އުމުރުން ދުވަސްވީ މީހުންނަށް ނުވަތަ 65 އަހަރުން މަތީ މީހުންނަށް
ދައުލަތުންދޭ އިނާޔަތާ ގުޅޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. ރައީސް
މައުމޫނަށް ތާއީދުކުރާ މީހުން ބުނާގޮތުން އެ އިނާޔަތް ހަމަޖެއްސެވީ ރައީސް
މައުމޫނެވެ. އިނާޔަތް ދެއްވަން ނުފެއްޓެވި އުޅުއްވަނިކޮށް އެމަނިކުފާނުގެ ވެރިކަން
ނިމުމަކަށް އައީ އެވެ. އަނެއްބަޔަކު
ދެކޭގޮތުގައި އެ އިނާޔަތް ދޭންފެށީ އެކަން ކުރުމަށް ލާޒިމްކޮށް ރައްޔިތުންގެ
މަޖިލީހުން ފާސްކުރި ޤާނޫނެއްގެ ސަބަބުންނެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ
ތެރޭގައި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވީ، އެ އިނާޔަތަކީ ވަކި
މީހަކު ދޭންފެށި އެއްޗެއް ނޫންކަމަށާއި އެކަން އެގޮތަށް ކުރުމަކީ ޤާނޫނުއަސާސީން
ލާޒިމްކުރާ ކަމެއް ކަމަށެވެ. މި ދެންނެވި ތިންގޮތަށް އެކި މީހުންގެ ވާހަކަ
ހުރިނަމަވެސް ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ރައީސް ނަޝީދުގެ ސަރުކާރުން
ޚުދު އެމަނިކުފާނު ހަމަޖައްސަވައިދެއްވި އިނާޔަތެކެވެ.
ކަންހިނގި ގޮތުގެ ހަގީގަތަކީވެސް ފަހުން މިދެންނެވި ގޮތެވެ. އުމުރުން
ދުވަސްވީ މީހުންނަށް ނުވަތަ 65 އަހަރުން މަތީ މީހުންނަށް ދައުލަތުން އިނާޔަތް
ދިނުމުގެ ވާހަކަ އާންމުތަނެއްގައި ފުރަތަމަ ފަހަރަށް ވިދާޅުވީ 2008 ވަނަ އަހަރުގެ
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް ނަޝީދެވެ. އެކަމާ ދެކޮޅަށް އޭރު ވާހަކަ
ދެއްކެވި ބޭފުޅުން ވިދާޅުވީ އެއީ ކުރެވޭނެ ކަމެއް ނޫންކަމަށާއި އެއްވެސް
ގައުމެއްގައި ސަރުކާރުން ފައިސާ ނުބަހާ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ދައުލަތުގެ
ފައިސާ ޚަރަދުކުރަން ނުވާނެ ކަމަށެވެ. އެފައިސާ އެގޮތަށް ޚަރަދުކުރުމަށް ހޯދޭނެ
ގޮތެއްވެސް ނެތް ކަމަށެވެ. އެފަދަ ބޭފުޅުންގެ ހާސަރުތަކުގެ ޖަވާބަކަށް ރައީސް
ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ކަންކަމަށް ހިނގާ ޚަރަދު ކުޑަކުރައްވާނެ
ކަމަށާއި ދުވަސްވީ މީހުންނަށް އިނާޔަތް ދެއްވާނީ ރައީސްގެ ޚަރަދުތައް ކުޑަކޮށް،
ބާކީކުރާ ފައިސާއިން ކަމަށެވެ.
65 އަހަރުން މަތީގެ މީހުންނަށް އިނާޔަތް ދެއްވާނެކަން ރައީސް ނަޝީދު،
ރަސްމީގޮތުން ހާމަކުރެއްވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު
ކާމިޔާބުކުރެއްވުމަށްފަހުއެވެ. ހުވާކުރެއްވުމާ ދޭތެރޭގައި ހިނގާދިޔަ
ދުވަސްތަކުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ. 2008
ނޮވެމްބަރ 9 ވަނަ ދުވަހު ހިލާލީގޭގައި އޮތް ބައްދަލުވުމުގައެވެ. އެ ބައްދަލުވުމަކީ
އެމްޑީޕީގެ ސިއްހަތާ ބެހޭ ވައުދު ފުއްދުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން
މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި
ބައިވެރިވެވަޑައިގަތީ ރައީސް ނަޝީދުއާއި އެމްޑީޕީގެ އޭރުގެ ޝެޑޯ ހެލްތު މިނިސްޓަރ
(އެމްޑީޕީ ސަރުކާރުގެ ހެލްތު މިނިސްޓަރ) ޑރ.އާމިނަތު ޖަމީލުއެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 2009 ޖެނުއަރީ
މަހުން ފެށިގެން 65 އަހަރުން މަތީގެ މީހުންނަށް ޕެންޝަނުގެ ގޮތުގައި 2000 ރުފިޔާ
ދިނުމަށް ނިންމާފައިވާކަމަށެވެ. "ޔަގީންކަމާއެކު ފުއްދައި ދެވޭނެކަމަށް
މިވަގުތު ދެންނެވޭނެ ވާހަކައެއް އެބައޮތް. އަޅުގަނޑު އުފަލާއެކު އެވާހަކަ
ދަންނަވާލަން ބޭނުން. އިރާދަކުރެއްވިއްޔާ އަންނަ ޖެނުއަރީ އެއްވަނަ ދުވަހުން
ފެށިގެން މިރާއްޖޭގައި 65 އަހަރު ފުރިފައިވާ ކޮންމެ އަންހެނަކަށްވެސް އަދި
ފިރިހެނަކަށްވެސް، ކޮންމެ މީހަކަށްވެސް ދެހާހެއް ރުފިޔާގެ ޕެންޝަނެއް
އަރުވާނަން." މީގެ އިތުރުންވެސް "ބޭސް ސިޓީއަށް ސަލާންޖަހަން ނުޖެހޭނެ
އިންތިޒާމެއް ހަމަޖައްސަވައި ދެވޭނެ" ކަމަށާއި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު
ބޭސްފަރުވާ ކުރެވޭނެ ހެލްތު އިންސްއަރެންސް ސްކީމެއް ތައާރަފްކޮށްދެއްވާނެކަމަށް
ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މިވިދާޅުވުމާ އެއްގޮތަށް 65 އަހަރުން މަތީ މީހުންނަށް
އިނާޔަތް ދެއްވަން ފެއްޓެވީ 2009 ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. ރައީސް
މައުމޫންގެ ކުރައްވަން ބޭނުންފުޅުވި ކަމެއް ނަމަ، އެކަން ކުރެއްވުމަށް ތިރީސް
އަހަރު މަދެއް ނޫނެވެ. ޤާސިމް އިބްރާހީމް ވިދާޅުވިގޮތަށް އާ ޤާނޫނުއަސާސީ ލާޒިމް
ކުރާނަމަ، އެކަން ކުރަން ފަށަންޖެހޭނީ 2008 އޯގަސްޓް 7 ގައެވެ. ޤާނޫނުއަސާސީ
ތަސްދީގުކޮށް އަމަލުކުރަން ފެށީ 7 އޯގަސްޓްގައެވެ.
އިނާޔަތް ދޭން ފެށީ އެކަމަށް އެއްވެސް ގާނޫނެއް ހެދިފައި ނެތީހެވެ. އެހެނަސް،
މިއަދު އެ އިނާޔަތް އެދެވެނީ، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 11 ވަނަ
މާއްދާގެ (ޅ) ގެ ދަށުންނެވެ. އެޤާނޫނު
ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރީ 2009 މެއި 13 ގައެވެ.
ދުވަސްވީ މީހުނަށް ދައުލަތުންދޭ
އިނާޔަތަކީ މިއަދު އެންމެންވެސް އެކަމަށް ތާއީދުކުރާ ކަމެކެވެ. އަދި އެފައިސާ ލިބޭ
މީހުން އެކަމަށްޓަކައި ނުހަނު ޝުކުރުކުރާ ކަމެކެވެ. ހަމަ އެޔާއެކު އެކަން ތައާރަފް
ކުރިކަމުގެ ރީތި ނަން ލިބިގަތުމަށްޓަކައި ސިޔާސީ ލީޑަރުންނާއި އެބޭފުޅުންގެ
ސަޕޯޓަރުން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކާ ކަމެކެވެ. އެހެންނަމަވެސް އެ ޚިޔާލު އުފެއްދި
ޕާޓީއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެ އިނާޔަތް
ރައްޔިތުންނާ ހަމައަށް ލިބިދިން ވެރިޔަކީ ދިވެހިޖުމްހޫރިއްޔާގެ ހަތަރުވަނަ ރައީސް
މުޙައްމަދު ނަޝީދެވެ.
No comments:
Post a Comment
Your comment is awaiting moderation!