2008-10-01

ޤައުމާމެދު ވިސްނަންވެއްޖެ


އެތައްކަމެއް ބަދަލުވެއްޖެއެވެ.
އަމާންކަން ގެއްލި، ނާމާންވެއްޖެއެވެ.
ހިމޭންކަމުގެ މައްޗަށް، ހަލަބޮލިކަން ވެރިވެއްޖެއެވެ.
އުފާވެރިކަމުގެ ކުރިއަށް، ހާސްކަން ނުކުމެއްޖެއެވެ.


ދުއްވާތަކެތި ގިނަވެ، މަގުމަތި ތޮއް ޖެހިއްޖެއެވެ.
ވައްކަމާއި ފޭރުން އާންމުވެ، ބިރުބޮޑުވެއްޖެއެވެ.
މަސްތުވާތަކެތީގެ ވަބާ، ހައްދުން ނެއްޓިއްޖެއެވެ.
މާރާމާރީ ގިނަވެ، އަނިޔާވެރިކަން އާންމުވެއްޖެއެވެ. 


އެކުވެރިކަމާއި ބަދަހިގުޅުން، ދެތަންވެއްޖެއެވެ.
އާއިލީ ކުލުނާއި ގާތްކަން ނެތިއްޖެއެވެ.
އިމާރާތްތައް އުސްވެ، ވައްޓަފާޅި ބަދަލުވެއްޖެއެވެ.
ފަގީރުންނާއި މުއްސަނދީންގެ ތަފާތު ބޮޑުވެއްޖެއެވެ. 


ވިޔަފާރި ގިނަވެ، އަގު އުފުލިއްޖެއެވެ.
ޚިދުމަތް ގިނަވެ، ކިއު ދިގުވެއްޖެއެވެ.
ރައްޔިތުން ބިކަވެ، ދަރަނި ގިނަވެއްޖެއެވެ.
ވިސްނުންތައް ގިނަވެ، ފިކުރު ބޮޑުވެއްޖެއެވެ.


ވެރިކަން ދިގުދެމި، ހިންގުން ބޮއްސުން ހިނގައްޖެއެވެ.
އިސްލާހުގެ ނަމުގައި، އެދުން އިސްކުރެވިއްޖެއެވެ.
ހާސަރު ތަކުރާރުވެ، އުދާސްތައް އުތުރިއްޖެއެވެ.
ދިވެއްސަކަށްވީތީވެ، ދިވެހިޤައުމާމެދު ވިސްނަންވެއްޖެއެވެ.

No comments:

Post a Comment

Your comment is awaiting moderation!