2008-10-10

މިނިވަން ރިޔާސީ އިންތިޚާބް



ރާއްޖޭގައި ޒަމާނުއްސުރެ ކަންހިނގަމުން އައިގޮތަށް ބަލާއިރު، 8 އޮކްޓޯބަރު 2008 ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަކީ އެންމެ މިނިވަން، އަދި އެންމެ ޑިމޮކްރެޓިކް ރިޔާސީ އިންތިޚާބެވެ. އަދި އެ އިންތިޚާބަކީ 18 އަހަރުން މަތީގެ މީހުންނަށް ވޯޓްގައި ބައިވެރިވެވޭގޮތަށް ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބެވެ. ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ގާއިމްކުރުމަށް އެކުލަވާލި ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބެވެ. 

ގިނަ ޕާޓީތަކަށް ބައިވެރިވެވޭގޮތަށް ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބްގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް 6 ބޭފުޅަކު ވާދަކުރެއްވިއެވެ. އެއީ ޑީއާރުޕީގެ ފަރާތުން މއ.ކިނބިގަސްދޮށުގެ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އެމްޑީޕީގެ ފަރާތުން ގ.ކެނެރީގެ މުޙައްމަދު ނަޝީދު (އަންނި)، ޖުމްހޫރީ ޕާޓީގެ ފަރާތުން މ.މާފަންނުވިލާ ޤާސިމް އިބްރާހީމް، އެސްއެލްޕީގެ ފަރާތުން މއ.ބޯގަންވިލާ އިބްރާހީމް އިސްމާޢީލް (އިބްރާ)، އައިޑީޕީގެ ފަރާތުން ހ.ދޮންޖޭމުގެ ޢުމަރު ނަޞީރު އަދި އަމިއްލަގޮތުން ކުރިމަތިލެއްވި ސ.ފޭދޫ ދިއްގާގަސްދޮށުގެ ޑރ.ޙަސަން ސައީދެވެ. 

ނެގި ގުރުއަތުން، ކެންޑިޑޭޓު ނަންބަރު 1 ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީ ގާސިމް އަށެވެ. ޑީއާރުޕީ މައުމޫނަށް 2 ލިބިވަޑައިގެންނެވިއިރު، 3 ލިބިވަޑައިގަތީ އަމިއްލަގޮތުން ކުރިމަތިލެއްވި ޑރ.ހަސަން އަށެވެ. އެމްޑީޕީ އަންނިއަށް 4 ލިބިވަޑައިގެންނެވިއިރު، 5 ލިބިވަޑައިގަތީ އެސްއެލްޕީ އިބްރާ އަށެވެ. އަދި ކެންޑިޑޭޓް ނަންބަރު 6 ލިބިވަޑައިގެންނެވީ އައިޑީޕީ އުމަރަށެވެ. 

ހުރިހާ ވޯޓް ފޮށްޓެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރެއްވީ އޮކްޓޯބަރު 9 ވީ ބުރާސްފަތި ދުވަހު ހަވީރު އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު އިބްރާޙީމް އިއުލާން ކުރެއްވި ވަގުތީ ނަތީޖާ އިން އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު 2 މައުމޫނަށެވެ. ވޯޓްލީ މީހުންގެ ޖުމްލަ 177802 ވޯޓުގެ ތެރެއިން މައުމޫނަށް ލިބިވަޑައިގަތީ 71،774 ވޯޓެވެ. އެއީ 40.61 ޕަސެންޓެވެ. ދެވަނައަށް އެންމެގިނަ ވޯޓް ހޯއްދެވި ކެންޑިޑޭޓް ނަންބަރު 4، އަންނި އަށް ލިބިވަޑައިގަތީ 44،315 ވޯޓެވެ. އެއީ 25.08 ޕަސެންޓެވެ. ކެންޑިޑޭޓް ނަންބަރު 3، ޑރ.ހަސަނަށް 29،656 ވޯޓް ލިބިވަޑައިގެންނެވިއިރު އޭނާގެ ޕަސެންޓަކީ 16.54 އެވެ. ކެންޑިޑޭޓް ނަންބަރު 1، ގާސިމަށް 27،128 ވޯޓް ލިބިވަޑައިގެންނެވިއިރު އޭނާގެ ޕަސެންޓަކީ 15.3 އެވެ. ކެންޑިޑޭޓް ނަންބަރު 6، އުމަރަށް 2472 ވޯޓް ލިބިވަޑައިގެންނެވިއިރު، ކެންޑިޑޭޓް ނަންބަރު 5، އިބްރާއަށް ލިބިވަޑައިގަތީ 1382 ވޯޓެވެ. އުމަރުގެ ޕަސެންޓަކީ 1.4 އެވެ. އިބްރާގެ ޕަސެންޓަކީ 0.78 އެވެ. 

ގިނަ ކެންޑިޑޭޓުންނަށް ވާދަކުރެވޭގޮތަށް ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ ގިނަ އަދަދެއްގެ ބަޔަކު ވޯޓްލިއެވެ. 208252 މީހުންގެ ތެރެއިން 177802 މީހުން ވޯޓްލާފާވާއިރު އެއީ ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ 80 ޕަސެންޓެވެ.

No comments:

Post a Comment

Your comment is awaiting moderation!