2006-10-04

"ރައީސް މައުމޫނަކީ އޭނާގެޒާތުގައި އެއްވެސް ބާރެއްއޮތް މީހެއްނޫން"


ޣައިރުގާނޫނީ ވެރިކަމެއް ހިންގަން ރައީސުލްޖުމްހޫރިއްޔާއަށް ބާރުދީގެން އެތިބަ ޑީއާރުޕީގެ ޚާއިނު މެންބަރުން މި ރާއްޖޭގެ ކަންތައް މިހެން ދަމަހައްޓާ ބަޔަކީ: އިބްރާ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އޮފީހެއްހުޅުވައި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފުރަތަމަ ބޭއްވި ބައްދަލުވުން ބޭއްވީ 3 އޮކްޓޯބަރ 2006 ވީ ދުވަހުގެރޭ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އޮފީހުގައެވެ. މިބައްދަލުވުމުގައި ޕާލަމެންޓްރީ ގްރޫޕްގެ ޗެއަރމަން މުޙައްމަދު ޝިހާބުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ޚާއްސަމަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގަތެވެ.

އެފަދަ އޮފީހެއް ހުޅުވުމުގެ ބޭނުމާބެހޭގޮތުންނާއި އެތަނަށް ޚަރަދުކުރުމަށް ހަމަޖެހިފައިވާ ގޮތާބެހޭގޮތުން ވާހަކަ ދައްކަވަމުން މާލޭ މެންބަރު މުޙައްމަދު ޝިހާބު ވިދާޅުވީ ''ދައުލަތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ޚާއްސަމަޖިލީހުގެ މެންބަރުންނަށް އޮފީސް އެލަވަންސަކާއި ސްޓާފް އެލަވަންސެއް ދެއްވާ. އެހެންނަމަވެސް އެއަދަދުތަކަކީ އަޅުގަނޑުމެން ކޮންމެ މެންބަރަކަށް ވަކިން އޮފީސް ހަދައިގެން އުޅެވޭކަހަލަ އަދަދުތަކެއް ނޫން. އެހެންވީމާ އަޅުގަނޑުމެން ވިސްނީ ޕާލަމެންޓްގައި މަސައްކަތްކުރާ ރައްޔިތުންގެ މަޖިލީހާއި ޚާއްސަމަޖިލީހުގެ މެންބަރުން އެކުވެގެން އޮފީހެއް ހަދަން. މީގެ ބޭނުމަކީ އަޅުގަނޑުމެންގެ މަސައްކަތް ރަނގަޅަށް ކުރަންވެގެން. މަސައްކަތޭ މިދެންނެވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި އެކިއެކި ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތްތަކާ ކަންތައްތައް ކުރުން އަދި އަޅުގަނޑުމެން ތަމްސީލުކުރަނީ މި ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެ. އެހެންވީމާ އަޅުގަނޑުމެންގެ ރައްޔިތުން އަޅުގަނޑުމެންނާ ބައްދަލުކުރުމާއި އެބޭފުޅުން މިތަނަށް ވަޑައިގެން އެކިއެކި ބިލްތަކާ ބެހޭގޮތުން ޚިޔާލުތަކާއި މިކަހަލަ ކަންތައްތައް ކުރުމުގައި އިދާރީގޮތުން މިއޮފީހުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ.'' ކަމުގައެވެ. 


ޕާލަމެންޓްރީ ގްރޫޕް އޮފީހަކީ ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހާއި ޚާއްސަމަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ފަސޭހައިން ބައްދަލުވާނޭ މަގެއްކަމަށާއި، ރައްޔިތުންނަށް އެތަނުން ޚިދުމަތް ދިނުމުގައި ވަކިޕާޓީއެއް ތަފާތުކުރުމެއް ނޯންނާނެކަމަށް މެންބަރުން ވިދާޅުވިއެވެ. ''މިތަނަށް ހަމަ ކޮންމެ ރައްޔިތަކުވެސް އައިސް އެބޭފުޅުންގެ ޝަކުވާތައް އަޅުގަނޑުމެންނަށް ގެނެސްދެވޭނެ. އަދި އެބޭފުޅުން ބޭނުންވާ ކަންތައްތައް އަޅުގަނޑުމެންނަށް އެހީތެރިކަން ދެވެން ހުރި ހުރިހާ ރޮނގަކުން ހުރިހާ ރައްޔިތުންނަށްވެސް އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭނަން.'' ތ.އަތޮޅު މެންބަރު ހަސަން އަފީފް ވިދާޅުވިއެވެ.

ދެމަޖިލީހުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާބެހޭގޮތާ ބެހޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން މާލޭ މެންބަރު އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވީ ދަންނަވަން އޮތީ ތަކުރާރުކޮށް ދަންނަވާ ވާހަކައެއް ކަމަށާއި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުދާނެހާގޮތެއް ހައްދަވަމުން ގެންދަވަނީ ރައީސް މައުމޫން ކަމަށެވެ. ''ޚާއްސަގޮތެއްގައި ރައްޔިތުންގެ ޚާއްސަމަޖިލީހުގެ މަސައްކަތް ކުރިއަށް ނުދާނެ ހަމަ ކޮންމެ ގޮތެއް ހޯއްދަވައިގެން އެއުޅުއްވަވަނީ. މީގެ އެންމެބޮޑު ހެއްކަކީ، ރައީސް މައުމޫން ގާނޫނު އަސާސީ އިސްލާހުކުރައްވާ ނިންމަވަން އަވަހަށް ބޭނުންފުޅުނަމަ، މަޖިލީހުގައި އެބަތިއްބެވި އޭނާގެ ޕާޓީއަށް ނިސްބަތްވާ އަށްޑިހަ އެތައް މެންބަރުންނެއް އެހެންވީމާ ހަމަ އަޅުގަނޑުމެން ނެތަސް އިށީނދެ އެމީހުން ނިންމަންވީ. އެކި ހުއްޖަތް ދައްކައިގެން އެކި ކަންކަން މެދުވެރިކޮށްގެން ހަމަ ލަސްކުރަނީ، ހަމަ ލަސްކުރަނީ... ދެން މީގަ އެންމެބޮޑު ހެއްކަކަށް އަޅުގަނޑު ދަންނަވާލާނަން ވާހަކައެއް، ޚާއްސަ މަޖިލީހުގެ ޑްރާފްޓިންގ ކޮމިޓީގެ މަސައްކަތް ފެށިގެން އައިމާ، އެކަމާ ކަންބޮޑުވެގެން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފޮނުއްވާފައިހުރި ސިޓީ ތިބޭފުޅުންގެ އަތްޕުޅުގައި ހުންނާނެ! އެމަސައްކަތް ކުރިއަށްދާތީ، އެއްގޮތަކަށްވެސް ގެންގޮސްގެން ނުވާނޭ، އަވަހަށް ތިކަން ހުއްޓާލާށޭ ކިޔާފަ.''

ސަރުކާރަށް ހުރި ޕްރެޝަރ ތަކާއި ރައީސް މައުމޫންގެ މަގުޗާޓާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މެންބަރުން ވިދާޅުވީ އިންޓަރނޭޝަނަލް ކޮމިޔުނިޓީ މެދުވެރިކޮށް ސަރުކާރަށް ދެވޭނެ ޕްރެޝަރުތައް އެފަރާތްތަކުން ސަރުކާރަށް ދެމުން ގެންދާކަމަށާއި ހަގީގީ ޕްރެޝަރ ދެވޭނީ ރައްޔިތުންނަށް ކަމަށެވެ. އަދި ރައީސް މައުމޫން އިއުލާންކުރައްވާފައިވާ މަގުޗާޓުގައި ބުނާ މުއްދަތަށް ކޮންމެވެސް ސިފައެއްގައި ކޮންމެވެސް ކަމެއް ކުރައްވާ ކަމަށެވެ.

މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެއްކަމަކަށް ބަރޯސާކުރަންޏާ އޮތް އެންމެބޮޑު މައްސަލައަކީ ރާއްޖޭގައި އޮތް ސިވިލްސާވިސް ޕޮލިޓިސައިޒް ކުރުން ކަމުގައި ބައެއް މެންބަރުން ފާހަގަކުރެއްވިއެވެ. މިމޭރުން ވާހަކަދައްކަވަމުން އިބްރާ ވިދާޅުވީ ''ރައީސް މައުމޫން ވަރަށް ބާރުލައްވާފައި ރޯޑްމެޕް އިއުލާންކުރައްވާފައި، ތާރީޚް ދެއްވާފައި،  ޖުލައި މަހުއޭ އަޅުގަނޑު ހަނދާންވަނީ. ޖުލައިމަހުގެ ނިޔަލަށް ސިވިލްސާވިސް ޑީޕޮލިޓިސައިޒްކުރުން އޮންނާނެ ކަނޑައަޅުއްވާފައި. އެކަމަކު ހެއްދެވީ ކިހިނެއް! މިއަދާ ހަމައަށްވެސް ހައްދަވަނީ ކިހިނެއް! ހަމަ ހައްތާ ޕޮލިޓިސައިޒް ކުރައްވަނީ. އިހަށް ސަރުކާރުގެ ވަޒީފާގައި ނެތް ޕޮލިޓީޝަނުންނަށް އަލުން ވަޒީފާ ދީގެންވެސް ގެންދަނީ، ތިބި މީހުންގެ މަގާމުތައްވެސް މައްޗަށް ގެންދަނީ. ސިވިލްސާވިސް ޑީޕޮލިޓިސައިޒް ކުރަން މުސްތަގިއްލުކުރަން އޮންނައިރުގައި މީގެ ރޫހަކީ ކޮބައިތޯ! ސިވިލްސާވިސް އިން ޕޮލިޓިކްސް ނެރުން. އެހެންވީމާ ރައީސް މައުމޫން  އޭނާގެ އަމިއްލަ ރޯޑްމެޕްގައި ކޮޅުފައިން ޖައްސަވައިގެން އެހެންނެވީ.''

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ބެހޭގޮތުން ރައްޔިތުންގެ އާންމުވޯޓްލުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ޚާއްސަ މަޖިލީހުން ފާސްކުރައްވާފައިވާ ފާސްކުރެއްވުމާގުޅޭގޮތުންވެސް މެންބަރުން ވާހަކަދެއްކެވިއެވެ. މިގޮތުން ޏ.އަތޮޅުގެ މެންބަރު މުޙައްމަދު އިބްރާހީމްދީދީ (މޮޑީ) ވިދާޅުވީ ''އާޒިމާ ޝުކޫރު ހުށައެޅުއްވި ހުށައެޅުމަށް ފަހުންގެނެވުނު އިސްލާހުތަކާއެކު ޖުމްލަކޮށް ބަލައިލާއިރު އުސޫލެއްގެ ގޮތުން ހަމަ ރަނގަޅު. އެހެންނަމަވެސް މީގަ މައްސަލައަކީ ދިވެހިރާއްޖޭގައި އަޅުގަނޑުމެންގެ އާދަކާދަޔާ ކަންތައްތައް ހުންނަގޮތުން އަދި ވެރިކަން ހިންގުމުގެ ސަގާފަތް އޮންނަގޮތުން، ރައްޔިތުންގެ މަޖިލީހުގެ ދާއިރާގެ ކަންތައްތައް ނިންމަމުން އައިސްފައި ހުރިގޮތުން އަޅުގަނޑުމެންނަށް އެބައެނގޭ އެ ޕްރިންސިޕަލްސް ކިތަންމެ ރަނގަޅުކަމުގައި ވިޔަސް ކަންތައްތައް ދަނީކީ އެގޮތަކަށް ނޫންކަން.''

މިމައުޟޫގައި ވާހަކަދައްކަވަމުން ލ.އަތޮޅުގެ މެންބަރު ރީކޯ މޫސާމަނިކު ވިދާޅުވީ އެނިންމުމަކީ އެބޭފުޅާ ވަރަށް ހިތްހަމަޖެހޭ ނިންމުމެއް ކަމުގައެވެ. ''ހަމަގައިމުވެސް މިއޮއް ހުރިހާ ދުވަހު އެކިއެކި ޖަލްސާތަކަށް ހާޒިރުނުވެ، އެކި ގޮތްގޮތަށް އުޅުނު މީހުންގެ އަތުން ހަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހަމަ އެމީހުންގެ އަތުން ނިންމުނުކަން. އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ކާމިޔާބެއް.''

އާންމުވޯޓްގެ ކަންތަކާގުޅޭގޮތުން، އިބްރާ ވިދާޅުވީ އާޒިމާ ޝުކޫރު ހުށައަޅުއްވައި ފާސްކުރެއްވި ނިންމެވުމުގައި ވަރަށްބޮޑު މައްސަލައެއް އެބައޮތް ކަމަށާއި އެއީ ގާނޫނީ މައްސަލައެއް ކަމަށެވެ. ތ.އަތޮޅުގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ''ހަގީގަތުގައިވެސް އާޒިމާ ޝުކޫރުގެ އެހުށައެޅުމަކީ އެއްވެސް ހާލެއްގައި މިކަންތައްތައް އަވަސްކުރުމެއްނޫން. ލަސްކުރުން.'' ކަމުގައެވެ.

ދިވެހިރާއްޖެއަށް އިސްލާހު ގެންނަވަނީއޭ ވިދާޅުވަމުން ރައީސްމައުމޫން ކުރައްވަމުން ގެންދަވާ ކަންތައްތަކަށް ފާޑުވިދާޅުވެ، ވާހަކަދައްކަވަމުން އިބްރާ ވިދާޅުވީ ''ރައީސް މައުމޫންގެ ސަރުކާރުން އިސްލާހު ގެންނަނީއޭ ގެންނަނީއޭ ކިޔަކިޔާ ހުރެގެން، އެކަން ކުރާނެ ފުރުސަތު ދީގެން އަޅުގަނޑުމެން ތިބެއްޖައިން، މިހާރު މިނުކުންނަނީ އެކަންކުރުވަން، އަޅުގަނޑެއް ނުދަންނަވާނަން ތިންމަސްދުވަހުންނޭ ހަމަސްދުވަހަކުންނޭ. ބާރައަހަރުންވެސް ދެނެއް ރައީސް މައުމޫނަކަށް ނޭވާލާކަށް ނުކެރޭނެ މިރާއްޖެއަށް އިސްލާހު ގެނެސްފައި ނޫނީ. އެހެންނޫނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހާއި ޚާއްސަމަޖިލީހުގެ ހުރިހާ މެންބަރުން ހައްޔަރުކޮށްފައި ގެންގޮސް ގޮޅީގައި ބައިތިއްބަންޖެހޭނީ. އެނޫންގޮތަކަށް ނުކެރޭނެ މިކަން ހުއްޓުވާކަށް! މިނުކުތީ... އިހަށް ނުނިކުންނަވަރަށް މިނުކުތީ....'' ކަމުގައެވެ. އިބްރާގެ މިވާހަކައަށް ބާރުދެއްވަމުން އަފީފް ވިދާޅުވީ ''އިބްރާ އެވިދާޅުވިހެން މިހާރު އިސްލާހު ގެންނަން މިތިބީ ނުކުމެ، އިސްލާހު ގެނެއްސަ ނޫނިއްޔަކާ މިމަސައްކަތެއް ހުއްޓައެއް ނުލާނަން. އަޅުގަނޑުމެން މަރާލިޔަސް ފަހަތުން އެބަތިބި އެތައް ބަޔަކު މިކަމައިގެން ނިކުންނާނެ. ރައީސް މައުމޫނަށް އެނގިވަޑައިގަންނަވަންޖެހޭނެ އިސްލާހަށް މަސައްކަތްކުރާ މީހުންގެ ދުވަހެއް ދެނެއް ދުއްވައެއް ނުލެވޭނެކަން. އަޅުގަނޑުމެން ނެތިއްޔާ އެހެން ބަޔަކު ތިބޭނެ، އެމީހުންގެ ދުވަސް ދުއްވާލިއްޔާ އަދި އޭގެ ފަހަތުންވެސް ބަޔަކު ތިބޭނެ. ނުކުންނަ މީހުން ގިނަވާނީ، އެހެންވީމާ އެއީ އެކަންތައް އޮތްގޮތް. ދެން މާގިނަ ދުވަހެއް ނެތް. މިއިސްލާހުތައް ގެނެއްސަ، މިތާނގައި ޑިމޮކްރަސީގެ އުސޫލްތައް ގާއިމުކޮށްފައި ނޫނީ މިއަދު މިމަސައްކަތްތައް ހުއްޓައެއް ނުލެވޭނެ. މައުމޫން އެކަންތައް ހުއްޓާލަން އުޅެންޏާ އެއީ ވަރަށްބޮޑު މޮޔަކަމެއްކަމަށް މައުމޫނަށް ދަންނަވަންވީ ތިބޭފުޅުން މީޑިއާގެ ޒަރީއާ އިން'' ކަމުގައެވެ.

މިހާރު، ދެވަނަފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއާ ހަވާލުކޮށްފައި އޮތް ސިފައިންގެ ބިލާބެހޭގޮތުންވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބޭފުޅުން ވާހަކަދެއްކެވިއެވެ. ''ސިފައިންގެ ބިލަށްބަލާއިރު، ސިފައިންގެ ބިލް ބައްޓަންކުރެވިފައި އޮތީ ދުނިޔޭގެ އެހެނިހެން ގައުމުތަކުން މިހާރު ގާނޫނެއް ނެތިގެން މިތާނގެ އިސްލާހުގެ ވާހަކަ ދައްކާއިރު، މިލިޓަރީ އެހީއާ އެއްޗެހި ނުލިބޭތީ ގާނޫނެއް ހަދާފަ އެހެންމީހުންނަށް ދެއްކުމުގެ ބޭނުމުގައި ހަދާ ގާނޫނެއް ގާނޫނަކީ، މީ އަސްލަކީ.. ގާނޫނީ ހައިސިއްޔަތެއް ލިބިފައެއްނެތް ދިވެހިރާއްޖޭގެ އާމީންނަކަށްވެސް ފުލުހުންނަކަށްވެސް، މިހާރު މި ގާނޫނީ ހައިސިއްޔަތު ހޯދަނީ. ހޯދާއިރުގައި މިހާރުވެސް މިރާއްޖޭގައި މިއޮތީ މިލިޓަރީ ވެރިކަމެއް. މީ ހަގީގަތަކީ... އެއީ، މިލިޓަރީ ވެރިކަމެއް މިއޮންނަނީ ސިފައިންގެ ބާރު ރައްޔިތުން ކޮންޓްރޯލް ކުރުމަށްޓަކާ ބޭނުންކުރާ ކޮންމެ ދައުލަތަކީ އެއީ މިލިޓަރީ ވެރިކަމެއް. މިގައުމުގައި މިއޮތީ ހަމަ ސީދާ މިލިޓަރީ ވެރިކަމެއް. އެ މިލިޓަރީ ވެރިކަން މިހާރު މިއުޅެނީ ގާނޫނީ މިލިޓަރީ ވެރިކަމަކަށް ހަދަން. މިހާރު މިއޮތީ ޣައިރުގާނޫނީ މިލިޓަރީ ވެރިކަމެއް...! މިހާރު މިއުޅެނީ ގާނޫނީ މިލިޓަރީވެރިކަމަކަށް ބަދަލުކުރަން. އެގާނޫނުގައި އޮތްގޮތުން ހަމަ ސީދާ ރައީސުލްޖުމްހޫރިއްޔާއަކީ ސިފައިންގެ ސްޕްރީމް ކޮމާންޑަރެއް ނޫން ގާނޫންއަސާސީގައި މިބުނާ، ދުނިޔޭގެ އެހެން ތަންތަނުގައި ދައުލަތުގެ އިސްވެރިޔާ ފަދައިން.... އޮޕަރޭޝަނަލް މިލިޓަރީ އެކްޓިވް ޖަނަރަލެއްގެ މަގާމް މިހާރުވެސް އަދާކުރައްވަނީ... މިހާރު އެކަން ގާނޫނެއްގެ ގޮތުގައި ބަޔާންކުރަން ބޭނުންވަނީ. އެއީ މިކުރަން އުޅުނު ކަމަކީ.'' ސ.އަތޮޅުގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.

ސިފައިންގެ ބިލާ ބެހޭގޮތުން ވާހަކަދައްކަވަމުން އިބްރާ ވިދާޅުވީ ކޮމެޓީން ނިމިގެން އަނބުރާ މަޖިލީހަށް އައިއިރުގައި ވަރަށްބޮޑު ހަގީގަތެއް ހާމަވެގެން ހިނގައްޖެކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވަނީ މަޖިލިސް ހައިޖެކްޓް ކުރުމުގެ ޒިންމާއާ އެކުގައި ކަމަށެވެ. ''ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާ ހަވާލު ހުންނަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މީހެއް. އޭނާ އެތަނުން ވަކިވެސް ކުރާނީ ރައީސުލްޖުމްހޫރިއްޔާ. އެހެންވީމާ މުޅި ރައްޔިތުންގެ މަޖިލިސް ހައިޖެކްޓް ކުރުމުގެ މަސްޢޫލިއްޔަތު އަސްލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދީފައި މިއޮންނަނީ. އޭނާ އިއްޔެގައި (20 އޮކްޓޯބަރު 2006) އެކަން ވަރަށް ރަނގަޅަށް ކުރި. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިއޮތް ގަވާޢިދުގެ 25 ވަނަ މާއްދާގައި ވަރަށް ސާފު ދިވެހި ބަހުން އެބުނަނީ ރައްޔިތުންގެ މަޖިލީހުގެ ފްލޯރގައި ބަހުސްގެ މަރުހަލާގައި ދެއްކޭވާހައިގެ އަލީގައި ނޫނީ ކޮމިޓީއަކުން ބިލެއް އިސްލާހެއް ނުކުރެވޭނެޔޭ. ވަރަށް ސާފު ބަހުން އެބުނަނީ. އެމައްސަލަ ހަމަ ހުށައެޅުމާއެކީ އެހެންނޫންކަން ބިލް ދިރާސާކޮށްފައި އޮތީ ކަނޑައެޅީމާވެސް ޖުމްލަގޮތެއްގައި ވިދާޅުވީ ނޫނެކޭ ނޫނެކޭ އެހެންނެއްނޫނޭ.. އެންމެފަހުން އައިސް ވިދާޅުވިއޭ އަޅުގަނޑާދިމާއަށް އަޅުގަނޑު އެމައްސަލައިގާ ޖަދަލުކުރީމާ، އަޅުގަނޑާދިމާއަށް ވިދާޅުވިއޭ، ސަރުކާރުން ބިލް ފޮނުވީމާ އެއޮތީ އެވާހަކަ ބުނެވިފަޔޯ ފްލޯރގައި. އެކަމަކު ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައިތިބޭ 8 މެންބަރުން އެބަތިބޭ މަޖިލީހުގައި، އެއީ ކީއްކުރަން ތިބޭ ބައެއް. އެމީހުން ކުރަންޖެހޭ ކަމަކީ ސަރުކާރުން އެބިލަކާ ދޭތެރޭ ހާމަކުރަންބޭނުންވާ ޕޮއިންޓް އޮފް ވިއު ހާމަކުރަން އެތާ މުސާރަ ދީފައި ތިބޭ 8 މީހުންނޭ އެއީ. އެމީހުން އަނގަޔަކުން ނުބުނޭ. މިވަނީ ކިހިނެއްތޯ؟ ވާގޮތަކީ ރައްޔިތުންގެ ސަމާލުކަން މިހާރު މަޖިލީހުގައި އެބަހުއްޓޭ ތަންކޮޅެއް ބޮޑަށް، ގެލެރީއަށްވެސް މީހުންދެޔޭ! އެހެންވީމާ ހައްގު ބަހުގައި އަޅުގަނޑުމެން ވާހަކަ ދެއްކީމާ މިމީހުން މިބޭނުންވަނީ އެޔާ އިދިކޮޅަށް ކަންކުރަން. އެކަމު ރައްޔިތުންނަށް އަޑުއިވޭވަރަކަށް ބުނާކަށް ބޭނުމެއްނޫން އެތާނގައި ތެދުވެފައި، ބަހުސްކުރާކަށް ބޭނުމެއްނޫން. ފިލާތިބެގެން ދެން ކޮމިޓީއަށް ފޮނުވައިގެން އެމީހުންގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީން އެއްކަލަ މަޖިލީހުގައި ދެއްކި އެއްވެސް ވާހަކަޔަކާ އަޅައިނުލާ ހަމަ ހިތުހުރިގޮތަކަށް ހަދާފަ އަނބުރާ ފޮނުވަނީ.... އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، މިއީ ވަރަށްބޮޑު ވާހަކައެއް މިދަންނަވަނީ. ރައީސް މައުމޫން ރާއްޖޭގައި އަނިޔާވެރި ވެރިކަމެއް ކުރެއްވި ވާހަކަ މިއޮއްހާދުވަހު އަޅުގަނޑުމެން ދައްކަމުން މިއައީ، މިއޮއްހާދުވަހޭ މިދެންނެވީ އަހަރެއް، ދޮޅުއަހަރެއް. އައިއިރުގައި ބައެއް މީހުންނަށް ފޯކަސް ގެއްލިފައި އޮތް ކަމެއް އެބައޮތް.... ރައީސް މައުމޫނަކީ އޭނާގެ ޒާތުގައި އެއްވެސް ބާރެއް އޮތް މީހެއް ނޫން. އެއްވެސް ބާރެއް އޮތް މީހެއްނޫން. ދިވެހިރާއްޖޭގައި ގާނޫނީ ހަމަތަކުގެމަތިން އަދިވެސް ބާރުއޮތްތަނަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް. ޣައިރުގާނޫނީ ވެރިކަމެއް ހިންގަން ރައީސުލްޖުމްހޫރިއްޔާއަށް ބާރުދީގެން އެތިބަ ޑީއާރުޕީގެ ޚާއިނު މެންބަރުން މިރާއްޖޭގެ ކަންތައް މިހެން ދަމަހައްޓާ ބަޔަކީ. ކޮންމެ އެއްޗެއް މަޖިލީހަށް ދާއިރަށް މައުމޫން ބޭނުންހާ ގޮތަކަށް މަޖިލީހުން މީތި މިފާސްކޮށްދެނީ. އެހެންވީމާ، އިސްލާހު ގެންނަން ބޭނުމިއްޔާ އަޅުގަނޑުމެން މިޖެހެނީ ރައްޔިތުންގެ ވިންދާ ޚިލާފަށް ގާނޫނު އަސާސީގެ ރޫހާ ޚިލާފަށް ގާނޫނުތަކާއި މައްސަލަތައް ރައްޔިތުންގެ މަޖިލިހުން މައުމޫނަށް ފާސްކޮށްދޭ މީހުންނަށް އެބަޖެހޭ އަމާޒުކުރަން. އެމީހުން އެއަދާކުރާ ނާމުންކިރު ދައުރު އެބަޖެހޭ ރައްޔިތުންނަށް ހާމަކޮށްދޭން، ރައްޔިތުންގެ ނަމުގައި ގޮސްތިބެ އެމީހުންގެ އަމިއްލަ މަންފާ ކުރިއަށް ނެރެގެން. މައުމޫންކުރާ ހުރިހާ ނުބައިކަމެއްގެ 80 ޕަސެންޓް ޒިންމާ އުފުލަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގައި މައުމޫނަށް ތާއީދުކޮށްގެން ތިއްބެވި މެންބަރުން. އެމީހުން ބޭނުމިއްޔާ މިހާރުވެސް މިރާއްޖެ އިސްލާހުކުރެވޭނެ. މައުމޫނު ހުރިގޮތަށް ބަހައްޓާފައިވެސް. އޭރުން މައުމޫނަށް މަޖުބޫރުވާނެ ބަޑިހިފައިގެން ނުކުމެ އޭނާގެ ހަގީގީ ސިފަދައްކަން. އެކަމު މަންޒަރު ރީތިކޮށްގެން މިކަންތައް ހިންގާލަ ހިންގާލަ މައުމޫނަށް އެހުރެވެނީ ރައްޔިތުންގެ މަޖިލީހުގައި ތިބޭ މެންބަރުންގެ ތެރެއިން 26 މެންބަރަކު މަދުވެގެން އޭނާއަށް ބައިއަތުހިފާތީ.... ހުންގާނު ހިފައިދޭން މިހުންނަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައި ހުންނަ މަޖިލީހުގެ ރައީސް.'' އިބްރާ ވިދާޅުވިއެވެ.
 

No comments:

Post a Comment

Your comment is awaiting moderation!