2008-10-03

އަޅުގަނޑުމެންނަށް މިތިބެވުނު ހާލަތާމެދު ވިސްނާލަމާތޯއެވެ


އާބާދީގައި 2000 އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭ އަޅުގަނޑުމެންގެ މިރަށާމެދު ވިސްނާލަމާތޯއެވެ. ރަށުގެ ތަރައްޤީއަށް އެޅިފައިވާ ހުރަސްތަކެވެ. އިޖުތިމާޢީ މައްސަލަތަކެވެ. އިޤްތިޞާދީ ފުރުޞަތުގެ ހަނިކަމެވެ. ދިރިއުޅުމުގެ ދަތިކަމެވެ. މިހުރިހާ ކަމަކާމެދު ވިސްނައި ފިކުރުކުރުމުން އިތުރުވަނީ ހާސްކަމެވެ. މިއަދު މިވަނީ ހާސްކަން ފިލުވާލުމުގެ ފުރުޞަތު ލިބިފައެވެ. އަޅުގަނޑުމެންގެ ޙާލަތު އަޅުގަނޑުމެން އަމިއްލައަށް ބަދަލުކުރުމުގެ ވަގުތު ތަނަވަސް ވެފައެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ނިޔަތް ގަނެ، އަޅުގަނޑުމެންގެ ހާލަތާމެދު ފުންކޮށް ވިސްނާލަމާތޯއެވެ. 

ފަޅުގެ މައްސަލަ:
ވެލިދޫގެ ތަރައްޤީއަށްޓަކައި ކުރެވިފައިހުރި މަސައްކަތްތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް، އެމަސައްކަތްތަކުގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބެނީ ކިހާ މިންވަރަކަށްތޯ މިއީ ސުވާލު އުފެދޭ ކަމެކެވެ. ފުންކުރި ފަޅު އޮތީ ތިލަވެފައެވެ. މާލެދަތުރުކުރާ ވެލިދޫގެ އުޅަނދެއް ނެތްއިރު، ބޭރު ރަށްރަށުން އަންނަ މާލެ ދަތުރުކުރާ ބޯޓް ފަހަރު ވަދެ ނިކުމެ ވުމުގައިވެސް ދަތިތައް ދިމާވެއެވެ. އޮޑިދޯނިފަހަރުގެ ވެރިންގެ އިތުރުން އާންމު ރައްޔިތުންނަށްވެސް މި ދަތިކަން އިހުސާސް ކުރަން ޖެހެއެވެ. ފަޅުގެ ދަތިކަން އިހުސާސް ކުރަމުންދާއިރު ޖެޓީގެ ހާލަތުވެސް އޮތީ އެފަދަ ދަރަޖައެއްގައެވެ. ހަލާކުވެ ފުނޑުފުނޑުވެފައެވެ. ރަށުގެ ބިންގަނޑުން ވެލިގަނޑު ދޫވެ ފަޅުތެރެއަށް ފައިބަނީއެވެ. މިކަމާހުރެ ފަޅަށް ލިބެމުންދަނީ އިތުރު ތިލަކަމެވެ. ޖެޓީ ސަރަހައްދަށް ވެރިވަމުންދަނީ ނުރައްކާތެރިކަމެވެ. ވެލިދޫ ރައްޔިތުންނާއި ވެލިދޫ ފަޅުގެ ބޭނުންކުރާ އެންމެހާ ދަތުރުވެރިން، މިހާލަތު ތަޖުރިބާ ކުރަން މިޖެހެނީ މިކަން ހައްލުކޮށްދިނުމަށްޓަކައި ސަރުކާރުން އެއްވެސްކަމެއް ކޮށް ނުދޭތީއެވެ.

ދަތުރުފަތުރުގެ ދަތިކަން:
ދަތުރުފަތުރުގެ ދަތިކަމަކީ ވެލިދޫގެ ގިނަ އަދަދެއްގެ ރައްޔިތަކަށް ތަޙަންމަލު ކުރަންޖެހިފައިވާ ދަތިކަމެކެވެ. އެއްރަށުން އަނެއް ރަށަކަށް ދާންޖެހޭ ކޮންމެ ހިނދެއްގައި އެތައް ފައިސާއެއް ޚަރަދުކުރަން ޖެހެއެވެ. ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެއަށް ދާންޖެހޭ ހިނދެއްގައި ޖެހެނީ ކޮންމެވެސް ރަށެއްގެ މާލެދަތުރުކުރާ އޮޑިއަކަށް ބަރޯސާ ވާށެވެ. މުހިންމު ބޭނުމެއްޖެހޭ ހިނދު އަތޮޅު ވެރިކަން ކުރާ މަނަދޫ އަށާއި އަތޮޅުގެ އެހެން ރަށަކަށް ދާންޖެހުނަސް ޖެހެނީ ގިނަ މަސައްކަތްތަކެއް ކުރާށެވެ. 

ވެލިދޫގެ ގިނަ ރައްޔިތުންތަކެއް މާލެއާއި އެކި އަތޮޅުތަކުގައި ވަޒީފާ އަދާކުރަމުންދާއިރު، އެމީހުންގެ ޢާއިލާތަކާ އުފެދިފައިވާ ދުރުމިނުގެ ސަބަބަކީ ދަތުރުފަތުރުގެ ދަތިކަމެވެ. އެކަށޭނަ ދަތުރުފަތުރުގެ ނިޒާމެއް ނެތުމުގެ ދަތިކަމެވެ. މިދަތިކަން ހައްލުކޮށްދެވޭނީ ސަރުކާރަށެވެ. އެހެންނަމަވެސް، މި ސަރުކާރުގައި މިފަދަ ވިސްނުމެއްވެސް ނެތެވެ.

ތައުލީމީ ޙާލަތު:
ނ.އަތޮޅު ތައުލީމީ މަރުކަޒު ވެލިދޫގައި ހުރުމަކީ ވެލިދޫގެ ކޮންމެ ރައްޔިތަކުމެ ފަޚުރުވެރިވާނެ ކަމެވެ. އެހެންނަމަވެސް، އެމަރުކަޒުން ތައުލީމް ހާސިލްކޮށްގެން ނުކުންނަ ދަރިވަރުންގެ ފެންވަރު ދަށްވުމަކީ އެއްވެސް ދަރިވަރެއްގެ ބެލެނިވެރިން އެދޭނެ ކަމެއް ނޫނެވެ. ދަރިވަރުންގެ ފެންވަރު ދަށްވުމުގައި ފާހަގަކުރެވެނީ އެކަށޭނަ ފެންވަރުހުރި ޓީޗަރުންނެތުމެވެ. ކިޔަވައިދިނުމާއި އެކަޑަމިކް ހަރަކާތްތަކުގެ ތާވަލްގައި ޒަމާނީ އުސޫލުތަކާއި ތައުލީމީ ކާމިޔާބު ގޮތްތައް ނެތުމެވެ. މިފަދަ ކަންކަން ބަދަލުވެގެންދާނީ އެޑިޔުކޭޝަން މިނިސްޓްރީއާ ހިސާބުންނެވެ. 

އިޤްތިޞާދީ ފުރުޞަތު:
އިޤްތިޞާދީ ގޮތުން ފުދުންތެރިކަން ހޯދުމުގައި ވެލިދޫގެ ރައްޔިތުންނަކީ މިސާލެކެވެ. ސަފަރީ ބޯޓް ބަނދެ، އެބޯޓް އޮޕަރޭޓްކޮށް، އެއިން ނަފާ ހޯދުމުގައި ވެލިދޫގެ ބޯޓް އޯނަރުންނަށްވުރެ ވަކި ޤާބިލް ބަޔަކުނެތެވެ. މިދެންނެވި ޤާބިލްކަން ހޯދުމުގެ ހަގީގަތަކީ ވެލިދުއަށް ނިސްބަތްވި ގިނަބައެއްގެ މަސައްކަތެވެ. ބުރަ ނަމަވެސް، ހިތްވަރާއެކު ކުރި މަސައްކަތެވެ.   އެ މަސައްކަތުގެ ނަތީޖާ މިއަދުވެސް އެދަނީ ވެލިދޫގެ ބިމުން ފެންނަމުންނެވެ. އެހެންނަމަވެސް މިމަސައްކަތަށް އެޅޭ ހުރަސްތަކެއްވެސް އެބަ ހުއްޓެވެ. އެންމެ ބޮޑު އެއް ހުރަހަކީ ވެލިދޫގައި ބޭންކެއް ނެތުމުގެ ހުރަހެވެ. ނ.އަތޮޅަށް ބޭންކެއް ގެނައުމުގެ ވާހަކަތައް ދެކެވި ދިރާސާތައް ކުރެވުނު ހިނދު ބޭންކް އޮފް މޯލްޑިވްސްގެ އިސްވެރިންވެސް ބުރަވީ ވެލިދޫގައި ބޭންކް ހެދުމަށެވެ. ވެލިދޫ ރައްޔިތުންގެ ބޭންކް އެކައުންޓްތައް ގިނަ ވުމުންނާއި ވެލިދޫގައި ރޯލްވާ ފައިސާ ގިނަ ވުމުންނެވެ. އެހެންނަމަވެސް، ސަރުކާރުން ގެންގުޅޭ އުސޫލަކީ އަތޮޅު ވެރިކަން ކުރާ ރަށަށް އިސްކަން ދިނުމެވެ. އެ އުސޫލުގެ ދަށުން، މަނަދޫ ގައި ބޭންކް ގާއިމް ކޮށްފިއެވެ. ވެލިދޫ ރައްޔިތުންނަށް ޖެހިފައި މިވަނީ ބޭންކެއް ނެތުމުގެ ދަތިކަން އިހުސާސް ކުރާށެވެ.

 އިޖުތިމާޢީ ޙާލަތު:
ވެލިދޫގެ އިޖުތިމާޢީ ޙާލަތަކީ ވަރަށްވެސް ދަށް ޙާލަތެކެވެ. މިއީ ވަރަށް ކުރިއްސުރެވެސް ކަންވަމުން އަންނަ ގޮތެވެ. ސަބަބަކީ ތަފާތު ބާވަތުގެ ކުށްވެރިން އަރުވާލުމުގައި ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތެވެ. ބޮޑެތި ކުށްތަކަށް އަރައިގަތް އެތައްބަޔަކުގެ މަންޒިލަކަށް އަޅުގަނޑުމެންގެ މިލޮބުވެތި ވެލިދޫ ހެދުމެވެ. މިއަދު މަސްތުވާތަކެތީގެ ހާއްޔަކަށް ވެލިދޫ ވުމުގެ ފެށުމަކީ މިދެންނެވި ސަބަބެވެ. ނާމާންކަމާއި ނާއިންސާނީ ޢަމަލުތައް ވެލިދޫގައި އާންމުވީވެސް މިދެންނެވި ހިސާބުން ފެށިގެނެވެ. މިއަދު ވެލިދޫގެ ޒުވާނުންގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ކުދިން އެބަ ތިއްބެވެ. އެފަދަ ކުދިންގެ ސަބަބުން ނިކަމެތިކަން ލިބިފައިވާ ޢާއިލާތައް އެބަ ދިރިއުޅެއެވެ. ކޮންމެ ކުއްޖެއްގެވެސް އަދި ކޮންމެ ޢާއިލާއެއްގެވެސް އުންމީދަކަށްވާނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމެވެ. އިސްލާހުވެ، ޒިންމާދާރު މީހެއްގެ ގޮތުގައި ދިރިއުޅުމެވެ. މި އުންމީދު އެފަދަ ކުދިންގެ ހިތުގައި އޮތަސް، މިދުވަސް ދެކެން އެފަދަ އާއިލާތަކުން ބޭނުންވި ނަމަވެސް، މައްސަލަ ހައްލުކޮށްދޭނެ އެކަށޭނަ ފުރުޞަތުތަކެއް ނެތެވެ. މިފަދަ ފުރުޞަތުތައް ފަހިކޮށް، ހިންގައިދިނުމީ ސަރުކާރުގެ ޒިންމާއެކެވެ. އެޒިންމާ އޭގެ ފުރިހަމަ ގޮތުގައި ސަރުކާރުން އަދައެއް ނުކުރައްވައެވެ  

ޞިއްހީ ޙާލަތު:
ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ ކޮންމެ އިންސާނަކަށްމެ ލާޒިމްކަމެވެ. ބަލި ހާލު ޖެހޭ ވަގުތު ފަރުވާ އާ ދިމާއަށް ދާންޖެހެނީ އެހެންވެއެވެ. ވެލިދޫގެ ރައްޔިތަކު ބަލި ވެއްޖެނަމަ ހުރީ ރަށުގައި ހުރި ޞިއްހީ މަރުކަޒެވެ. ތަނެއް ނެތުމަށްވުރެ، މިތަން ހުރުން ރަނގަޅެވެ. އެހެންނަމަވެސް، އެކަށޭނަ ފަރުވާ ލިބޭނެ ފުރުޞަތާއި މުހިންމު ޓެސްޓްތައް ހެދުމަށް ބޭނުންވާ ވަޞީލަތްތަކެއް ނެތެވެ. ބޮޑު ކަމެއް ދިމާވާއިރު، އަރައިފުރައިގެން ދާންޖެހެނީ އެހެން ކޮންމެވެސް އަތޮޅެއްގެ އެހެން ކޮންމެވެސް ރަށަކަށެވެ. މިފަދަ ސިއްހީ ހާލަތަކުން ބަލިމީހާގެ ޙާލަތު އިތުރަށް ގޯސްވުން ފިޔަވާ ވާނެކަމެއް ނެތެވެ. މި އުސޫލާއި މި ޙާލަތު ބަދަލުކުރަންޖެހެއެވެ.

ގޮވަތި ގެދޮރާއި ބޯހިޔާވަހިކަން:
ވެލިދޫގެ ބިން ވަނީ ފުރެން ކައިރިވެފައެވެ. މިހާރުވެސް، ރަށު އޮފީހަށް ގޯއްޗަށް އެދި ސިޓީ ލާފައި ތިބި މީހުންނަށްވުރެ ގޯތި ދޭންއޮތް ބިންކޮޅު ކުޑައެވެ. ނަތީޖާއަކަށްވާނީ އެއްބަޔަކަށް ގޯތި ލިބި، އަނެއްބަޔަކަށް ގޯތި ނުލިބުމެވެ. ހައްލަކީ، ފަޅުހިއްކުމެވެ. ރަށަށް ބިން އިތުރުކުރުމެވެ. ތޮއްޖެހިފައިވާ މާހައުލުގެ ތަޖުރިބާ ކުރަންޖެހުމުގެ ކުރިން، ވެލިދޫގެ އުތުރުފަރާތާއި ހުޅަނގުފަރާތުން ހިއްކެން އޮތް ސަރަޙައްދު ހިއްކަންޖެހެއެވެ. ވެލިދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބެން ޖެހެއެވެ. މިއީ ސަރުކާރުން ކޮށްދޭންޖެހޭ ކަމެކެވެ. ސަރުކާރުގެ ޒިންމާއެކެވެ. 

ގޯތި ލިބިފައިވާ މީހުންނަށް ގެދޮރު ޢިމާރާތް ކުރެވޭނެ ގޮތެއް ނެތުން އެއީވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ވެލިދޫގެ ބިން ފުރިފައިވާ ވާހަކަދައްކާއިރު، ދީފައިހުރި ގެވަޅުތަކުގައި ޢިމާރާތެއް ނުކުރާ ގެވަޅުތައް ގިނަވުމަކީ ސުވާލު އުފެދޭ ކަމެކެވެ. ސުވާލުގެ ޖަވާބަކީ ގެދޮރު އެޅުމަށް ފައިސާ ނެތުމެވެ. އެފަދަ ކަމަކަށް ފައިސާ ލިބޭނެ ފަސޭހަ ފުރުޞަތުވެސް ނެތުމެވެ. ލުއި ލޯނު ލިބޭނޭ މަގު ތަނަވަސް ވެފައި ނެތުމެވެ. ތަނަވަސްކަންނެތް މީހުން ގެދޮރު ޢިމާރާތްކުރުމަށްޓަކައި ލުއި ލޯނު ލިބޭނެ ނިޒާމެއް ތަޢާރަފު ކުރާނެކަމުގެ ވާހަކަ ސަރުކާރުން އާންމުކުރިއެވެ. ބައެއް ރަށްރަށުގެ ރައްޔިތުންނަށް ލޯނު ލިބުނެވެ. ނ.އަތޮޅުން ލޯނު ލިބުނީ މާފަރާއި މަނަދޫގެ ރައްޔިތުންނަށެވެ. ވެލިދޫ އޮތީ ލޯނު ލިބޭ ލިސްޓުގައި ނުހިމަނައެވެ. ވެލިދޫގެ ރައްޔިތުންގެތެރޭގައި ތަނަވަސްކަންނެތުމުގެ ސަބަބުން ގެދޮރުއިމާރާތްކުރެވޭނެފަދަ ނެތް މީހުން ތިއްބަސް އެފަދަ ފުރުޞަތެއް ނެތެވެ. މިއީ ވެލިދޫގެ ރައްޔިތުންނާމެދު ސަރުކާރުގެ އިހުމާލުވުން ދޭހަކޮށްދޭ ފުރިހަމަ މިސާލެކެވެ.

ހާލަތު ބަދަލުކުރުމުގެ ޚިޔާލާތު:
އަޅުގަނޑުމެންގެ ޙާލަތާމެދު ފުންކޮށް ވިސްނާލެވިއްޖެ ނޫންތޯއެވެ. ކުރިމަތިވެފައިވާ ދަތިތަކާއި މައްސަލަތައް ބައިވަރެވެ. އެފަދަ ކަންތައްތަކަކީ ރައްޔިތުންނަށް ބަދަލުކުރެވޭނެ ކަންތައްތަކެއް ނޫނެވެ. ރައްޔިތުންނަށް ކުރެވޭނެވަރު ރައްޔިތުން ވަނީ ކޮށްފައެވެ. އަތޮޅު ތައުލީމީ މަރުކަޒު އިމާރާތްކުރީ ރައްޔިތުންގެ މަސައްކަތުންނެވެ. ކޯޓު އިމާރާތް ކުރީ ރައްޔިތުންގެ މަސައްކަތުންނެވެ. ހެލްތު ޕޯސްޓް ބިނާކުރީ ރައްޔިތުންގެ މަސައްކަތުންނެވެ. މީގެ އިތުރުންވެސް، ރަށުގެ ތަރައްޤީއަށްޓަކައި ކުރެވިފައިވާ ގިނަގުނަ މަސައްކަތްތައް ކޮށްފައިވަނީ ސަރުކާރުގެ އެހީގައި ރައްޔިތުންގެ މަސައްކަތުންނެވެ. 

މިއަދު ވެލިދޫ އަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ރައްޔިތުންނަށް އަދާކުރެވޭނެ ދައުރެއް ނެތެވެ. އެފަދަ މައްސަލަތައް ހައްލުކޮށްދެވޭނީ ސަރުކާރަށެވެ. އަދުގެ ސަކުރާރުން ވެލިދޫ އާއި ވެލިދޫގެ ރައްޔިތުންނާމެދު ވެފައިވާ އިޙުމާލުވުން މިއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. ސަރުކާރަކުން ރައްޔިތުނަށް ތަނަވަސް ކޮށްދިނުން ލާޒިމުކުރާ ފުރުޞަތުތައް ތަނަވަސް ވެފައެއްނެތެވެ. ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތައް ފުރިހަމަ ގޮތުގައި ކޮށްދީފައެއް ނެތެވެ. ލިބިދޭންޖެހޭ ޚިދުމަތްތައް އަދާކޮށްދީފައެއް ނުވެއެވެ. މިފަދަ ސަރުކާރެއް ދެމެހެއްޓުމަށާއި ބަދަލުކުރުމަށް ގޮތެއް ކަނޑައެޅުމުގެ ވަގުތު މިވަނީ ކުޑަތަން ވެފައެވެ. މި ސަރުކާރު ދެމެހެއްޓުމަށް ކުޑަވެސް ފުރުޞަތުތެއް ދީގެން ވާކަށް ނެތެވެ. ރިޔާސީ އިންތިޚާބަކީ އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރުމުގެ ތަނަވަސް ފުރުޞަތެވެ. ޤާނޫނީ ގޮތުން ސަރުކާރު ނިމުމަކަށް ގެނައުމަށް ލިބޭ ދަނޑިވަޅެވެ. މިކަން ވިސްނަވައިގެން ވޯޓް ދެއްވަމާތޯއެވެ.
"ކަލާނގެ ސަފުން ބަދަލު ނުކުރައްވަތޭ އެބައެއްގެ ޙާލަތު،
                  ނުވާނަމަ ބައެއްގެ މެދުގައި، ޙާލަތު ބަދަލުކުރުމުގެ ޚިޔާލާތެއް"

No comments:

Post a Comment

Your comment is awaiting moderation!