2006-10-18

ސިފައިންގެ ބެލުމުގެ ދަށަށް މިޤައުމު ގެނައުމަށް މިއީ ރަނގަޅު ދަނޑިވަޅެއް: ޢަދާލަތުޕާޓީ

2006 އޮކްޓޯބަރު 16 ވީ ދުވަހު ޢަދާލަތު ޕާޓީގެ ނޫސްކޮންފަރެންސެއް އެޕާޓީގެ އޮފީހުގައި އޮތެވެ. މި ނޫސްކޮންފަރެންސްގައި ޕާޓީގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

ނޫސްކޮންފަރެންސް ފައްޓަވައިދެއްވުމުގެ ގޮތުން އަދާލަތުޕާޓީގެ ތަރުޖަމާނު އައްޝައިޚް މުޙައްމަދު ޝަހީމް އަލީ ސައީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެޕާޓީން އަބަދުވެސް ދިވެހިރާއްޖޭގައި އޮންނަ ވެރިކަމެއް ބަދަލުކުރަން މަސައްކަތްކުރާނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް އިންތިޚާބުތަކުގައި ވާދަކޮށްގެން ކަމުގައެވެ. އަދި ރާއްޖޭގައި އުފެދިފައި އޮންނަ އެއްވެސް ވެރިކަމެއް އިންޤިލާބުކޮށްލަން އަދާލަތުޕާޓީން މަސައްކަތް ނުކުރާނެ ކަމަށާއި ސަބަބަކީ މިގޮތަށް މަސައްކަތް ކޮށްފިނަމަ ދިވެހިދައުލަތުގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލި މުޖްތަމައުގެ ފޭރާމާއި ފަތިތަކުގައި ބައިބައިވުމުގެ ސިފަތައް މޫލައި ޒަމާންތަކަކަށް އެކަންތައް ދެމިގެންގޮސް މިގައުމު ވިއްސިވިހާލިވެގެން ހިނގައިދާނެ ކަމަށްޓަކައި ކަމުގައިވެސް ވިދާޅުވިއެވެ.


ޝަހީމް ވިދާޅުވީ މިފަހަކަށް އައިސް ވަރަށްގިނަ ގޮންޖެހުންތަކާއި ތަފާތު ވާހަކަތައް އަދާލަތުޕާޓީއާމެދުގައި ދެކެވެމުންދާ ކަމަށެވެ. އޭގެތެރޭގައި، އަސްލެއްނެތް ލިޔުންތަކަކަށްބަލައި  އެޕާޓީއަކީ ޤާނޫނީ އަދަދު ހަމަނުވާ ޕާޓީއެއްގެ ގޮތުގައި ފާހަގަކޮށް ދިވެހި ގައުމު އިސްލާހީ ހަރަކާތްތަކުގައި ކުރަމުންދާ ދަތުރުގައި ބައިވެރިނުކުރުމަށްޓަކައި މިހާރު މަސައްކަތްކޮށް ފޫގަޅަމުން ދާކަމަށާއި އެކަމަކީ އެޕާޓީން ވަރަށްބޮޑަށް ކުށްވެރި ކުރާ ކަމެއްކަމުގައިވެސް ވިދާޅުވިއެވެ.

މިހާތަނަށް ޕާޓީ ކުރިއަށް ގޮސްފައިވާ ގޮތާއި މިހާރު އަރަމުންދާ އަޑުތަކާއި އަދި ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޕާޓީގެ އިސްބޭފުޅުން ޖަވާބުދާރީވެވަޑައިގަތެވެ.

ސިޔާސީޕާޓީގެ ޤާނޫނީ އަދަދު އަދާލަތުޕާޓީގައި ހަމަނުވާކަމަށް ދެކެވޭވާހަކައާ ގުޅިގެން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ އެކަމަކީ ރާވައިގެން އަދާލަތުޕާޓީ ފުނޑުފުނޑުކޮށްލަން ދައްކާ ބުހުތާނު ވާހަކަތަކެއް ކަމަށެވެ. ''އެންމެ ފުރަތަމަ ޕާޓީ ރަޖިސްޓްރީ ކުރުމަށްޓަކައި އަޅުގަނޑުމެން ހުށައެޅިއިރުގައި ހަތަރުހާސް ފައްސަތޭކައަށްވުރެ ގިނަ ސޮއި އަޅުގަނޑުމެން ހުށައަޅާފައި ވާނެ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން. ދެން އެއަށްފަހުގައި އަޅުގަނޑުމެން ތިންހާހަށްވުރެ ގިނަ އަދަދަކަށް މެންބަރުންގެ ސޮއި އަޅުގަނޑުމެން ކޮމިޝަނަރ އޮފް އިލެކްޝަނަށް ހުށައަޅާފައިވާނެ. އަދި މިހާރުވެސް އަޅުގަނޑުމެން އޮފީހުގައި އެބަހުރި އެތައްހާސް ސޮއެއް އަޅުގަނޑުމެން ފޮނުވުމުގެ މަގުމަތީގައި ތައްޔާރުވަމުން. މިހެން ދަނިކޮށް ވީގޮތަކީ ކދ.އޮފީހުން މިނެރެނީ މިބާވަތުގެ ބަޔާނެއް، އަދަދަކީ މިވެނި މިވެނި އަދަދެކޭ ކިޔާފައި. ދެން މިފޮނުވަނީ އެޔާއެކުގައި ލިސްޓެއް އެއީ މެންބަރުން ނޫންކަމަށް އޭގެތެރޭގައި ހިމެނޭ. އެފޮނުވާފައިވާ ލިސްޓްގައި މައުލޫމާތު ހަމަނުވެގެންނޭ އެމީހުން މެންބަރުންނަށް ނުވެތިބީ ކިޔާފަ ފޮނުވާފައިވާ ލިސްޓްގައި މިޕާޓީގެ މިހާރު އިސްކޮށްތިބި ވަރަށްގިނަ ބޭފުޅުން ހިމެނޭ އެހެންވީމާ އެނގޭ މިއީ ޢަދާލަތު ފުނޑުފުނޑުކޮށްލުމަށްޓަކައި ރާވައިގެން އުޅޭ ރޭވުމެއްކަން މިއީ.'' ޝަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައާއި ޚާއްސަމަޖިލީހުގައި ޢަދާލަތުޕާޓީއަށް ނިސްބަތްވާ އެއްވެސް މެންބަރެއް ނެތުމުގެ ސަބަބުން 'އޯލްޕާޓީ ޓޯކްސް' ގައި އެޕާޓީ ބައިވެރިކުރުމަށް އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅުހަދައި ވާހަކަ ދައްކައިފައިވާތީ އެކަމަށް ޝަހީމް ރައްދު ދެއްވިއެވެ. "ހަގީގަތަށް ދަންނަވަނީނަމަ ޕާޓީއެއްގެ ޓިކެޓްގަ އެތަނަށް ވަދެފަ ހުރި އެއްވެސް މެންބަރެއް ނެތް. އެއީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ދެމަޖިލިސް. އެތަން ފޭރިގެން މިއުޅެނީ ރާއްޖޭގަ މިހާރު މިއޮތް ބޮޑު ދެޕާޓީކަމަށް ދައުވާކުރާ ދެޕާޓީން. އެހެންވީމާ އަދާހަމައަށް އައި އިރުގަވެސް މިދެޕާޓީގެ ކޯޅުން އެތާތެރޭގައި އެއޮތީ. ދިވެހިރައްޔިތުންގެ ބައިތުލްމާލު ގެއްލިގެން މިދަނީ ޤާނޫނުއަސާސީން އެންމެ އަކުރެއްވެސް ނެތް ލިޔެވިފައެއް. އެހެންވީމާ ކިހިނެއްތޯ ދެންނެވޭނީ އެއީ އެމްޑީޕީ. ގެ ޕާލަމެންޓްރީ ގްރޫޕެކޭ، ނުވަތަ ޑީއާރުޕީ. ގެ ޕާލަމެންޓްރީ ގްރޫޕެކޭ.'' ޝަހީމް ވިދާޅުވިއެވެ.

ދެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނަމުގައި އެކުރާ ކަންތައްތަކަށް ވަރަށްބޮޑަށް އިންކާރުކުރަށްވާކަމަށް ވިދާޅުވެ ޝަހީމް ވިދާޅުވީ، މިހާރު ޖެހޭނީ މިދެ މަޖިލިސް އުވާލާފައި ޕާޓީ ނިޒާމްގެ ތެރެއިން މަޖިލީހެއް އިންތިޚާބުކޮށްގެން ޤާނޫނުއަސާސީ ވީހާވެސް އަވަހަކަށް ނިންމަންކަމަށެވެ.

ރައްޔިތުންގެ މަޖިލީހާއި ޚާއްސަމަޖިލީހުގައި ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕެއްވެސް އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕެއްވެސް ނެތްކަމަށް ވިދާޅުވަމުން ޢަދާލަތުޕާޓީގެ ސިޔާސީ މުސްތަޝާރު އަޙުމަދުދީދީ (ސަންދާނު އަހަންމައިދީ) ވިދާޅުވީ ''އިސްލާހަށް މަސައްކަތް ކުރާ ގްރޫޕަކާއި އިސްލާހު ފުނޑުފުނޑުކޮށްލަން މަސައްކަތް ކުރާ ގްރޫޕެއް އެތަނުގައި (މަޖިލީހުގައި) އެބައޮތް. އެއީ ޑީއާރުޕީ އަށް ނިސްބަތްވާ ހުރިހާ އެންމެން ބޭނުންވަނީ އިސްލާހު ކުރިއަށް ދިޔަ ނުދޭން، އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ހަމަ ކަނޑައެޅިގެން ސާފުކޮށް އެއީ މުޅި ދުނިޔެއަށްވެސް ޔޫއެން އަށް އީޔޫ އަށް ވަރަށް ރަނގަޅަށް އެނގޭ އެމްޑީޕީން މަސައްކަތްކުރަމުންދަނީ މިއިސްލާހީ އެޖެންޑާ ކުރިއަށް ގެންދިޔުމަށްޓަކާކަން.''

އަހަންމައިދީ ވިދާޅުވީ އިސްލާހީއެޖެންޑާ ކުރިއަށް ގެންދަން ބޭނުންވާނަމަ އެންމެންވެސް ޤައުމަށް އިޚްލާސްތެރިވާން ޖެހޭ ކަމަށާއި މައުމޫން ގޮތްދޫކޮށްލަން އެބަޖެހޭ ކަމުގައެވެ. މިގޮތުން ޚާއްސަމަޖިލީހުގައި ތިބި 29 މެންބަރުން އެތަނުން ނަގައި ހުރިހާ ޕާޓީތަކުގެ މެދުގައި އިންތިޚާބެއް ބޭއްވުން މުހިންމު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު އެއްކުރެވިފައި މިއޮތް ޚާއްސަ މަޖިލީހުން ޤާނޫނު އަސީސީ ހެދޭނެކަމަށް ނުދެކޭ ކަމަށާއި ހެދޭނީ މިނިވަން މުސްތަޤިއްލު އިންތިޚާބެއް ބާއްވައިގެން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ޤާނޫނު އަސާސީ ނުހެދި ރައްޔިތުންނަށް ކުރިމަތިވަމުންދާ މައްސަލަތަކުގެ ޒިންމާ ނަގަންޖެހޭނީ ކާކުތޯ ދެންނެވުމުން އަހަންމައިދީ ވިދާޅުވީ ''އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ފިޔަވާ ދެވަނަ މީހެއް ނޫން.'' ކަމުގައެވެ.

ކުރިއަށްއޮތް ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެމްޑީޕީއިން ރާވައިގެން، ޤާނޫނު އަސާސީގެ މަސައްކަތް އަވަސްކޮށްދިނުން އެދި ޚާއްސަމަޖިލީހުގެ މެންބަރުން ގާތަށް ދިޔުމުގެ ތައްޔާރީތައް ވަމުންދާތީ އެކަމާމެދު ޢަދާލަތުޕާޓީން ދެކެނީ ކޮންގޮތަކަށްތޯ ދެންނެވުމުން، ޝަހީމް ވިދާޅުވީ  "އެމްޑީޕީން ތިކަހަލަ ކަމެއް ރާވައި ހިންގަން އުޅޭކަމެއް ރަސްމީ ސިފައެއްގައެއް އަދާލަތުޕާޓީއަކަށް އެނގިފައެއްނެތް. އަދި އަދާލަތުޕާޓީއާ މަޝްވަރާ ކުރައްވާފައެއްވެސް ނެތް.... ހަގީގަތުގައި ޤާނޫނު އަސާސީ ލަސްވަމުންދާ ލަސްވުމަކީ ދިވެހިރާއްޖޭގެ ކުދިބޮޑު އެންމެނަށް ލިބެމުންދާ ގެއްލުމެއްމީ. އެހެންވީމާ މިކަން މިގޮތަށް ވިޔަ ނުދިނުމަށްޓަކާ ދިވެހިރާއްޖޭގެ ރައްޔިތުން އަޑުއުފުލުމަކީ ރައްޔިތުންނަށް ލިބިގެންވާ ޙައްގެއް. އެހެންވީމާ ޢަދާލަތުޕާޓީގެ ފަރާތުން ރައްޔިތުންގެ ޙައްގުތައް ހޯދުމަށްޓަކައި އެރައްޔިތުން އެކުރާ މަސައްކަތަށް ޢަދާލަތުޕާޓީގެ ފަރާތުން ހުރިހާ އެއްބާރުލުމަކާއެކު އެކަންތައްތަކަށް ތާޢީދުކުރާނަން.''

ނަމަވެސް ޝަހީމް ވިދާޅުވީ އެފަދަ ކަމަކުން ޤައުމުގެ ސުލްހަމަސަލަސްކަމާއި އަމާންކަން ގެއްލޭ ހިސާބަށް ކަންކަން ގޮސްގެން ނުވާނެކަމަށާއި އެފަދަ ގޮތަކަށް ކަންތައް ހިނގައިފިނަމަ ޤައުމާ ހަވާލުވާންވާނީ ސިފައިން ކަމަށެވެ. ''ގައުމުގެ އަމަންއަމާންކަމާ ސުލްހަމަސަލަސްކަން ގެއްލޭ ހިސާބަށް ގައުމުގެ ކަންތައްތައް ގޮސް، އިންޤިލާބެއް އަންނަ ކަމުގެ ކުލަވަރު މީގަ ޖެހެންވެއްޖެ ކަމުގައި ވަނީނަމަ މީގަ ވަރަށްބޮޑު ލޭއޮހޮރުވުމަކަށް މިކަންތައް ހިނގައިދާނެތީވެ އަޅުގަނޑުމެން އަބަދުވެސް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވަމުން މިދަނީ އަވަހަށް އިސްތިއުފާ ދެއްވާފައި މިގައުމުގެ ރައްޔިތުންނާ މިގައުމު ހަވާލުކުރައްވާށޭ. އެހެންނޫނިއްޔާ ހިތާމަވެރި ނިމުމަކުން މިގައުމުގެ ކަންތައްތައް ނިމިގެން ހިނގައިދާނޭ. އިންޤިލާބެއް އައިސްގެން އެއްވެސް ބަޔަކު ގަދަކަމުން ދިވެހި ދައުލަތުގެ ވެރިކަމާ ހަވާލުވުމަކީ ޢަދާލަތުޕާޓީގެ ފަރާތުން ޤަބޫލުކުރާ އަސާސެއްނޫން. އެފަދަ ހާލަތަކަށް ގައުމު ހިނގައްޖެކަމުގައި ވަނީނަމަ ދިވެހި ޤައުމުގެ ސިފައިންގެ ބެލުމުގެ ދަށަށް މިޤައުމު ގެންދިޔުމަށް އަޅުގަނޑުމެން ގޮވާލަން. އަދި އެއަށްފަހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރާއްޖޭގެ ވެރިކަމާ ހަވާލުވެ، އިންތިޚާބަކަށްފަހުގަ ރަސްމީގޮތުން ދިވެހި ދައުލަތުގެ ވެރިކަމަށް ބަޔަކު ގެނައުމަށްޓަކައި ފުރުސަތު ހުޅުވާލެވެން ޖެހޭނެ.'' ޝަހީމް ވިދާޅުވިއެވެ. އަދި ގަދަކަމުން ވެރިކަމަށް އައުމުގެ ބާރު އެއްވެސް ބަޔަކަށް ލިބިގެނެއްނުވާނެކަމަށާއި އެހެން އެކަން ކުރަންވެއްޖެނަމަ އެއީ މުސްތަގުބަލަށްޓަކައި އަޅުގަނޑުމެން އުފަންކުރާ ނުބައި ފިލާވަޅެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ލޭއޮހޮރުވުމަކާ ނުލައި މިހާރުވެސް ޑީއާރުޕީން މިއުޅެނީ އިންޤިލާބެއް ގެނެސްގެންކަމަށް ބުނެ ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ޢަދާލަތުޕާޓީގެ ރައީސް އައްޝައިޚް ހުސައިން ރަޝީދު ވިދާޅުވީ ''ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅުވެއްޖެ ޑީއާރުޕީގެ ވެރިކަމޭ މިރާއްޖޭގަ މިއޮތީ. ޚުދު އަޅުގަނޑު ކައިރީގައި ވިދާޅުވި ޑީއާރުޕީގެ ވެރިކަމޭ މިއޮތީ، ޑީއާރުޕީގެ ބޭފުޅުން ނޫންތޯއޭ މިނިސްޓަރުންނާއި ނައިބުންނާއި އަތޮޅުވެރިންނަށް އުޅުއްވާނީ. އެމަނިކުފާނު ލޭއޮހޮރުވުމަކާ ނުލައި އެގެންނެވި އިންޤިލާބަކީ ހަގީގަތުގައި ޤާނޫނާ ޚިލާފް ވަރަށްބޮޑު ކުށެއް އެކުރެއްވީ، އެހެންވީމާ ދޮރު މިއޮތީ ހުޅުވިފައި ސިފައިންނަށް''

ހުސައިން ރަޝީދުގެ ވާހަކައާ ގުޅުވާލައިގެން ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މިއަދުގެ ސަރުކާރު މިވަނީ ފެއިލްވެފައި ކަމަށާއި ސިފައިންގެ ބެލުމުގެ ދަށަށް މިޤައުމު ގެނައުމަށް މިއީ ރަނގަޅު ދަނޑިވަޅެއް ކަމަށެވެ. ''މިހާރު މިރާއްޖޭގަނެތް އަމަންއަމާންކަމެއް، ސުލްހަ މަސްލަހަތެއް، ލޭއޮހުރުވުންދަނީ، ގައުމު މިވަނީ ފަނާވެ ނިމިގޮސްފައި، ޒުވާންޖީލު މިއޮތީ ހަލާކުވެފައި، މިތަނުގައި ޤާނޫނެއް ޤަވާއިދެއް ހިނގާ ތަނެއް ނޫންމީކީ. މިއީ ރަނގަޅު ދަނޑިވަޅެއް ސިފައިންގެ ބެލުމުގެ ދަށަށް މިޤައުމު ގެނައުމަށް. މިހާރުވެސް ގެންނަންޖެހިފަ މިއޮތީ. އަޅުގަނޑުމެން ގޮވާލަން ސިފައިންގެ ބެލުމުގެ ދަށަށް ގައުމު ގެނެސް މިތަނުގައި އިންތިޚާބެއް ބާއްވާ ދިވެހިރައްޔިތުން އެދޭ އިންތިޚާބުކުރާ ބަޔަކަށް މިވެރިކަން ހަވާލުކުރަން. މި ސަރުކާރު މިއޮތީ ފެއިލްވެފައި. މިއީ އަޅުގަނޑުމެން ޢަދާލަތުޕާޓީގެ އަޑަކީ، ގަދައަޑުން މިދަންނަވަނީ މި ސަރުކާރު މިއޮތީ ފެއިލްވެފައޭ.'' ޝަހީމް ވިދާޅުވިއެވެ.

No comments:

Post a Comment

Your comment is awaiting moderation!