2006-11-11

އަހަރެން - އަހަރެން - އަހަރެން


ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މި މަހުގެ 10 ވީ ހުކުރު ދުވަހު އިމާމުވެ ހުކުރު ކުރެއްވިއިރު ވަނީ ވަރަށް މުހިންމު އެހާމެ ބޭނުންތެރި ވާހަކަތަކެއް ވިދާޅުވެފައެވެ. މައުމޫން ޢަބްދުލްޤައްޔޫމް އަޒުހަރު ޔުނިވަރސިޓީން ކިޔަވާވިދާޅުވެގެން ވަޑައިގަތް ދުވަސްވަރުވެސް ވަނީ ދީނީ ހޭލުންތެރިކަން ދިވެހި ރައްޔިތުން ގައި އަށަގެންނެވުމަށްޓަކައި މަސައްކަތްތަކެއް ކުރައްވާފައެވެ. އެމަނިކުފާނުގެ ދަރުސްތަކާއި ފަތުވާތައް މުހިންމުވެ ގިނަބަޔެއްގެ ސަމާލުކަން އެމަނިކުފާނަށް ލިބިވަޑައިގަތީ އެ ސަބަބާހުރެއެވެ.

މިފަހަކަށް އައިސް ކުރީގެ ފަތުވާތަކާއި ދަރުސްތައް ބަދަލުކުރައްވައި ''ޒަމާނަށް ފައްތަވައިގެން'' ބޭނުން ކުރައްވާ ކަމުގެ އިލްޒާމު ބައެއް ރައްޔިތުން އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވައެވެ. އެވާހަކަ ދައްކާކަށް ނެތީމެވެ. މިވާހަކައެވެ. ނޮވެމްބަރު 10 ވަނަ ދުވަހުގެ ހުކުރު ޚުތުބާގެ ވާހަކައެވެ.

އެމަނިކުފާނަކީ ގަނޑުބެއްލެވުމެއްނެތި ހުކުރު ޚުތުބާ  ވިދާޅުވާ ބޭފުޅެއް ނަމަވެސް، އެދުވަހުގެ ޚުތުބާ ވިދާޅުވީ ގަނޑު ބައްލަވައިގެންނެވެ. އެ ވާހަކަތަކަކީ ވަރަށްވެސް މުހިންމު ވާހަކަތަކަކަށް ވެފައި އެ ޚުތުބާއަށް ލިބޭ ކުޑަވެސް އުނިކަމަކީ ބޮޑު ގެއްލުމަކަށް ވެދާނެތީވެ ގަނޑު ބައްލަވައިގެން ވިދާޅުވީ ކަމުގައި ގަބޫލު ކުރަމާހެވެ. މިކަންތައްތައް ހަނދާން ނައްތާލައިފާ ޚުތުބާގައި ވިދާޅުވި ބައެއް ވާހަކަތަކަށް ސަމާލުކަމެއް ދެމާހެވެ.


ޚުތުބާގައި އެމަނިކުފާނު ވިދާޅުވީ މާތްﷲ ގެ ނިއުމަތްތަކަށް ޝުކުރު ނުކުރެވެނީ އަދި ނިޢުމަތްތަކުގެ މަތިން ހަނދާން ނެތެނީ އަބަދުވެސް ތިމާގެ އަމިއްލަ ނަފްސާ ދޭތެރޭ ވިސްނާތީ ކަމުގައެވެ. މިމޭރުމުން ޚުތުބާ ކުރިއަށް ގެންދަވަމުން ވިދާޅުވީ ނިއުމަތަށް ޝުކުރު ނުކުރާ މީހަކީ ކިތަންމެ ފައިސާވެރިއަކަށް ވިޔަސް ކިތަންމެ ބާރުގަދަ މީހަކަށް ވިޔަސް، އަބަދުވެސް ވިސްނާނީ ނުވެ ހުރި ކަންތައްތަކާ ދޭތެރޭ ކަމަށާއި އެފަދަ މީހަކު ހިތްހަމަޖެހިލައިގެން ހުންނަ އުފާވެރި ދުވަހެއް އައުމަކީ ނާދިރު ކަމެއްކަމުގައި ވިދާޅުވި އެވެ. އެއާ ޚިލާފަށް ތިމާ ފަދަ އެހެން މީހުން މަތިން ހަނދާންކޮށް، ހެޔޮކަމެއް ކޮށްދެވޭތޯ ބަލާ މީހަކު އަބަދުވެސް ހުންނާނީ އެ މީހަކަށް ލިބިފައިވާ އެއްޗަކުން ފުދިގެން ހިތްހަމަޖެހިފައި ކަމަށް ވެސް  ވިދާޅުވި އެވެ. އަދި ކޮންމެ އިންސާނަކު ވެސް މި ދުނިޔޭގައި އުޅޭ އުޅުމުގައި އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އުފަލާއި ހިތްހަމަޖެހުން ހޯދުން ކަމަށާއި އޭނާގެ ހުރިހާ ވެސް ވިސްނުމަށާއި ފިކުރަކާއި، މަސައްކަތެއް ބިނާ ވެފައި އޮންނަނީ އެކަމުގެ މައްޗަށް ކަމުގައި ވެސް ވިދާޅުވި އެވެ. އަދި  ވިދާޅުވި ގޮތުގައި އޭނާ އަށް ކުރިއެރުމާއި ކާމިޔާބީ ލިބެނީ އެގޮތުން ކުރާ މަސައްކަތެއްގެ ސަބަބުންނެވެ. އޭނާއަށް މަގުއޮޅި މަގުފުރެދިގެން ދަނީ ވެސް ހަމަ އެކަމުގެ ސަބަބުންނެވެ.
އަޅުގަނޑުމެންގެ ވަށައިގެން ނަޒަރު ހިންގާއިރު ވަރަށް މަދު މީހަކު މެނުވީ ހިތްހަމަޖެހިފައި ހުއްޓާ ނުފެންނަ ކަމަށާއި ގިނަ މީހުން ތިބެނީ ހިތްހަމަނުޖެހި ކޮންމެވެސް ކަމަކާ ފިކުރު ބޮޑުވެ، ހާސްވެ އަދި ހިތް ނުތަނަވަސް ވެފައި ކަމުގައި ވި އެވެ. އޭގެ ސަބަބުގެ މައްޗަށް ބައްލަވާލައްވަމުން ހަގީގަތުގެ އަލިކަމުގެ ތެރެއަށް ނުކުމެ މިކަން ބުއްދީގެ ވިސްނުމުގެ ހަމަ ތިލަފަތުން މިނެ ކިރާލައިފިނަމަ ވަރަށް ފާޅުކަން ބޮޑު ހަގީގަތެއް އަޅުގަނޑުމެންނަށް ފެނިގެން ދާނެ ކަމަށާއި އެ ހަގީގަތަކީ ހަގީގީ ހިތްހަމަޖެހުން ގެނެސްދޭ ކަމަކީ ނިއުމަތަށް ޝުކުރު ކުރުން ކަމާއި މާތްﷲ އެ މީހަކަށް މިންވަރު ކުރައްވާފައިވާ ގޮތަށް ރުހި ގަބޫލުވުން ކަން ބަޔާން ކުރެއްވި އެވެ.

އެމަނިކުފާނުގެ ޚުތުބާގައި ކޮންމެ ކަމެއް ދިމާވިޔަސް ހަގީގީ މުއުމިނުންނަށް މާތްﷲ ވަނީ ހެޔޮގޮތްތައް ދައްކަވާފައި ކަމަށާއި ހިތްދަތިކަން އިހްސާސް ކުރަން ޖެހޭ ވަގުތު ކެތް ކުރުމަށް ވަނީ އަންގަވާފައި ކަމުގައި ވިދާޅުވި އެވެ. ކީރިތި ޤުރްއާނުން މިކަމުގެ ދަލީލުތައް ދައްކަވަމުން ދެރައެއް ހިތާމައެއް ދަތިކަމެއް ދިމާވެއްޖެނަމަ ދުއާ ކުރުމަށް ވެސް ވަނީ އަންގަވާފައި ކަމަށާއި ދުއާ ކުރުމަކީ ވެސް އަޅުކަމެއް އަދި ސަވާބު ލިބޭ ކަމެއް ކަމުގައި ވިދާޅުވި އެވެ. މާތްﷲ ގެ ނިއުމަތަކަށް ޝުކުރުވެރިވެ، ތިމާއަށް އެ ވަގުތަކަށް ﷲ މިންވަރު ކުރައްވާފައިވާ ގޮތަށް ރުހި ގަބޫލުވެ އަނެކުންނަށް އިހްސާންތެރިވެ އެހީތެރިވެދޭ ބަޔެއްގެ މެދުގައި އޮންނާނީ ވަރަށް ގާތް އަޚުވަންތަކަމުގެ ގުޅުމެއް އުފެދި، އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުވެފައި ކަމުގައި ވެސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެފަދަ ބަޔެއްގެ މެދުގައި ދެކޮޅުވެރިކަމާއި ރުޅިވެރިކަން ފެތުރިފައެއް ނޯންނާނެ އެވެ. ހިޔާލު ތަފާތު ވިޔަސް ފިތުނަ ފަސާދައާއި ބައިބައިވުމެއް ނޯންނާނެ އެވެ.

އެމަނިކުފާނު ވިދާޅުވި މިވާހަކަތަކަކީ ކިހާ މުހިންމު ވާހަކަތަކެއްތޯއެވެ؟ މިއަދުގެ ރާއްޖޭގެ ޙާލަތަށް ބަލާއިރު މިއީ ކޮންމެހެންވެސް ބަލައިގަންނަން ޖެހޭ ވާހަކަ ތަކެކެވެ. ކަންތައް ވަމުން މިދަނީ އެމަނިކުފާނު ވިދާޅުވާ ބީދައިންނެވެ. ކޮންމެ މީހަކަށްވެސް ވިސްނެނީ ތިމާގެ އަމިއްލަ ނަފުސާ މެދުގައެވެ. ތިމާއަށް ނުކުރެވި ހުރި ކަންތަކާ މެދުގައެވެ. ފުއްދަން ބޭނުންވެފައިހުރި ކަންތައްތަކާ މެދުގައެވެ.

އެމަނިކުފާނު އަޑަށް ބާރުލައްވާފައި ތަކުރާރު އކޮށް ވިދާޅުވީ ހަމަ ރަނގަޅަށެވެ. ''އަހަރެން، އަހަރެން، އަހަރެން'' ނެވެ. ކޮންމެ މީހެއްގެވެސް ވިސްނުމާއި ފިކުރާއި ޚިޔާލުގެ މިސްރާބަކީ އަހަރެން ކާމިޔާބު ކުރުމެވެ. އަހަރެން މޮޅު ވުމެވެ. އަހަރެންގެ ދިރިއުޅުން ތަނަވަސް ވުމެވެ. އިންސާނީ ޠަބީޢަތަށް ބަލާއިރު އަހަރެން އަހަންނާމެދު ނުވިސްނިވަރަކަށް ވިސްނާނޭ ދެވަނަ މީހަކު ނުހުންނާނޭ ކަމަށް އެންމެންވެސް ގަބޫލުކުރެއެވެ. ވީއިރު އަހަރެން އަހަރެން އަހަރެންގެ މައްސަލައަކީ ކޮބައިތޯއެވެ؟ އަމިއްލަ އެދުމުން ފޯނުވާ އިންސާނަކީ ކާކުތޯއެވެ؟ އަހަރެންގެ ދުނިޔޭގައި އަހަރެން އަހަރެންގެ ގޮތުގައި ''ނަފްސީ ނަފްސީ'' ދިރިއުޅުމެއް އުޅުމަކީ އަދި ބަޔަކަށް މާބޮޑު އުނދަގުލެއް ވާނޭ ކަމެއް ނޫނެވެ.

ނަމަވެސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ޚުތުބާގައި ވިދާޅުވިފަދަ ސިފަތައް އިންސާނެއްގެ ގައިގާ ހުރެމެ އޭނާއަކީ އެތައް ރައްޔިތުން ތަކެއްގެ ވެރިއަކަށް ވެއްޖެނަމަ އެވިދާޅުވާ އަހަރެންގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތި އުނދަގޫތައް ގިނަވާނެއެވެ. ރައްޔިތުންގެ މަސްލަހަތަށްވުރެ އަހަރެންގެ މަސްލަހަތު އިސްކުރަން ޖެހިދާނެއެވެ. ރައްޔިތުންނަށް ވުރެ ބޮޑަށް އަހަރެންގެ އާއިލާ ހިމާޔަތް ކުރަންޖެހި ދާނެއެވެ. ރައްޔިތުންގެ ޙާލަށްވުރެ ބޮޑަށް އަހަރެންގެ ގާތްމީހުންގެ ޙާލަށް ބަލަން ޖެހިދާނެއެވެ. އޭރުން އެ އަހަރެންގެ ސަބަބުން އެތައް ބައެއްގެ ހައްގު ނިގުޅައިގަނެވުނީއެވެ. އަހަރެންގެ ބޭނުމަށްޓަކައި އެތައް ބަޔަކު ހަވާލުކުރި އަމާނާތަށް ޚިޔާނާތްތެރި ވެވުނީއެވެ.

އެމަނިކުފާނު އެވިދާޅުވާހެން އަހަރެންގެ މައްސަލަ ބޮޑެވެ. އެކަމަކު އެއީ އަހަރެންވެސް ބޮޑުވި ވަރަކަށެވެ. މިގައުމުގައި އެންމެބޮޑު އަހަރެންގެ ދަރަޖަ ލިބޭނޭ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. ޤާނޫނު އަސާސީން ހުރިހާ ބާރެއްދީފައިވަނީ އެމަގާމުގައި ހުންނަ މީހަކަށެވެ. އެމީހަކީ ކާކުތޯ ބަލާއިރު މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ އެމަޤާމުގައި 82 ވަނަ އަހަރެއް ހޭދަކުރައްވަމުން ވަޑައިގަންނަވާ މައުމޫން އަބްދުލް ގައްޔޫމެވެ.

ޚުތުބާގައި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވި ވާހަކަތަކުން ކުޑަ މިންވަރެއްވެސް އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއާ ގުޅޭނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.... ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ހުވާކުރައްވައިގެން ހުންނަވައި ރައްޔިތުންނަށްވުރެ ބޮޑަށް ''އަހަރެން'' އިސްވެއްޖެނަމަ ޚުތުބާގައި އެވިދާޅުވި ހުރިހާ ކަމަކަށްވެސް މިމުޖްތަމައުގައި ފުރުސަތު އޮންނާނެއެވެ. އެބައޮތްވެސް މެއެވެ.

ސަބަބަކީ ހަމަ ޚުތުބާގައި އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވި ސަބަބެވެ. އަހަރެންނަށް އަހަރެންގެ ކަންތައްތަކަށް އިސްކަން ދެވުނީއެވެ. ރައްޔިތުންގެ ވެރިއަކަށް ވުމުގެ އެދުން ބޮޑުވީއެވެ. ވޯޓުން ހޮވުން ނަމަވެސް އަހަރެން އަހަރެންގެ ދިފާއަށްޓަކައި ފިސްތޯލަވެސް އެތެރެކުރީއެވެ. އެހިއްޕަވައިގެން ހުންނަވައި ހުވާވެސް ކުރެއްވީއެވެ. މަގާމާއެކު ވޯޓްދިން އެންމެ އާދައިގެ ރައްޔިތުންގެ މަތިން ހަނދުމަނެތި އަހަރެންގެ އާއިލާއަށް އިސްކަންދެވުނީއެވެ. އަހަރެންގެ ގާތްމީހުން އިސްކޮށް، ދެކޮޅުމީހުން ނައްތާލަން މަސައްކަތް ކުރެއްވީއެވެ.

އަހަރެންނަށް އަހަރެންނޫން އެހެން މީހަކު ނެތެވެ. އަބަދުވެސް އަހަރެން، އަހަރެން، އަހަރެން ނެވެ. ރައްޔިތުންގެ ހަމަހަމަކަން ގެއްލުނީ އަހަރެންގެ އާއިލާއާއި ގާތްމީހުންނަށް ދޭންޖެހުނު އިސްކަމެއްގެ ސަބަބުންނެވެ. ރައްޔިތުންނާމެދު ބޭއިންސާފުން ކަންތައް ކުރަންޖެހުނީ އަހަރެން އަހަރެންގެ މަގާމު ދިފާއުކުރަން ބޭނުންވާލެއް ބޮޑު ކަމުންނެވެ.

ހުކުރު ޚުތުބާގައި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އެވިދާޅުވި ވާހަކަތަކަކީ ނުހަނު ޢިބްރަތްތެރި އެހާމެ މާނަފުން ވާހަކަތަކެކެވެ. ގައުމުގެ ވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަށް އެބޭފުޅުންގެ ''އަހަރެން'' ފެނިވަޑައިގެންފި ނަމަ ޚުތުބާގައި އެމަނިކުފާނު އެވިދާޅުވާ ހުރިހާކަމެއްމެ ނުވެ ނުދާނެއެވެ. ހުކުރު ޚުތުބާގައި އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވި ވާހަކަތަކުން އަޅުގަނޑުމެންގެ ޤައުމުގެ ވެރިން ޢިބްރަތް ހާސިލްކުރައްވާނޭ ނަމަ ކޮންފަދަތޯއެވެ.

No comments:

Post a Comment

Your comment is awaiting moderation!