2006-10-03

ގޭގެ ބަންދަށްފަހު ކަނޑިންމަ ބަންދު

މިފަހަކަށް އައިސް ތަފާތު ރަށްރަށުގެ ރައްޔިތުން ރަށަށް ވަންނަން އޮންނަ ނެރު ބައްދާ ވާހަކަ އަޑުއިވެއެވެ. ނަމަވެސް ސަރުކާރުން ރަށެއްގެ ނެރު (ކަނޑިންމަ) ބެއްދި އަޑު އެހި އަދި އެފަދަ މަންޒަރެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

އައްޑޫ އަށް ދިޔަ އެމްޑީޕީގެ ވަފްދު 30 ސެޕްޓެމްބަރ 2006 ވީ ދުވަހުގެރޭ މާލޭ އެއް ނަންބަރު ޖެޓީއާވީ ސަރަހައްދަށް ވަނަނުދީ ކަނޑިންމައިގެ ހުރަހަށް ކޯސްގާޑް ލޯންޗެއް ބާއްވައި ހުރަސް އަޅައިފިއެވެ. މިހެން ހެދުމުން އެމްޑީޕީގެ މަންދޫބުން ތިބި ލޯންޗްވެސް ކަނޑުމަތީގައި ގަޑިއެއްހާއިރު މަޑުކޮށްގެން ތިއްބެވެ.

އައްޑޫއިން ދަތުރުކޮށްފައި އައި އެމްޑީޕީގެ މި ވަފްދަށް މަރުޙަބާ ދެންނެވުމަށް އެތަށް ސަތޭކަ ދިވެހިރައްޔިތުންނެއް އެއްނަންބަރު ޖެޓީއާވީ ސަރަހައްދަށް ޖަމާވެފައި ވަނިކޮށް ސަރުކާރުން ހިންގި މިޢަމަލުގެ ސަބަބުން ވަރަށް ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކުރިއެވެ. އެތާނގައިހުރި ހަރުކުލައިގެ މީހަކު، ނެރުމަތީގައި އޮތް ކޯސްޓްގާޑާދިމާއަށް އަތްދިއްކޮށްފައި ބުނީ "ސަރުކާރުން ވައުދުވެފައި ހުންނަ ކަންތައްތައް ނުކޮށްދޭތީ ރަށެއްގެ ރައްޔިތުން ވެގެން ނެރުބައްދައިފިއްޔާ އެވޭ ހިސާރުކުރުމަށް، ނޫނީ ޣައިރުގާނޫނީ ޢަމަލެއް ހިންގިކަމަށް، މިޖެހެނީ ވަކި ކޮންތާކު'' މިފަދައިންނެވެ. އެތަނުގައި އެތަނުގައި ތިބި ގިނަ މީހުން ބުނިގޮތުގައި މިކަމުން މި ދޭހަކޮށްދެނީ ސަރުކާރަށް ގޮތް ހުސްވެފައިވާ ކަމުގެ ނިޝާނެކެވެ. ''މިހާރުދެން ހެދޭ ނުހެދޭ، ކުރެވޭ ނުކުރެވޭ ވެސް ނޭނގެނީ، މިވެސް ދެން ކަމެއްނު'' ލާނަތް ހިނިގަނޑަކާއެކު މީހަކު ކޮށްލީ މަލާމާތެވެ.


ލޯންޗް ފަޅަށް ވަނަނުދީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ ބޭކަލުން ކުރެއްވި މަސައްކަތާއެކު ވަގުތު ދިގުލާންފެށިއެވެ. އެޔާއެކު ޖަމާވަމުންދިޔަ މީހުންގެ އަދަދުވެސް ގިނަވާންފެށިއެވެ. އެއްވެފައި ތިބި މީހުންގެ ކެތްތެރިކަންވެސް ކޮޅުންލާންފެށިއެވެ. އެޔާއެކު އަޑުހަރުކޮށް އިސްތިއުފާއަށް ގޮވުމުގެ ސިލްސިލާއެއްގެ އަޑު ގުގުމަންފެށިއެވެ. ތާއަބަދު އެގޮވާ ގޮޅާބޯގެ އިސްތިއުފާ އަށާއި ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ އިސްތިއުފާއަށެވެ. މި ސިލްސިލާ ހިނގަމުންދަނިކޮށް ސިފައިންގެ އިސްބޭކަލެއް ކަމުގައިވާ ޒަކަރިއްޔާ މަންސޫރު އެތަނަށް ވަޑައިގެންނެވިއެވެ. ޒަކަރިއްޔާ ވަޑައިގެންނެވީ ލޯންޗް އެއްނަންބަރު ޖެޓީއާ ކައިރިކުރުމަށް ހުއްދަ ދީފިކަން އެއްވެފައި ތިބި މީހުންނަށް އެންގުމަށްޓަކައެވެ. އެވަގުތު އޭނާ ގާތަށް ވަރަށްގިނަބަޔަކު އެއްވެ ހަޅޭއްލަވައި އަޑުގަދަކޮށް އޭނާ ކޮއްޕާ ގަޅުވާ ހެދިއެވެ. ސިފައިންގެ ހުރަސްއެޅުމުގެ ސަބަބުން ލޯންޗް ފަޅަށް ނުވެއްދި އޮންނަތާ އޭރު ގާތްގަނޑަކަށް ގަޑިއެއްހާއިރު ވެދާނެއެވެ.

ޒަކަރިއްޔާ މަންސޫރާއި އާންމުންނާމެދު ހިނގަމުންދިޔަ މުޢާމަލާތު ހިނގަމުން ދަނިކޮށް ފެނުނީ އެއްވެފައިވާ އާންމުންގެ ތެރެއިން މައްޗަށް، އެމްޑީޕީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު (އަންނި) އުފުއްލައިލި ތަނެވެ. އެޔާއެކު އުފާފާޅުކުރުމުގެ އަޑުގަދަވެ، ތަރުހީބުގެ އަތްތެލަބަޑީގެ އަޑު އަރައިގެން ދިޔައެވެ. އެއްވެފައިވާ މީހުންތަކުގެ ތެރެއިން އަންނި އައިސް ޖުމްހޫރީ މައިދާނުގެ ޕާކުގެ ގާފޮޅެއް މައްޗަށް އަރައި ހުރެ އެއްވެފައިވާ އާންމުންނާ މުޚާތަބުކުރެއްވިއެވެ.

ފަސްމިނެޓެއްހާ ވަގުތުކޮޅަކަށްފަހު ޗާންދަނީމަގުން ދެކުނަށް ހިނގައިގަތެވެ. އިރުކޮޅެއްފަހުން ފެނުނީ އަންނި ކާރަކަށް އެރިތަނެވެ. އެއްވެފައިވާ މީހުންގެ ތެރެއިން ކާރު ކުރިއަށް ދުއްވުމަށް މަގުހަދައިގެން އަތާއި އަތް ގުޅުވައިގެން އެތައް އާންމުންނެއް ތިއްބެވެ. ޖުމްހޫރީ މައިދާނުން އަންނިގެ ގެއަށް ކުރި މިދަތުރުގައި ކާރުގެ މަޑު ދުވެއްޔާ އެއްވަރަށް އެތައް ބަޔަކު ހިނގާފައި އާއި ސައިކަލްގައި ބައިވެރިވިއެވެ. މި ދަތުރު ކުރިއަށްދިޔައިރު އާންމުން އުފާފާޅުކޮށް ފޯރިނަގަމުން އެމީހުންގެ ޝުއޫރުތައް ފައުޅުކުރިއެވެ.

2005 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 12 ވަނަ ދުވަހު އަންނި ހައްޔަރުކޮށް، ދައުވާކުރުމާއެކު ގޭބަންދުގައި ބަހައްޓާތާ އަހަރަކާ ކައިރިވެފައިވަނިކޮށް އޭނާ ގޭބަންދުން ދޫކޮށްލާފައިވަނީ ފާއިތުވި ސެޕްޓެމްބަރުމަހުގެ 21 ވަނަ ދުވަހުއެވެ. ގޭބަންދަށްފަހު ރަށުންބޭރަށް އޭނާ ކުރެއްވި ދަތުރުފުޅު ކުރެއްވީ އައްޑުއަތޮޅަށެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ ހައިސިއްޔަތުން އެޕާޓީގެ ވަފުދަކާއެކު އައްޑުއަތޮޅަށް އަންނި ކުރެއްވި ދަތުރަށް އައްޑޫ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބުނެވެ. ގޭބަންދަށްފަހު ކުރެއްވި ފުރަތަމަ ދަތުރު ނިންމަވާފައި މާލެއަށް ވަޑައިގެންނެވިއިރު ކަނޑިންމަ ބަންދު ކަނޑިންމަ ބަންދުކޮށް އެއްނަންބަރު ޖެޓީއަށް ފޭބިއަނުދޭން މަސައްކަތްކުރީ މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްގެ ބޭކަލުންނެވެ.

No comments:

Post a Comment

Your comment is awaiting moderation!