީ 8 ވަނަ ދުވަސް ވެގެން މިދިޔައީ ލޭއޮހޮރުވުމުގެ
ދުވަހަކަށެވެ. ސިޔާސީ އެއްވުންތައް ރޫޅައިލުމުގައި ފުލުހުން ބާރުގެ ބޭނުން
ކުރުމަކީ އާންމު ކަމެކެވެ. ޕެޕަސްޕްރޭ ޖެހުންވެސް މެއެވެ. އެހެންނަމަވެސް އެއްވެސް
ހަމައެއް ލަމައެއްނެތި، މުޒާހަރާގައި ބައިވެރިވި މީހުންނަށް ގަސްތުގައި އަނިޔާ
ދިނުމަށް ފުލުހުން ވަނީ ލާއިންސާނީ އަމަލުތަކެއް ހިންގާފައެވެ.
އެމްޑީޕީގެ 100 ވަނަ ގައުމީ މަޖިލިސް
ދަރުބާރުގޭގައި ބޭއްވުމަށްފަހު، ޖުމްހޫރީ މައިދާނާ ދިމައަށް ވަރަށް ގިނަ
އަދަދެއްގެ ބަޔަކު އައެވެ. ސިފައިންނާއި ފުލުހުން ތައްޔާރީ ހާލަތުގައި
އެސަރަހައްދުގައި ތިބިއިރު އެއްވި މީހުން މަޑުކުރީ ފުލުހުންނާއި ސިފައިންގެ
ސަފުތައް ކުރިމައްޗަށެވެ. އިސާހިތަކު ކަރުނަގޭސް ޖަހާ، ގޮތެއް ފޮތެއް ނުބަލާ
ފުލުހުން އަރައިގަތެވެ. އެތައް ބަޔަކަށް ގަސްތުގައި އަނިޔާކުރިއެވެ. އެތައް
ބައެއްގެ ބޯފަޅައިލިއެވެ. މީހެއްގެ އަތުގެ އިނގިލިތައް ޗިސް ކޮށްލިއެވެ. މާލޭ ސިޓީ
ކައުންސިލް މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށްވެސް
ހިތުހުރި ގޮތެއް ހެދިއެވެ. ބިންމަތީގައި ދެމިއެވެ. ކޮއްޕާ ގަޅުވާ، ބިންމައްޗަށް
ވެއްޓުނީމާ މުގުރުންނާއި ފައިން ތެޅިއެވެ. މަޖިލިސް ދެމެންބަރުން ކަމަށްވާ ރީކޯ
މޫސާ މަނިކާއި މާރިޔާ އަހްމަދުދީދީ ރައީސް ނަޝީދާއެކު ފިހާރައެއްގެ ތެރޭގައި
ތިއްބާ ތަޅަމުން ނެރުނެވެ. އެބޭފުޅުންގެ އަމިއްލަ ދިފާއުގައި އަތްވެސް
ހިއްލައިނުލެވޭނޭހެން ފުލުހުންގެ އެއްބަޔަކު ހިފެހެއްޓިއެވެ. އަނެއްބަޔަކު
ހިތްފުރެންދެން އެބޭފުޅުންނަށް އަނިޔާ ކުރިއެވެ. މިއިން އެއްވެސް ބޭފުޅަކު
ހައްޔަރެއް ނުކުރެއެވެ. ފުލުހުން ހިތްފުރޭވަރަށް އަނިޔާކޮށްފައި ދޫކޮށްލީއެވެ.
ރައީސް ނަޝީދު، އެމީހުންގެ އަތްދަށުން ސަލާމަތްވެވަޑައިގަތީއެވެ. އޭރު
އެމަނިކުފާނުގެވެސް ނިތްކުރި ވަނީ މުގުރުން ޖަހައި ފަޅާލާފައެވެ.
މިއީ ދިވެހި ފުލުހުންގެ ލާއިންސާނީ އަނިޔާވެރިކަން، ދިވެހި ރައްޔިތުންގެ
ކުރިމަތީގައާއި މީޑިއާ ކެމެރާތަކުގެ ކުރިމަތީގައި ދައްކުވައިދިން ދުވަހެކެވެ. މިއީ
ފަހުގެ ތާރީޚްގައި މާލޭގައި ހިނގާދިޔަ އެންމެ އަނިޔާވެރި ދުވަހެވެ.
No comments:
Post a Comment
Your comment is awaiting moderation!