2012
ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެރެއަކީ މުޅި ރާއްޖެއަށް ސިހުން
ގެނުވި ރެއެކެވެ. މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު
ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް އަލީ ވަރަށް އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލި
ދުވަހެވެ. އެހާދިސާއަށް މިއަދަށް މިވީ އެއް އަހަރެވެ. ރަހުމްކުޑަ އެހާދިސާއަށް
އަހަރު ދުވަސް ފާއިތުވެގެން ދިޔައިރުވެސް، ޑރ.އަފްރާޝީމްގެ ގާތިލަކީ ނުވަތަ
ގާތިލުންނަކީ ކޮބައިކަން ހޯދިފައެއް ނުވެއެވެ.
ޑރ.އަފްރާޝީމް
އަވަހާރަކޮށްލުމާއެކު އެކަމަކީ ސިޔާސީ ކަމެއްގެ ގޮތުގައި ދައްކަން ފުލުހުންގެ
އިދާރާއިން ނާއި ސަރުކާރުން މަސައްކަތް ކުރިއެވެ. އަދި ސަރުކާރަށް ނިސްބަތްވާ
ޕާޓީތަކުގެ އިސްވެރިންވެސް ޑރ.އަފްރާޝީމްގެ މަރުގެ ތުހުމަތު އެމްޑީޕީގެ
އިސްވެރިންނަށް ކުރިއެވެ. އެހެންނަމަވެސް ތަހުގީގުތައް ނިމި ޝަރީޢަތް ވަކި
ހިސާބަކަށްގޮސް މިހާރު ހުއްޓިފައިވާއިރު، ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ވަނީ
ކުރިމަތިވެފައެވެ.
މިހާހިސާބުން،
ޑރ.އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއާ ގުޅޭގޮތުން ބައެއް ބޭފުޅުންގެ ބަސްމަގު
ހުރިގޮތް ފާހަގަ ކޮށްލަމެވެ. 2012 ނޮވެމްބަރު 15 ދުވަހުގެރޭ ރ.އުނގޫފާރު
ރައްޔިތުންނާ މުޚާތަބްކުރައްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު
ވަހީދު ޙަސަން ވިދާޅުވީ، ޑރ.އަފްރާޝީމްގެ މަރުގެ ތަހުގީގް ދަނީ ރަނގަޅަށް ކަމަށާއިވަރަށް ބޮޑަތި ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށެވެ. އަދި ކުރިއަށް އޮތް މަދު
ދުވަސްކޮޅެއްގެ ތެރޭގައި އެތަފްސީލުތައް ފުލުހުންގެ ފަރާތުން ހާމަކުރާނެ ކަމަށެވެ.
2012 ނޮވެމްބަރު 23 ވަނަ ދުވަހު ކ.ތުލުސްދޫގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަ
ދައްކަވަމުން އޭރުގެ ހޯމް މިނިސްޓަރ ޑރ.މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޑރ.އަފްރާޝީމްގެ ގާތިލް ހޯދިއްޖެ ކަމަށާއި އެމަރުގެ ފަހަތުގައި ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ފެންނަން އެބަ ހުރި ކަމަށެވެ. 2012 ނޮވެމްބަރ 24 ދުވަހުގެރޭ ކުރީގެ
ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވީ
ޑރ.އަފްރާޝީމް އަވަހާރަކޮށްލިތާ ދޮޅު މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ސަރުކާރުން އަދިވެސް ބުނަމުން ދަނީ
އެކަން ކުރި މީހަކު މުނާސަބު ވަގުތުގައި
ހާމަކުރާނެ ކަމަށް ކަމަށާއި މުނާސަބު ވަގުތު ކަމަށް ސަރުކާރުން ދެކި، އެކަން އިއުލާންކުރާނީ އަންނަ މަހު1
ގައި އޮންނަ އެ ދާއިރާގެ އިންތިހާބު ބާއްވަން ވަގުތު ކުޑަތަންވުމުން ކަމަށެވެ.
އަދި ލަފާކުރެވޭގޮތުން އެކަން އަޅުވަނީ އެމްޑީޕީ މީހެއްގެ ބޮލުގައި ކަމަށްވެސް
ރައީސް ނަޝީދު ވިދާޅުވިއެވެ.
ޑރ.އަފްރާޝީމް
މަރުގެ ތަފްސީލް ހާމަކުރާނީ އުނގޫފާރު ދާއިރާގެ ބައިއިލެކްޝަނަށް ފަހު ކަމަށް
ފުލުހުން ހާމަކުރިއެވެ. 2012 ޑިސެމްބަރު 1 ގައި އޮތް ބައިއިލެކްޝަން ކާމިޔާބު
ކުރެއްވީ ޑރ.އަފްރާޝީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އިބްރާހީމް އަމީން އެވެ.
ޖެހިގެން އައި ދުވަހު ޑރ.އަފްރާޝީމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިހުރި
އެމްޑީޕީގެ އެކްޓިވިސްޓް ސްމިތު ދޫކޮށްލިއެވެ. މިމައްސަލައިގެ ތުހުމަތުގައި
ހައްޔަރުކުރި އެމްޑީޕީގެ އަނެއް އެކްޓިވިސްޓް މަރިޔަމް ނާއިފާ އޭގެ ކުރިން ވަނީ
ދޫކޮށްލާފައެވެ. މިދެމީހުންގެ މައްޗަށް ދައުވާއެއް ނުކުރެއެވެ.
ޑރ.އަފްރާޝީމް
އަވަހާރަކޮށްލި މައްސަލައިގެ ތަފްސީލް ފުލުސް އޮފީހުން ހާމަކުރީ 2012 ޑިސެމްބަރު 4
ގައެވެ. މައުލޫމާތު ހާމަކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވީޑރ. އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށާއި އެކަން ކުރުމަށް ހަތަރު މިލިއަން ރުފިޔާ
ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ މީހެއްގެ ވަނަވަރު ހާމަކޮށް،
އެއީ ސިޔާސީ ބަޔަކު ފަންޑުކޮށްގެން ކުށްތައް ކުރުވާ ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ބައެއް ކަމަށް ވިދާޅުވިއެވެ. މި މައްސަލައިގައި
ތުހުމަތުކުރާ ދެމީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެއޮފީހަށް ފޮނުވީ 2012 ޑިސެމްބަރު 10 ގައެވެ. މި ދައުވާގެ ޝަރީއަތުގެ ފުރަތަމަ
އަޑުއެހުން އޮތީ 2013 ޖެނުއަރީ 20 ވަނަ ދުވަހުއެވެ. އެދުވަހުގެ ޝަރީއަތުގެ
މަޖިލީހުގައި، ދައުވާ ލިބޭ ހ.ލޮބީ ހުސައިން ހުމާމް ދައުވާއަށް އިންކާރުކުރިއެވެ.އެހެންނަމަވެސް ޝަރީއަތުގެ ދެވަނަ އަޑުއެހުން އޮތް ދުވަހު، 2013 މެއި 22 ވަނަ
ދުވަހު، ދައުވާއަށް އެއްބަސްވިއެވެ. އެދުވަހު އޮތް ޝަރީޢަތުގެ މަޖިލީހުގައި ހުމާމް
ފުލުހުންނަށް ދީފައި އޮތް ބަޔާންވެސް އިއްވިއެވެ. އޭގެފަހުން 2013 ޖޫން 1 ގައި
އޮތް ޝަރީއަތުގެ މަޖިލީހުގައި އަނެއްކާވެސް ދައުވާއަށް އިންކާރުކުރިއެވެ.
ޑރ.އަފްރާޝީމް
އަވަހާރަކޮށްލުމުގައި ހުމާމްއާއެކު ބައިވެރިވިކަމަށް ފުލުހުން ތުހުމަތުކޮށް
ޕީޖީއަށް މައްސަލަ ފޮނުވި އަނެއް މީހަކީ ހ.ހިކޯސްޓް އަލީ ޝާން އެވެ. އޭނާގެ
ޝަރީއަތް 2013 ޖުލައި 18 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކުރުމަށްފަހު ކެންސަލްކުރީޕީޖީން އެދިގެންނެވެ.
ހުމާމްގެ
ޝަރީއަތް ބާއްވަން އެންމެފަހުން ކަނޑައެޅީ، 2013 އޮގަސްޓް 4 ގައެވެ.
އެހެންނަމަވެސް ޖަލުގައި ހައްޔަރުކޮށްފައިހުރި ހުމާމް އެދުވަހު ޝަރީޢަތަށް
ހާޒިރެއް ނުކުރެއެވެ. ޝަރީއަތް ކެންސަލްކުރީއެވެ.
ޑރ.އަފްރާޝީމް
އަވަހާރަކޮށްލިތާ އަހަރެއް ފާއިތުވެގެންދާއިރު، އަދިވެސް މިވަނީ އެކަން ކުރި
ގާތިލެއް ނުވަތަ އެކަމުގައި ބައިވެރިވި މީހުންނަކީ ކޮބައިކަން ކަނޑައަޅަން
އުނދަގޫވެފައެވެ. ޝަރީއަތްވެސް މިހާރު އޮތީ ހުއްޓިފައެވެ. މިހެން އޮއްވާ ގިނަ
ބަޔަކު ސިއްސުވާލީ ހުމާމްގެ އޯޑިއޯ އެއް އިންޓަނެޓްގައި ލީކްކޮށްލުމުންނެވެ. އެ
އޯޑިއޯގައި ވަރަށް ތަފްސީލުކޮށް އޭނާ ވާހަކަ ދައްކާފައި ވެއެވެ. ޑރ.އަފްރާޝީމް
މަރާލުމުގައި އެއްވެސް ވަރަކަށް އޭނާ ބައިވެރި ނުވާކަމަށާއި އޭނާއަށް
އެތުހުމަތުކޮށް ފުލުހުން ބޭނުންވަނީ ވަކި ބައެއްގެ ބޮލުގައި އެކަން ކުރިކަމުގެ
އިލްޒާމު އަޅުވަން ކަމަށްވެސް ބުނެފައި ވެއެވެ. ހުމާމްގެ މި އޯޑިއޯ އާ ގުޅޭގޮތުން
ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ސިޔާސީ މީހުން
އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތުކޮށް ޑރ.އަފްރާޝީމްގެ މަރާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކައެވެ. ސިޔާސީ މަންފާތައް ހާސިލްކުރުމަށްޓަކައި ކުރާ ތުހުމަތުތަކެއްގެ ބަދަލުގައި ހަގީގީ ގާތިލު
ހޯދަން ޖެހެއެވެ. އެކަން ކުރަން ރާވައި ހިންގި ބަޔަކު ޝަރީއަތުގެ
ކުރިމައްޗަށް ގެންނާން ޖެހެއެވެ. ޑރ.އަފްރާޝީމްގެ އާއިލާއަށް އިންސާފް
ލިބިދޭން ޖެހެއެވެ.
No comments:
Post a Comment
Your comment is awaiting moderation!