2013-09-07

ރިޔާސީ އިންތިޚާބް، މައުމޫނާ ނުލާ



ރާއްޖޭގެ ފަހުގެ ތާރީޚަށް ބަލާއިރު ރިޔާސީ އިންތިޚާބްގެ ވޯޓް ކަރުދާސްކޮޅުގައި އެއް ނަމެއް އޮވެއެވެ. މއ.ކިނބިގަސްދޮށުގެ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ގެ ނަމެވެ. އެނަން ވޯޓް ކަރުދާސްކޮޅަށް އައީ މީގެ ތިރީސް ފަސް އަހަރު ކުރިންނެވެ. 1978 ވަނަ އަހަރު އެވެ.

1968 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަމަލުކުރަމުން އައި ޤާނޫނުއަސާސީގައި އޮތްގޮތުން، ކުރިއަށް އޮންނަ ފަސް އަހަރު ދުވަހު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާނެ ބޭފުޅަކު ކަނޑައަޅުއްވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެހެންކަމާއެކު، ކަންކުރަމުން އައި އުސޫލަކީ؛ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުން، އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ނަމެއް ލިޔުއްވުމަށްފަހު ފޮއްޓަކަށް ވައްޓަވާލައްވަނީއެވެ. އެންމެ ގިނަ މެންބަރުން ލިޔުއްވާފައި އޮންނަ ނަމަކަށް، މަޖިލީހުގެ އަގުލަބިއްޔަތު ލިބުނީ ކަމަށް ބަލައި، އެބޭފުޅަކަށް އެކަން އަންގަނީއެވެ. ދެން އެބޭފުޅަކު ރައީސުލްޖުމްހޫރިއްޔާކަން ގަބޫލުކުރެއްވިކަން ރައްޔިތުންގެ މަޖިލީހަށް އެންގެވުމުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބް ކުރަނީއެވެ.


މައުމޫން ޢަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ފުރަތަމަ ފަހަރަށް އިންތިޚާބް ކުރެވުނީ މިދެންނެވި އުސޫލުގެ މަތިންނެވެ. އަދި އޭގެ ފަހުން އައި 3 ދައުރުވެސް (1983، 1988، 1993 - ޖުމްލަ 20 އަހަރު) މައުމޫން ރައީސްކަމަށް އިންތިޚާބްވެވަޑައިގަތީ ހަމަ މި އުސޫލުންނެވެ. ރައްޔިތުން ގޮތެއް ނިންމުމަށް އޮންނަ ވޯޓް ކަރުދާސްކޮޅުގައި އޮންނަނީ ކުރިއަށް އޮތް 5 އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހުންނަވަން ފެނޭތޯ ނުވަތަ ނޫންތޯއެވެ. ރައްޔިތުންނަށް އޮންނަ ފުރުސަތަކީ އާއެކޭ ނުވަތަ ނޫނެކޭ ބުނުމެވެ.

އިސްލާޙުކުރުމަށްޓަކައި 17 އަހަރު ހޭދަވި ނޫ ގާނޫނުއަސާސީ (1997 ނޮވެމްބަރު 6 ގައި ތަސްދީގުކޮށް 1998 ކުން ފެށިގެން އަމަލުކުރަންފެށި) ގައިވެސް ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ އުސޫލަށް މާބޮޑު ބަދަލެއް ނާދެއެވެ. އައި ހަމައެކަނި ބަދަލަކީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އާންމުކޮށް ފުރުސަތު ހުޅުވާލުމެވެ. އޭރުން ޝަރުތު ހަމަވާ ކޮންމެ މީހަކަށްމެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތި ލެވެއެވެ. ކުރިމަތިލައްވާ އެންމެ ބޭފުޅުންގެ ނަންތައް ހުށަހެޅެނީ ރައްޔިތުންގެ މަޖިލީހަށެވެ. ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ހަމަ ކުރިންވެސް އަމަލުކުރެވުނު ގޮތަށް، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވަން ފެންނަ ބޭފުޅަކު ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.  މި އުސޫލުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މައުމޫން ޢަބްދުލްޤައްޔޫމް، 2 ދައުރު (1998، 2003 - ޖުމްލަ 10 އަހަރު) އިންތިޚާބްވެވަޑައިގަތެވެ. ރައްޔިތުން ގޮތެއް ނިންމުމަށް އޮތް ވޯޓް ކަރުދާސްކޮޅުގައި އޮތީ ކުރިއަށް އޮތް 5 އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހުންނަވަން ފެނޭތޯ ނުވަތަ ނޫންތޯއެވެ. ރައްޔިތުންނަށް އޮތީ އާއެކޭ ނުވަތަ ނޫނެކޭ ބުނުމެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ (ފެހި ގާނޫނުއަސާސީ) ގައި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމުގެ ހުރިހާ ބާރެއް ލިބިދީފައިވަނީ ރައްޔިތުންނަށެވެ. ރައީސްކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެ ރައްޔިތަކަށް ފެންނަ ބޭފުޅަކަށް ވޯޓް ދެއްވަންވީއެވެ. މި އުސޫލުގެ މަތިން ފުރަތަމަ ބޭއްވި އިންތިޚާބަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެވެ. އެ އިންތިޚާބަކީ ގިނަ ޕާޓީތަކަށް ވާދަކުރެވޭގޮތަށް ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބެވެ.  ކަން ހިނގަމުންއައި އުސޫލާއި ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް އައިނަމަވެސް، އެފަހަރުގެ އިންތިޚާބުގައިވެސް އެއްކަމެއް ތަކުރާރުވިއެވެ. 1978 ވަނަ އަހަރުން ފެށިގެން، ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސްކޮޅުގައި އޮންނަ މައުމޫން އަބްދުލްގައްޔޫމްގެ ނަން އެފަހަރުގެ ވޯޓް ކަރުދާސްކޮޅުގައިވެސް އޮތެވެ. އިންތިޚާބުގެ ދެވަނަ ބުރުގައިވެސް އޮތެވެ.

މައުމޫން އަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވިދިވިދިގެން 7 ދައުރު ވާދަކުރެއްވިއެވެ. ވާދަވެރިކަމެއްނެތި ބޭއްވި އިންތިޚާބްތައް ނުވަދިހަ ޕަސެންޓަށްވުރެ މަތީން ކާމިޔާބު ކުރެއްވިއެވެ. ނާކާމިޔާބުވެވަޑައިގަތީ، ވާދަވެރި ފުރަތަމަ އިންތިޚާބުގައެވެ. މައުމޫނަށް ނާކާމިޔާބުވެވަޑައިގަތް ރިޔާސީ އިންތިޚާބަށްފަހު، މިއަދު މި ބާއްވާ ރިޔާސީ އިންތިޚާބަކީ، ރާއްޖޭގެ ފަހުގެ ތާރީޚްގައި މައުމޫން ވާދަނުކުރައްވާ ފުރަތަމަ ރިޔާސީ އިންތިޚާބެވެ.

No comments:

Post a Comment

Your comment is awaiting moderation!