2008-10-29

ދެ ރައީސުން އެކުގައި މީޑިއާގެ ކުރިމައްޗަށް



ދެ ރައީސުން އެކުގައި މީޑިއާއަށް މައުލޫމާތު ދެއްވުމަކީ އާ ކަމެއް ނޫނެވެ. ތަފާތު މުހިންމު ހާލަތްތަކާ ގުޅިގެން އެމަންޒަރު ފެނެއެވެ. އެކަމަކު އެއީކީ ރާއްޖެއަކުން ނޫނެވެ. އަޅުގަނޑު ދުނިޔެއަށް އައި ފަހުން މިފަދަ މަންޒަރެއް ރާއްޖެއިން މި ފެނުނީ ފުރަތަމަ ފަހަރަށެވެ. މި މަންޒަރު ފެނުމާއެކު މިކަން މިއީ ވަރަށް ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވިއްޖެއެވެ. ޚާއްސަވީ ސަބަބަކީ، ބައްދަލުކުރެއްވައި މީޑިއާއަށް މައުލޫމާތު ދެއްވި ދެބޭފުޅުންނަކީ ރައީސް މައުމޫނާއި މުޙައްމަދު ނަޝީދު (އަންނި) ކަމަށްވުމެވެ. 

މައުމޫން ވެރިކަމުގެ ދިގު 30 އަހަރަށް ނަޒަރު ހިންގާލާއިރު، އަންނިއާމެދު ވަނީ ބޭއިންސާފުން އެތައް ކަމެއް ހިންގާފައެވެ. މައުމޫން ސަރުކާރާ ދެކޮޅަށް ޚިޔާލުފާޅުކުރެއްވީތީއެވެ. އެގޮތުގައި ދެމި ހުންނެވީތީއެވެ. މާލޭ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބްވެވަޑައިގެން ސަރުކާރު ޒިންމާދާރުކުރެއްވުމަށް މަސައްކަތް ކުރެއްވީތީއެވެ. ސިޔާސީ ޕާޓީ ނިޒާމް ރާއްޖޭގައި ގާއިމުކުރެއްވުމަށް ބާރު އެޅުއްވީތީއެވެ. އެއްވުންތަކާއި މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަތީތީއެވެ. މިކަންކަމާ ގުޅިގެން އެކި ފަހަރު މަތިން ޖަލުގައި ހައްޔަރުކުރިއެވެ. ހައްޔަރުކުރި ކޮންމެ ފަހަރަކުމެ ނަފްސާނީ ގޮތުން އަނިޔާ ދިނެވެ. ބައެއްފަހަރު ހައްޔަރުކުރުމުގައާއި ހައްޔަރުކޮށްފައި ބެހެއްޓުމުގައި ޖިސްމާނީ އަނިޔާ ދިނެވެ. އޭގެ ތެރެއިން އެއްފަހަރަކު 18 މަސްދުވަސް ވަންދެން ކުޑަގޮޅީގައި އެކަހެރި ބަންދުގައި ބެހެއްޓިއެވެ. ވައްކަމުގެ ބަދުނާމު އެޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ނިގުޅައިގަތެވެ. ހުކުމްކޮށް އަރުވާލިއެވެ. ސަރުކާރުގެ ނިމުމެއްނެތް އަނިޔާވެރިކަމުގެ ސަބަބުން ރާއްޖޭގައި ހުންނެވެން ނެތުމުން އިނގިރޭސިވިލާތަށް އަމިއްލައަށް އަރުވައިލެއްވުނެވެ.

މިފަދަ އެތައް ހިތްދަތި ކަންތައްތަކަށްފަހު، ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބް ކާމިޔާބު އެކުރެއްވީ އެއްކަލަ ގ.ކެނެރީގޭ މުޙައްމަދު ނަޝީދު (އަންނި) އެވެ. އެމަނިކުފާނަށް މަރުހަބާ ދަންނަވައި އެކުގައި ނޫސްކޮންފަރެންސް ދެއްވަން އެހުންނެވީ އަންނިއަށް އެހުރިހާ އަނިޔާއެއް ދިނުމުގެ މުގުލުގައި ހުންނެވި މައުމޫނެވެ.

ސިޔާސީ ގޮތުން ދެ ހަތުރުންނަށް ވިޔަސް، ނޫސްވެރިންގެ ކުރިމަތީގައި ފެނުނީ ވަރަށްވެސް އެކުވެރިކޮށެވެ. އަދި ދެބޭފުޅުންގެ ވާހަކައިންވެސް ފާހަގަވީ ރާއްޖޭގެ ހަމަޖެހުމަށާއި އަމާންކަމަށް އިސްކަންދެއްވާކަމެވެ. މައުމޫން ވިދާޅުވީ އިންތިޚާބްގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށާއި ވެރިކަން ބަދަލުވުމުގެ މަރުހަލާ ނުހަނު އޮމާންކަމާއެކު ކުރިއަށް ދާނެ ކަމަށެވެ. "އަޅުގަނޑު ބޭނުންވަނީ ވަރަށް އޮމާންކޮށް ރީތިކޮށް މިކަން ގެންދާށޭ. އެކަމަށް ވަޒީރުންގެ މަޖިލީހުގެ ހުރިހާ ބޭފުޅުންވެސް ވަރަށްބޮޑަށް ތާއީދުކުރައްވައި ވާހަކަފުޅު ދެއްކެވި، ހުރިހާ ބޭފުޅުންވެސް ބޭނުންފުޅު ވަނީ މި ކޮންސެޝަން ނުވަތަ އެއްބައެއްގެ ކިބައިން އަނެއްބަޔަކަށް ބާރު މިބަދަލުވާ ބަދަލުވުން، ސަރުކާރު ބަދަލުވާ ބަދަލުވުން ވަރަށް ރީތިކޮށް ވަރަށް އޮމާންކޮށް ގެންދަން. ދިވެހިރައްޔިތުންވެސް މިކަން މިގޮތަށް ބަލައިގެންނެވުން. ދެން މިފުރުޞަތުގައި އަޅުގަނޑު، އަޅުގަނޑުގެ ޕާޓީގެ ހުރިހާ މެންބަރުންނަށް، ޑީއާރުޕީގެ ހުރިހާ މެންބަރުންނަށާއި ހަރަކާތްތެރީންނަށް އިލްތިމާސްކުރަނީ ތިހުރިހާ ބޭފުޅުންވެސް ވަރަށް އޮމާންކޮށް ވަރަށް އަމާންކޮށް ރީތިކޮށް ތިއްބެވުމަށް. އެއްވެސް ކަހަލަ ނުރަނގަޅު ކަމެއް ތިޔަ ބޭފުޅުންގެ ފަރާތުން ފެނިގެން ދިޔަ ނުދިނުމަށް."

ރާއްޖޭގެ 4 ވަނަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އިންތިޚާބްވެވަޑައިގެން ހުންނެވި އަންނިގެ ކިބައިން ބަދަލު ހިފުމުގެ ރޫހު އެއްވެސް ވަރަކަށް ނުފެނުނެވެ. އަންނިއާމެދު މައުމޫން ކަންތައް ކުރެއްވިގޮތް ހަނދުމަނައްތާލެއްވި ކަހަލަ އެވެ. ޒާތީ މަސްލަހަތު އިސްކުރެއްވުމުގެ ބަދަލުގައި، ގައުމީ މަސްލަހަތު އިސްކުރެއްވިއެވެ. ކާމިޔާބުގައި ހިތްތިރިކުރުމަށް އިލްތިމާސްކުރެއްވިއެވެ. " އަޅުގަނޑުގެ ނަޒަރުގައި މިރާއްޖެއަށް ޑިމޮކްރަސީ ގެނެވޭނީ، މިރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވޭނީ އަޅުގަނޑުމެން ރައްޔިތުން ރައީސް މައުމޫނާ ގުޅޭގޮތުން ނިންމާ ނިންމުންތަކެއްގެ މައްޗަށް ބިނާކޮށް. އަޅުގަނޑުމެންނަށް ޖެހޭނެ އެހިތްވަރު ހުންނަން. ކާމިޔާބުގައި ހިތްތިރިކުރުމަކީ ކޮންމެހެން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ހަމައެހެންމެ ނާކާމިޔާބުގައި ހިތްވަރުގަދަކުރުމަކީވެސް އަޅުގަނޑުމެންނަށް ލާޒިމްކަމެއް. އަޅުގަނޑު ރާއްޖޭގެ އެންމެ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދޭނީ ރައީސް މައުމޫން ދައްކަވަމުން އެގެންދަވާ ނަމޫނާ އަޅުގަނޑުމެން އެންމެން ބަލައިގަންނަން ޖެހެއޭ."

No comments:

Post a Comment

Your comment is awaiting moderation!